ރައީސް މުއިއްޒު ނަމާދުކުރައްވާތަން ގިނަ ގިނައިން ޓީވީން ދައްކަން ޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ, ރައީސް މުއިއްޒު ކޮންމެ ރެއަކުވެސް ތަރާވީސް ކުރައްވާ މަންޒަރު ޓީވީން ލައިވް ކުރަނުންދާތީ އެއީ ދެއްކުންތެރިކަން ކަމަށް ވިދާޅުވެ ބައެެއް ފަރާތްތަކުން އަމާޒުކުރި ބައެއް ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އަދި ޒައިދު ވިދާޅުވީ ރައީސް މުއިއްޒުއަކީ އަބަދުވެސް ނަމާދު ކުރާ ބޭފުޅެއް ކަމުގައެވެ.
ފާޑު ކިޔާ ބޭފުޅުންނަށް ބުނެލަން އޮތީ ހެޔޮ ވިސްނުމަކުން ވިސްނާއިރު ޤައުމުގެ ވެރިޔާ ނަމާދު ކުރާތަން ރައްޔިތުން ފެންނާން ޖެހެޔޭ! ވެރިން ނަމާދަށް އެރުމަކީ، އާމު ރަޔިތުންވެސް ނަމާދު ކޮށް އުޅުމަށް އެޅޭ ވަރަށް ބޮޑު ބާރެކޭ! ނަމާދަށް ލޯބީ ކުރާތަން ފެނުނަކީ އަސްލު އުފާކުރަންޖެހޭ ކަމެކޭ. އަނެއްކާ ޑރ. މުއިއްޒުއަކީ އަބަދުވެސް ނަމާދަށް އަރާ ބޭފުޅެއ.
ޒައިދު ވިދާޅުވިއެވެ.
ރޯދަ މަސް ފެށުނު ފަހުން ރައީސް މުއިއްޒު އިޝާ ނަމާދަށް ވަޑައިގަންނަވަނީ އިސްލާމީ މަރުކަޒަށެވެ. އަދި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އިޝާ ނަމާދާއި އަދި ތަރާވީސް ނަމާދު ކޮންމެ ރެއަކުވެސް ޓީވީން ދަނީ ލައިވް ކުރަމުންނެވެ. އެގޮތުން އެހެން ނަމާދުތައް ލައިވް ކުތާ ގޮތާއި ޚިލާފަށް މި ނަމާދުތައް ލައިވް ކުރަމުން ދަނީ, މުއިއްޒު ސަޖިދައަށް ދާ މަންޒަރު ޓީވީގެ ލައިވް ފީޑަށް އަރާގޮތަށް ކެމެރާ ބަހައްޓައިގެންނެވެ.
އެހެންނަމަވެސް މިފަދަ އެހެން ޖަމާއަތްތައް ލައިވް ކުރަނީ އޯޑިއަންސްވެސް ފެންނަ ގޮތަށް އެކި އޭންގަލްތަކުން މަންޒަރުތައް ކަޓް ކޮށްގެންނެވެ.
އެހެންނަމަވެސް މުއިއްޒު ތަރާވީސް ކުރައްވާ މަންޒަރު ލައިވް ކުރަމުންދާއިރު, ޓީވީ ކެމެރާއިން އެހެން އެއްވެސް މަންޒަރެއް ނުދައްކައެވެ. ހަމައެކަނެ ކެމެރާ ފޭސް ކޮށްފައި ހުންނަނީ ނަމާދުގައި މުއިއްޒު ކުރާ ހަރަކާތްތަކަށް އެކަންޏެވެ. އަދި މި ލައިވް ފީޑަށް ބަލާލުމުން, މި އިޝާ ނަމާދާއި ތަރާވީސް ނަމާދަކީ ހަމައެކަނި މުއިއްޒު ނަމާދު ކުރާ މަންޒަރު އާންމުންނަށް ދެއްކުމަށް ލައިވް ކުރަމުންދާ މަންޒަރުތަކެއްކަން ވަރަށްވެސް ސާފުކޮށް ފެންނާން ހުރެއެވެ.
މުއިއްޒުއަކީ ޓީވީތަކުން އިސްތިހާރުވާގޮތަށް ނަމާދު ކުރެއްވުން އާންމު ބޭފުޅެކެވެ. އެގޮތުން ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހުވެސް މުއިއްޒު އަވަސްވެ ވަޑައިގަތީ ހުރިހާ މީޑިއާތެއް އެއްކޮށް, ލައިވް ކޮށްގެން އެދުވަހުގެ މަޢުރިބް ނަމާދު ކުރެއްވުމަށެވެ. އަދި އެއަށްފަހު, ޕީއެންސީގެ އެކްޓިވިސްޓުންލައްވާ ދުރާލާ އިސްތިހާރު ކޮށްގެން އޭރު, ދިމްޔާތު ކައިރީގައި ހުންނަ މިސްކިތަށް މުއިއްޒު މޮންމެ ރެއަކުވެސް ވަނީ ފަތިސްނަމާދަށް ގޮސްފައެވެ. އެއަށްފަހު, ޕީއެންސީގެ އެކްޓިވިސްޓުންވަނީ މުއިއްޒު ފަތިސް ނަމާދުގައި އޮންނަވާ މަންޒަރުގެ ފޮޓޯތައް އެކްސްގައި ޕޯސްޓުކޮށް ހަދާފައެވެ.
އެހެންނަމަވެސް ފަހަކަށް އައިސް މުއިއްޒު ފަތިސްނަމާދަށް ވަޑައިގެންނެވުން ވަނީ ހުއްޓަވާލައްވާފައެވެ.
ދެއްކުންތެރިކަމުގެ ގޮތުން ނަމާދު ކުރުމަކީ ވަަރަށް ބޮޑު ފާފައެކެވެ. އެހެންނަމަވެސް ޝެއިޚް ޒައިދު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ނަމާދު ކުރައްވާތަން ލައިވް ކުރަންޖެހޭ ކަމަށާއި, އެއީ ގައުމަށް ވަރަށް މުހިންމު ކަމެެއްކަމުގައެވެ. އެހެންނަމަވެސް ދެއްކުންތެރިކަމުގެ ގޮތުން ނަމާދު ކުރުމުގެ ހުކުމަކީ ކޮބައިކަމެއް އަދި އެކަމުގެ ހުރި ގެއްލުމާއ ހަލާކުގެ ވާހަކައެއް ޒައިދު ނުދައްކަވައެވެ.