ޚަބަރު

ރާއްޖެއަށް ގެނައި Baykar TB2 ޑްރޯން ތަކުގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލު ކަމެއް ނެތް! އެއާއި ގުޅޭ މިސައިލްތަކެއް ނެތް! ޑްރޯން މެދުވެރިކޮށް އެއްވެސް އުޅަނދަކާއި ވާހަކަ ދެއްކޭނެ ގޮތެއް ނެތް!

ދިޔަވަރު
ރާއްޖެއަށް ގެނައި Baykar TB2 ޑްރޯން ތަކުގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލު ކަމެއް ނެތް! އެއާއި ގުޅޭ މިސައިލްތަކެއް ނެތް! ޑްރޯން މެދުވެރިކޮށް އެއްވެސް އުޅަނދަކާއި ވާހަކަ ދެއްކޭނެ ގޮތެއް ނެތް!

ރާއްޖެއަށް ގެނައި Baykar TB2 މަރުކައިގެ ތުރުކީގެ ޑްރޯން ތަކުގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލު ކަމެއް ނެތްކަން ހާމަ ވެއްޖެއެވެ. ދިޔަވަރު ނޫހުން ބެލި ބެލުމުން އެނގުނު ގޮތުގައި ތުރުކީއިން ގެނައި ޑްރޯންތަކުގައި ބޭނުން ކުރަން ޖެހެނީ، ތުރުކީއިން އުފައްދާ ހާއްސަ ކުރު ރާސްތާ ލޭޒާރ މިސައިލްތަކެކެވެ. ނަމަވެސް ހަތިޔާރު އުފައްދާ މަދު ބަޔަކު TB2 އަށް ބޭނުންވާ މިސައިލް ނުވަތަ ލޭޒަރ ގައިޑެޑް ބޮން އުފައްދައެވެ. ރާއްޖެއަށް ޑްރޯން ގަތް އިރު، Baykar TB2 އާއި ގުޅޭ މިސައިލްތަކެއް ސަރުކާރުން ގަނެފައިވާ ކަމެއް އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ. އަދި އެފަދަ މިސައިލްތަކެއް ރާއްޖެއަށް ގެނައި ކަމަކަށް ނުބެލެވެއެވެ. އެއީ މިފަދަ މިސައިލްތަކަކީ އަގު ބޮޑު ހަތިޔާރުތަކަކަށް ވެފައި، އެފަދަ ހަރަދެއް ކުރިކަން ސަރުކާރުގެ އެއްވެސް ލިޔެކިޔުމަކުންވެސް އެނގެން ނެތުމުންނެވެ.

ރާއްޖޭގެ އެތެރެވަރީގެ ސަރަހައްދަށް ޗައިނާގެ އުޅަނދުތަކާއި، ކަނޑުއަޑިގެ ޑްރޯންތައް ވަދެ، ރާއްޖޭގެ ހުއްދަ ނެތި ކަނޑުގެ އަޑި ސްކޭން ކުރަމުން ދިޔައަސް، ލޭޒަރ މިސައިލެއް މި ޑްރޯންތަކުގައި ނެތުމުން އެކަން ހުއްޓުވައި ދުޝްމަނުންނަށް ހަމަލާ ދިނުމުގެ ކުޅަދާނެކަމެއް މި ޑްރޯން ތަކަކަށް ލިބިގެން ނުވެއެވެ.

ދެވަނަ ކަމަކަށް، ޗައިނާއިން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރަމުންދާ ހާލަތެއްގައިވެސް، އެކަން ހުއްޓުވުމަށް، މި ޑްރޯންތަކަށް އެތަން ވީޑިޔޯ ނޫނީ ފޮޓޯ ނެގުން ނޫން އިތުރު ކަމެއް ކުރެވޭކަށް ނެތެވެ. އެނބުރި ދިޔުމަށްވެސް ބުނެލެވޭކަން ނެތެވެ. އެފަދަ ކޮމިއުނިކޭޝަން ގާބިލް ކަމެއް ނެތްކަން މި ޑްރޯންގެ ސްޕެސިފިކޭޝަން ތަކާއި އެކު ތުރުކީއިން އާންމު ކޮށްފައިވާ މައުލޫމާތު ތަކުން ސާފުވެއެވެ.

