ޚަބަރު

#ރިޕޯޓު: ކަނޑުގެ ސަރަހައްދު ހިމެނޭހެން, ރާއްޖެއަކީ ފްރާންސްއާއި އެއްވަރުގެ ބޮޑު ގައުމެއް! މިވަރުގެ ބޮޑު ސަރަހައްދެއް އެންމެ ދެ ޑްރޯންއިން ބެލެހެއްޓި, ރައްކާތެރިކަން ކަށަވަރު ކުރެވުނީކަމަށް ބުނުމަކީ ބޮޑު ޖޯކެއް, ހަދާ ބޮޑު ދޮގެއް!

ދިޔަވަރު
#ރިޕޯޓު: ކަނޑުގެ ސަރަހައްދު ހިމެނޭހެން, ރާއްޖެއަކީ ފްރާންސްއާއި އެއްވަރުގެ ބޮޑު ގައުމެއް! މިވަރުގެ ބޮޑު ސަރަހައްދެއް އެންމެ ދެ ޑްރޯންއިން ބެލެހެއްޓި, ރައްކާތެރިކަން ކަށަވަރު ކުރެވުނީކަމަށް ބުނުމަކީ ބޮޑު ޖޯކެއް, ހަދާ ބޮޑު ދޮގެއް!

ދިވެހި ރާއްޖެއަކީ އޭގެ ޒާތުގައި ކުޑަ ގައުމެއް ނޫނެނެވެ. ސަބަބަކީ, ދިވެހިރާއްޖޭ އުތުރުން ދެކުނަށް ފެތުރިފައި އޮތް ގޮތަށް ބަލާއިރު, ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް 1000 ކިލޯ މީޓަރު ހުންނައިރު, ރާއްޖޭގެ މުޅި ކަނޑުގެ ސަރަހައްދު އެއްކޮށްލުމުން ރާއްޖެއަކީ ފްރާންސްއައި އެއްވަރުގެ ބޮޑު ގައުމަކަށް ވުމެވެ.

ދިވެހިރާއްޖޭގެ މުޅި ސަރަހައްދުގެ %99.7 އިންސައްތައަކީ ކަނޑެވެ.

އެހެންކަމުން ރާއްޖޭގެ ހިކިފަސް ސަރަަހައްދު ބެލެހެއްޓުމަށްވުރެ, ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކުރާންޖެހޭ މަސައްކަތަކާއި ހޭދަ އެތައް ގުނައަކަށް ބޮޑުވެގެން ދެއެވެ.

އެހެންނަމަވެސް, ތުރުކީ ވިލާތުން ނުއަގުގައި, ކޮރަޕްޝަންގެ އުސޫލުން ގަތް ދެ ޑްރޯންއެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ, ދިވެހި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަރަހަށް ދިވެހި އަސްކަރިއްޔާގައި އެއަރފޯސްއެއް އުފައްދަވައިފި ކަމުގައެވެ.

އަދި  ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުލްރަޙީމް އަބްދުލްލަތީފް ވިދާޅުވެފައިވަނީ މި ދެ ޑްރޯންގެ އެހީގައި ރާއްޖެގެ ޤައުމީ ސަލަމާތަށް ޔަގީންކަމާއި އިތުބާރު ލިބިގެން ހިގައްޖެ ކަމުގައެވެ.

އަދި މި ރަސްމިއްޔާތުގައު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި ދެ ޑްރޯންގެ އެހީގައި އެމްއެންޑީއެފްއަށް މިހާރު ރާއްޖޭގެ ކަނޑުގެ މުޅި ސަރަަހައްދު ބެލެހެއްޓޭނެ ކަމުގައެވެ.

އެހެންނަމަވެސް, ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމެނޭގޮތުން, ފްރާންސްއާއި އެއްވަރުގެ, މި ބޮޑު ގައުމު, ނުވަތަ ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދު މީހުންނާއި ނުލާ އުދުހޭ އެންމެ ދެ ޑްރޯންއިން ބަލަހައްޓާނީ ކިހިނަކުން ކަމެއް, ނުވަތަ މި ދެ ޑްރޯންއާއެކު ރާއްޖެއަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެން ދިޔަ ގޮތެއް ރައީސް މުއިއްޒު ވިދާޅެއް ނުވެއެވެ.

މުޅިންވެސް ވިދާޅުވެފައިވަނީ މިހާތަނުން ރާއްޖޭގައި އެއަރފޯސްއެއް އުފެދިގެން ދިޔައީ ކަމަށާއި, ރާއްޖެއަށް ރައްކާތެރިކަން ލިބިގެން ހިގައްޖެ ކަމުގައެވެ.

