ދިވެހި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަރަހަށް ދިވެހި އަސްކަރިއްޔާގައި އެއަރފޯސްއެއް އުފައްދައިފި ކަމަށް ވިދާޅުވެ މުއިއްޒު ރައްޔިތުންނަށް އޮޅުވާލައިފިއެވެ.
މިރޭ މާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އެމްއެމްޑީއެފްގެ އެއަރ ކޯރ އުފައްދުމުގެ ގަރާރުގައި ސޮއި ކުރައްވާ, ފުރަތަމަ ފަހަރަށް ދިވެހި ރާއްޖޭގެ ވައިގެ ބާރެއް އުފައްދާފައިވާކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް ލިޔުއްވާފައި ވެއެވެ.
އެގޮތުން ރައީސް އޮފީހުގެ ވެބްސަައިޓުގައި ވާގޮތުން, "ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެއް" ކަމަށް ބުނެފައި ވެއެވެ.
އެހެންނަމަވެސް މީހުންނާ ނުލާ އުދުހޭ އެންމެ ދެ ޑްރޯން ބޭނުން ކޮށްގެން އުފައްދާފައިވާ އެއަރ ފޯސްއެއް ދުނިޔޭގެ އެއްވެސް ގައުމަކު ނޯވެއެވެ. އަދި އެއަރ ފޯރސްއެއް (ވައިގެ ބާރެއް) އުފައްދާނަމަ, އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މަދުވެގެން, ހަނގުރާމަމަތީ 6 މަތިންދާ ބޯޓުގެ މައްޗަށް އެކުލެވޭ "ސްކުއަރޑްރަން"އެއް ވައިގެ ބާރުގައި އޮންނަން ޖެހެއެވެ.
އަސްކަރީ ޓާރމްތަކުން ބުނާނަމަ "ސްކުއަރޑްރަން"އަކީ ވައިގެ ބާރެއްގައި ހިމެނޭ އެއް ޔުނިޓްއެވެ. އޭގެ މާނައަކީ ވައިގެ ބާރަށް އުފައްދާނަމަ މަދުވެގެން އެއް "ސްކުއަރޑްރަން" ވައިގެ ބާރުގައި އުފެއްދިފައި އޮންނާން ޖެހެއެވެ. "ސްކުއަރޑްރަން"އެއް އުފެދިފައި އޮންނަނީ އުދުހޭ މަދުވެގެން 2 ފައިޓަރ ޖެޓްއާއި އެ ފައިޓަރޖެޓް އުދުސާނެ ޕައިލެޓުންގެ މައްޗަށެވެ. މިއީ ވައިގެ ބާރެއް އުފަދާނަމަ އެބާރުގައި ހަމަވާންޖެހޭ އެންމެ މަދު މިންވަރެވެ.
އަދި އަމުދުން މީހުންނާ ނުލާ އުދުހޭ އެންމެ ދެ ޑްރޯންގެ މައްޗަށް ވައިގެ ބާރެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށް އުފައްދާފައެއް ނުވެއެވެ.
ޑްރޯންއަކީ އޭގެ ޒާތުގައި ޓެކްނިކަލް މީހުން އޮޕަރޭޓް ކުތާ ތަކެއްޗެއްވެ. އެތަކެތި އުދުއްސުމަށް އަސްކަރީ ޕައިލެޓުން ބޭނުމެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގައި "ވައިގެ ބާރެއް" އުފައްދާފައިވާކަމަށް ބުނެ, މިރޭ ރައީސް މުއިއްޒު މާފަރުގައި ހެއްދެވީ ހުސް ދޮގުކަން ފާހަގަ ކޮށްލެވެއެވެ.
ހަމަ އެއާއެކު ރާއްޖޭގައި ވައިގެ ބާރެއް އުފައްދާފައިވާކަމަށް މުއިއްޒު ވިދާޅުވެ, އަދި ސިޔާސީ އެކްޓިވިސްޓުން ލައްވާ މުއިއްޒުއަށް ސަނާ ކިޔުއްވަމުން ގެންދަވާއިރު, ފާއިތުވި ސަރުކާރުތަކުން ރާއްޖޭގައި އެއަރ ފޯސްއެއް އުފެއްދުމަށް ކުރަމުން އައި މަސައްކަތްތައް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު ވަނީ "ފުނޑު ފުނޑު" ކޮށްލައްވާފައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ, ރާއްޖޭގައި އެއަރފޯސްއެއް އުފެއްދުމަށް އަމާޒުކޮށްގެން, ކޫއްޑޫގައި "އިސްކަންދަރު އެއަރ ބޭސް"އެއް ގާއިމް ކުރުމަށް މިހާތަނަށް ކުރެވިފައިވާ ހުރިހާ ޕްލޭންއެއް އުވާލާ, ކޫއްޑޫ އެއަރޕޯޓަކީ ރީޖަނަލް އެއަރޕޯޓަކަށް ބަދަލުކުރުމަށް މުއިއްޒުގެ ސަރުކާރުން މިހާރު ކުރަމުންދާ ޕްލޭންތަކެވެ.
