މޯލްޑިވިއަންއިން އެތެރޭގެ ހުރިހާ ރޫޓެއްގައި ޕްރޮމޯޝަނަލް އަގުތައް ތައާރަފް ކޮށްފިކަމަށް ބުނެ އޮޅުވާލައިގެން, އެ އެއަރލައިންގެ ބޮޑު އަގުގައި ޓިކެޓްތައް ވިއްކަން ފަށައިފިއެވެ.
މިއަދު ހަވީރު މޯލްޑިވިއަން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިން ރާއްޖޭގެ ހުރިހާ ރޫޓެއްގައި ކުރާ ދަތުރުތަކަށް ޕްރޮމޯޝަނަލް އަގުތަކެއް މިއަދު ތައާރަފް ކޮށްފައިވާ ކަމުގައެވެ. އަދި އެއީ މޯލްޑިވިއަންއަށް ލިބޭ ވަރަށްބޮޑު އުފަލެއްކަމުގައި ބުނެ, އެ އައރލައިނުން ވަނީ ފެއަރ ޓިކެޓްތަކުގެ އަގުތަކާއި އަދި އެ ފްލައިޓްތަކުގެ ޝެޑިއުލްވެސް އާންމުކޮށްފައެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި މޯލްޑިވިއަން މިއުލާން ކުރުމަށްފަހު, ގިނަ ބަޔަކު ވަނީ ފެއަރގެ އަގުތަކުގައި ޓިކެޓް ގަންނަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ފެއަރގެ އަގުގައި މިމަހުގެ އެއްވެސް ދުވަހަކަށް ޓިކެޓް ލިބޭކަށް ނެތެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ މޯލްޑިވިއަންއިން ޕްރޮމޯޝަނަލް އަގުތަކެއް ތައާރަފްކުރިކަމަށް ބުނެ އާންމު އިއުލާނެއް ކޮށްފައިވަނީ, ފެއަރގެ އަގުގައި ޓިކެޓް ހުސްވި ކަމަށް ބަލާ, ރޯދަމަހުގެ ފަހު ދިހައަށް ރަށްރަށް ދަތުރުކުރާ ފަރާތަކަށް, ބޮޑު އަގުގައި ޓިކެޓް ގަތުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ކަމުގައެވެ.
މޯލްޑިވިއަންއަކީ އަގުބޮޑުކޮށް ޓިކެޓް ވިއްކުމުގެ ބޭނުމުގައި, މި އުސޫލުން ޕްރޮމޯޝަނަލް އަގުތައް އަބަދުވެސް އާންމު ކުރާ އެއަރލައިނެކެވެ. މޯލްޑިވިއަން އާންމު ކުރާ ޕްރޮމޯޝަނަލް އަގުތަކުގައި އާންމުންނަށް އެއްވެސް އިރަކު އަގުހެޔޮކޮށް ޓިކެޓް ގަނެވޭ ގޮތްވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި މިބީދައިން އާންމުކުރާ ޕްރޮމޯޝަނަލް އަގުތަކުގައި އެ އެއަރލައިންގެ އިސްވެރިންގެ އާއިލާތަކާއި ސިޔާސީ އިސް ފަރާތްތަކުގެ އާއިލާތަށް އާންމުކޮށް ދަނީ ދަތުރު ކުރަމުންނެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް އޮތް ހަމައެކަނި ވަސީލަތް ކަމަށް ވާއިރު އެ އެއަރލައިންއިން އާންމު ރައްޔިތުންނަށް ޓިކެޓް ވިއްކަމުންދަނީ އާދަޔާ ޚިލާފް ބޮޑު އަގެއްގައެވެ. އެގޮތުން އެ އެއަރލައިންއިން މާލެއިން އައްޑުއަށް ވިއްކާ ޓިކެޓްގެ އަގަކީ އެއަރލައިން މާލެއިން ބެންގަލޫރަށް ދިއުމަށް ވިއްކާ ޓިކެޓްގެ އަގާއި އެއްވަރުގެ އަގެކެވެ.