އެހެންނަމަވެސް މިރޭ ރައީސް މުއިއްޒި ދެއްކެވި މި ހުރިހާ ވާހަކަތަކަކީ "ރޯ ބުހުތާނު ދޮގު" ކަން ސާފުވެގެން ދަނީ, މިރޭ ބޭނުން ކުރަންފެށި ދެ ޑްރޯން ބޭނުން ކޮށްގެން, ރާއްޖޭގެ ސަރަހައްދުގައި ނުރައްކަލެއް ހުރިކަން އެނގުނު ނަމަވެސް, އަސްކަރީ ބޭނުމަށް މިއިން ޑްރޯންއެއް ބޭނުން ކުރެވޭނެ އެއްވެސް ވަސީލަތެއް ރާއްޖޭގައި ނެތުމުންނެވެ. މިއިން ޑްރޯންގައި މިސައިލެއް ހަރުކުރުމުގެ ގާބިލްކަމެއް އެމްއެންޑީއެފްއަކު ނެތެވެ. ނުވަ ލައްކަ އަކަ ކިލޯމިޓަރަށްވުރެ ބޮޑު ކަނޑުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް އެންމެ ދެ ޑްރޯން ބޭނުން ކޮށްގެން ބެލެހެއްޓޭނެ އެއްވެސް ހަމައެއް ނޯންނާނެއެވެ.

ހަމަ އެއާއެކު, މިރޭ މާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އެމްއެމްޑީއެފްގެ އެއަރ ކޯރ އުފައްދުމުގެ ގަރާރުގައި ސޮއި ކުރައްވާ, ފުރަތަމަ ފަހަރަށް ދިވެހި ރާއްޖޭގެ ވައިގެ ބާރެއް އުފައްދާފައިވާކަމަށްވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔުއްވާފައި ވެއެވެ.

އެގޮތުން ރައީސް އޮފީހުގެ ވެބްސަައިޓުގައި ވާގޮތުން, ”ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެއް“ ކަމަށް ބުނެފައި ވެއެވެ.

އެހެންނަމަވެސް މީހުންނާ ނުލާ އުދުހޭ އެންމެ ދެ ޑްރޯން ބޭނުން ކޮށްގެން އުފައްދާފައިވާ އެއަރ ފޯސްއެއް ދުނިޔޭގެ އެއްވެސް ގައުމަކު ނޯވެއެވެ. އަދި އެއަރ ފޯރސްއެއް (ވައިގެ ބާރެއް) އުފައްދާނަމަ, އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މަދުވެގެން, ހަނގުރާމަމަތީ 6 މަތިންދާ ބޯޓުގެ މައްޗަށް އެކުލެވޭ ”ސްކުއަރޑްރަން“އެއް ވައިގެ ބާރުގައި އޮންނަން ޖެހެއެވެ.

އަސްކަރީ ޓާރމްތަކުން ބުނާނަމަ ”ސްކުއަރޑްރަން“އަކީ ވައިގެ ބާރެއްގައި ހިމެނޭ އެއް ޔުނިޓްއެވެ. އޭގެ މާނައަކީ ވައިގެ ބާރަށް އުފައްދާނަމަ މަދުވެގެން އެއް ”ސްކުއަރޑްރަން“ ވައިގެ ބާރުގައި އުފެއްދިފައި އޮންނާން ޖެހެއެވެ. ”ސްކުއަރޑްރަން“އެއް އުފެދިފައި އޮންނަނީ އުދުހޭ މަދުވެގެން 2 ފައިޓަރ ޖެޓްއާއި އެ ފައިޓަރޖެޓް އުދުސާނެ ޕައިލެޓުންގެ މައްޗަށެވެ. މިއީ ވައިގެ ބާރެއް އުފަދާނަމަ އެބާރުގައި ހަމަވާންޖެހޭ އެންމެ މަދު މިންވަރެވެ.

އަދި އަމުދުން މީހުންނާ ނުލާ އުދުހޭ އެންމެ ދެ ޑްރޯންގެ މައްޗަށް ވައިގެ ބާރެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށް އުފައްދާފައެއް ނުވެއެވެ.

ޑްރޯންއަކީ އޭގެ ޒާތުގައި ޓެކްނިކަލް މީހުން އޮޕަރޭޓް ކުތާ ތަކެއްޗެއްވެ. އެތަކެތި އުދުއްސުމަށް އަސްކަރީ ޕައިލެޓުން ބޭނުމެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގައި ”ވައިގެ ބާރެއް“ އުފައްދާފައިވާކަމަށް ބުނެ, މިރޭ ރައީސް މުއިއްޒު މާފަރުގައި ހެއްދެވީ ހުސް ދޮގުކަން ފާހަގަ ކޮށްލެވެއެވެ.

ހަމަ އެއާއެކު ރާއްޖޭގައި ވައިގެ ބާރެއް އުފައްދާފައިވާކަމަށް މުއިއްޒު ވިދާޅުވެ, އަދި ސިޔާސީ އެކްޓިވިސްޓުން ލައްވާ މުއިއްޒުއަށް ސަނާ ކިޔުއްވަމުން ގެންދަވާއިރު, ފާއިތުވި ސަރުކާރުތަކުން ރާއްޖޭގައި އެއަރ ފޯސްއެއް އުފެއްދުމަށް ކުރަމުން އައި މަސައްކަތްތައް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު ވަނީ ”ފުނޑު ފުނޑު“ ކޮށްލައްވާފައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ, ރާއްޖޭގައި އެއަރފޯސްއެއް އުފެއްދުމަށް އަމާޒުކޮށްގެން, ކޫއްޑޫގައި ”އިސްކަންދަރު އެއަރ ބޭސް“އެއް ގާއިމް ކުރުމަށް މިހާތަނަށް ކުރެވިފައިވާ ހުރިހާ ޕްލޭންއެއް އުވާލާ, ކޫއްޑޫ އެއަރޕޯޓަކީ ރީޖަނަލް އެއަރޕޯޓަކަށް ބަދަލުކުރުމަށް މުއިއްޒުގެ ސަރުކާރުން މިހާރު ކުރަމުންދާ ޕްލޭންތަކެވެ.