އެގޮތުން އެއްކޮޅުން ރާއްޖޭގައި ރައީސް މުއިއްޒު އެއަރ ފޯސްއެއް އުފައްދައިފިކަމަށް މި ސަރުކާރުން ވިދާޅުވާއިރު, ރާއްޖޭގައި ހަގީގީ އެއަރފޯސްއެއް އުފެއްދުމަށް ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ ހުރިހާ ޕްލޭންތަކާއި މަސައްކަތްތައް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިވަނީ މުޅިންހެންކަހަލަ ގޮތަކަށް ނެތިކޮށްލާފައެވެ.
ހަމަ އެފަދައިން ރާއްޖޭގައި އެއަރފޯސްއެއް ގާއިމް ކުރިކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވާއިރު, މީހުންނާއި ނުލާ އުދުހޭ ޑްރޯންތަކަކީ އާންމުކޮށް މައުލޫމާތު ހޯދާ ލިބިގަންނަ (ކަލެކްޓް) ކުރާ ތަކެއްޗެވެ. އަދި އަމުދުން މީހުންނާ ނުލާ އުދުހޭ ޑްރޯނެއްގައި މިސައިލެއް ހަރުކުރެވޭ ގޮތަށް ހުރި ނަމަވެސް, ޔޫއެންގެ އުސޫލްތަކަށް ބަލާއިރު ކުރިން އިންޒާރު ދިނުމަކާނުލާ އެއިން ޑްރޯއަކަށް އަސްކަރީ ހަމަލާއެއް ނުދެވޭނެއެވެ.
ރާއްޖޭގެ އިކޮނޮމިކް ޒޯންގައި އުފެދޭ އެފަދަ ހާލަތެއްގައި އަސްކަރީގޮތުން އިންޒާރު ދިނުމުގެ ގާބިލްކަމެއް ދިވެހި އަސްކަރިއްޔާއަކު މިއަދުވެސް ނެތެވެ. ސަބަބަކީ ޑްރޯންއެއްގެ ބޭނުންކޮށްގެން, ރާއްޖޭގެ ސަރަހައްދުގައި ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތެއް ލިބުނު ނަމަވެސް, އަސްކަރީ ހަމަލާއެއް ދިނުމުގެ ކުރިން ކަނޑުގެ ސަރަހައްދުގައި އެކަށީގެންވާވަަރަށް ކަނޑުގެ އަސްކަރީ އުޅަނދު ނުވަތަ ކޯސްޓުގާޑް އުޅަނދުތައް މޮބިލައިޒް ކުރުމުގެ ގާބިލްކަމެއްވެސް ދިވަހި އަސްކަރިއްޔާއަކު އަދިވެސް ނެތެވެ. މާނައަކީ އެންމެ ކުޑަމިނުން ބަލާނަމަ އެމިންވަރަށް ކޯސްޑް ގާޑް އުޅަނދުތަކެއް ދިވެހި ކޯސްޓް ގާޑަކު އަދިވެސް ނެތެވެ.
އެގޮތުން ދިވެހި އަސްކަރިއްޔާގައި އަދިވެސް އޮތީ މީގެކުރިންވެސް އޮތް އަސްކަރީ ވިންގއެވެ. ކުރެވުނު ތަފާތު އާކަމެއް ނެތެވެ. ކުރެއްވިހާވެސް ކަމަކީ ނުއަގުގައި ދެ ޑްރޯން ބައްލަވައިގެން, ދެ ޑްރޯން ދުއްވާނޭގޮތް އެމްއެންޑިއެފްގެ ދެތިން ބޭފުޅުންނަށް ދަަސްކޮށްދެއްވުމެވެ.
އެހެންކަމުން ހުރިހާ މާނައެއްގައި ބެލިނަމަވެސް, "ދިވެހި އަސްކަރީ ވައިގެ ބާރެއް" އުފައްދަވައިފިކަމަށް ވިދާޅުވެ މުއިއްޒު މިރޭ ހެއްދެވީ "ރޯ ބުުހުތާނު" ދޮގެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ސަރުކާރުގެ ތަރައްގީގެ މަޝްރޫއެއް ނަމަމަވެސް, އަދި އެނޫން އެފަދަ ކަމެއް އިފްތިތާޙު ކުރިނަމަވެސް, މުއިއްޒު ހައްދަވާފައިވަނީ ހުސް ދޮގެވެ. މަސައްކަތް ކުރައްވަނީ ރައްޔިތުން ގުބޯ ހެއްދޭތޯއެވެ.