ޚަބަރު

ޔަހޫދީންގެ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 4،000 އިން މައްޗަށް

ދިޔަވަރު
ޔަހޫދީންގެ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 4،000 އިން މައްޗަށް

އިޒްރޭލުން ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ޕްރެސް ބްރީފިން އެއްގައި ވާހަކަ ހާމަކުރި ގޮތުގައި އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 4،137 މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ހަމަލާތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންނާ ގުޅޭ ގޮތުން އޮފިޝަލުންނަށް 1،400 އިންކުއަރީ ލިބިފައިވާއިރު އޭގެ ތެރޭގައި 720 ކުޑަކުދިން ހިމެނެ އެވެ. އަދި ޒަހަމްވެގެން 13،260 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

“އޮޕަރޭޝަންތައް ކުރަމުންދަނީ ހޮސްޕިޓަލުގެ ތަޅުން މަތީގައި، ބިންމަތީގައި، ހޮސްޕިޓަލުގެ ކޮރިޑޯތަކުގައި," އަޝްރަފް ވިދާޅުވި އެވެ.

އިޒްރޭލުން ހިންގާ މި ގަތުލު އާއްމުގައި ވަނީ ގާޒާގެ އެތައް ތަނެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްފަ އެވެ. އަދި އެތައް ބަޔަކު މަގުމަތިވެ ހާލުގައި ޖެހިފައިވާއިރު ޔަހޫދީ އިޒްރޭލުން ވަނީ ގާޒާ އިން އަސާސީ ހިދުމަތްތައް ހުއްޓުވާފަ އެވެ. އެގޮތުން ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ވަނީ ހުއްޓުވާފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ގާޒާގައި މެޑިކަލް ސާމާނުގެ ދަތިކަން ވެސް އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް މެޓީރިއަލް މަދުވުމުގެ ސަބަބުން ޒަހަމްތަކަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ވިނެގާ ބޭނުންކުރަމުން އަންނަ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އޮކްޓޯބަރު 7، އިން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން އަންނަނީ ގާޒާއަށް ބޮން އަޅަމުންނެވެ. ޓެރަރިސްޓުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކެއް ކަމަށް އިޒްރޭލުން ބުނި ނަމަވެސް މިއީ ސީދާ ގާޒާގައި އުޅޭ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ދެމުންދާ ހަމަލާތަކެކެވެ.