އެގޮތުން އެއްކޮޅުން ރާއްޖޭގައި ރައީސް މުއިއްޒު އެއަރ ފޯސްއެއް އުފައްދައިފިކަމަށް މި ސަރުކާރުން ވިދާޅުވާއިރު, ރާއްޖޭގައި ހަގީގީ އެއަރފޯސްއެއް އުފެއްދުމަށް ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ ހުރިހާ ޕްލޭންތަކާއި މަސައްކަތްތައް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިވަނީ މުޅިންހެންކަހަލަ ގޮތަކަށް ނެތިކޮށްލާފައެވެ.

ހަމަ އެފަދައިން ރާއްޖޭގައި އެއަރފޯސްއެއް ގާއިމް ކުރިކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވާއިރު, މީހުންނާއި ނުލާ އުދުހޭ ޑްރޯންތަކަކީ އާންމުކޮށް މައުލޫމާތު ހޯދާ ލިބިގަންނަ (ކަލެކްޓް) ކުރާ ތަކެއްޗެވެ. އަދި އަމުދުން މީހުންނާ ނުލާ އުދުހޭ ޑްރޯނެއްގައި މިސައިލެއް ހަރުކުރެވޭ ގޮތަށް ހުރި ނަމަވެސް, ޔޫއެންގެ އުސޫލްތަކަށް ބަލާއިރު ކުރިން އިންޒާރު ދިނުމަކާނުލާ އެއިން ޑްރޯއަކަށް އަސްކަރީ ހަމަލާއެއް ނުދެވޭނެއެވެ.

ރާއްޖޭގެ އިކޮނޮމިކް ޒޯންގައި އުފެދޭ އެފަދަ ހާލަތެއްގައި އަސްކަރީގޮތުން އިންޒާރު ދިނުމުގެ ގާބިލްކަމެއް ދިވެހި އަސްކަރިއްޔާއަކު މިއަދުވެސް ނެތެވެ. ސަބަބަކީ ޑްރޯންއެއްގެ ބޭނުންކޮށްގެން, ރާއްޖޭގެ ސަރަހައްދުގައި ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތެއް ލިބުނު ނަމަވެސް, އަސްކަރީ ހަމަލާއެއް ދިނުމުގެ ކުރިން ކަނޑުގެ ސަރަހައްދުގައި އެކަށީގެންވާވަަރަށް ކަނޑުގެ އަސްކަރީ އުޅަނދު ނުވަތަ ކޯސްޓުގާޑް އުޅަނދުތައް މޮބިލައިޒް ކުރުމުގެ ގާބިލްކަމެއްވެސް ދިވަހި އަސްކަރިއްޔާއަކު އަދިވެސް ނެތެވެ. މާނައަކީ އެންމެ ކުޑަމިނުން ބަލާނަމަ އެމިންވަރަށް ކޯސްޑް ގާޑް އުޅަނދުތަކެއް ދިވެހި ކޯސްޓް ގާޑަކު އަދިވެސް ނެތެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާގައި އަދިވެސް އޮތީ މީގެކުރިންވެސް އޮތް އަސްކަރީ ވިންގއެވެ. ކުރެވުނު ތަފާތު އާކަމެއް ނެތެވެ. ކުރެއްވިހާވެސް ކަމަކީ ނުއަގުގައި ދެ ޑްރޯން ބައްލަވައިގެން, ދެ ޑްރޯން ދުއްވާނޭގޮތް އެމްއެންޑިއެފްގެ ދެތިން ބޭފުޅުންނަށް ދަަސްކޮށްދެއްވުމެވެ.

އެހެންކަމުން ހުރިހާ މާނައެއްގައި ބެލިނަމަވެސް, ”ދިވެހި އަސްކަރީ ވައިގެ ބާރެއް“ އުފައްދަވައިފިކަމަށް ވިދާޅުވެ މުއިއްޒު މިރޭ ހެއްދެވީ ”ރޯ ބުުހުތާނު“ ދޮގެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ސަރުކާރުގެ ތަރައްގީގެ މަޝްރޫއެއް ނަމަމަވެސް, އަދި އެނޫން އެފަދަ ކަމެއް އިފްތިތާޙު ކުރިނަމަވެސް, މުއިއްޒު ހައްދަވާފައިވަނީ ހުސް ދޮގެވެ. މަސައްކަތް ކުރައްވަނީ ރައްޔިތުން ގުބޯ ހެއްދޭތޯއެވެ.