އެހެންކަމުން މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށްވެސް، އެޅޭނެ ފިޔަވަޅެއް ނޯންނާނެއެވެ. މާލެއިން ނުވަތަ ކަނޑައެޅިފައިވާ ރާއްޖޭގެ އަސްކަރީ ސަރަހައްދަކުން، ކޯސްޓް ގާޑް ފުރައިގެން އަންނަން ވާއިރަށް، ޑްރޯން އަށް ހަމަލާދީ ދުޝްމަނު ބަޔަކު ފިލުމަކީ އެކަށީގެން ވާ ކަމެކެވެ.

އަނެއް ކޮޅުން، Baykar TB2 އަކީ އަސްކަރީ ގޮތުން އޭގެ ބޭނުން ކެނޑިގެން ޔޫކްރެއިން ހަނގުރާމާގައި ބޭނުން ކުރުން ހުއްޓާލާފައިވާ ޑްރޯން ތަކެކެވެ. ވަކިން މަސައްކަތް ކުރާ 3 ފްލައިޓް ސިސްޓަމް މި ޑްރޯންތަކުގައި ހުރި ނަމަވެސް، މި ޑްރޯން ތަކުގެ ހަލުވި މިން ލަސްވުމުން ފަސޭހައިން ހަމަލާދީ، ވައްޓާލެވެއެވެ. އެހެންކަމުން ޔޫކްރެއިން ހަނގުރާމާގައި ޔޫކްރެއިންއިން މި ޑްރޯންތައް ބޭނުން ކުރުން ވަކި ހިސާބަކުން ހުއްޓާލިއެވެ.

އެހެންކަމުން، މި ޑްރޯން ތަކަކީ އަދި އަސްކަރީ ގޮތުން ބަލާނަމަ، ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް، ދިވެހިންގެ އިސްތިޤްލާލް ހިފެހެއްޓޭ ވަރުގެ ޤާބިލު ކަމެއް ހުރި ޑްރޯންސް ތަކެއް ކަމަށް ނުބެލެވެއެވެ. ފޮޓޯ އާއި ވީޑިޔޯ ނެގުން ނޫން ކަމެއް އަދި މި ޑްރޯން ތަކުން ކުރެވޭކަށް ނެތެވެ.

ދިވެހި އަސްކަރިއްޔާއަށް މިއަށް ވުރެ ވަރުގަދަ، ޕައިލެޓާއި، މިސައިލް ތަކާއި އެކު، ބާރު ދުވެލީގައި ދަތުރު ކުރެވޭ އަސްކަރީ ފްލައިޓްތައް ހޯދަން ޖެހޭ ކަމުގައި ޤަބޫލު ކުރަމެވެ. އަދި މި ފްލައިޓް ތައް ޖެއްސޭ ގޮތަށް ކަނޑުގެ ސަރަހައްދުގައި އަސްކަރީ ބިޔަ މަނަވަރެއް އޮތުންވެސް ވަރަށް މުހިންމެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހާއްސަ ޝައުޤުވެރިކަމެއް ބާއްވައިގެން، މި ސަރަހައްދުގެ ޤައުމުތަކުގެ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ޗައިނާ ފަދަ، އިސްލާމުންނާއި ދުޝްމިނު އަދި މުސްލިމުންނަކީ ދުނިޔޭގައި ތިބެންޖެހޭ ބައެއް ނޫން ކަމަށް ޤަބޫލު ކުރާބަޔަކު ރާއްޖޭގެ އީއީޒެޑް މަތީ މަނަވަރު ބަހައްޓައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސްކޭން ކުރަމުން ދާއިރު، ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެވޭނެ ހަމައެކަނި ގޮތަކީ، ރާއްޖެ އަށް ހަތިޔާރު އެތެރެކޮށް އަސްކަރީ ބާރު ވަރުގަދަކޮށްގެންނެވެ.

އެހެން ނޫނަސް، ރާއްޖެއަށް ޑްރޯން ގެނައުމަކީ ރައީސް ސޯލިހްގެ ސަރުކާރުން ކުރަން ނިންމައި އެތައް ބަޔަކާއި މަޝްވަރާ ކުރަމުން ދިޔަ ކަމެކެވެ. އެހެން ކަމުން މިއީ މުއިއްޒު ދިވެހި ޤައުމިއްޔަތު ހިމާޔަތް ކުރަން ކުރި ކަމެއް ކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނުވެސް ނެތެވެ. މިއީ ހަމަ ރިބަން ފަށެއް ކަނޑާލައި، ކްރެޑިޓް ނެގުން ފަދަ ކަމެކެވެ.