ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކަމަށްބުނެ ތުރުކީން އަސްކަރީ ޑްރޯންތައް ގަތުމަށް އެގައުމުގެ ބޭކަރު ކުންފުންޏާއެކު ސޮއި ކުރި 560 މިލިއަން ރުފިޔާގެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދައިފިއެވެ.
ތުރުކީއިން ގެނައި ޑްރޯންތައް މިހާރުވަނީ ބޭނުން ކުރަން ފަށާފައެވެ. ޑްރޯންތައް ބަހައްޓާފައި ހުންނަނީ މާފަރުގައި ހުންނަ މޯލްޑިވިއަންގެ އެއާކްރާފްޓު ހޭންގަރުގައެެވެ. އަދި ރޭގައި ވަނީ މި ޑްރޯންތައް ބޭނުންކުރަން ފެށުމުގެ ގޮތުން މާފަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެވެ.
ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް ސަރުކާރުން އެއްބަސްވީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) އެ ކަމަށް ހަމަޖައްސައިގެންނެވެ.
ތުރުކީ ސަރުކާރުން ޑްރޯން ނުގަނެ، ތުރުކީގެ ޕްރައިވެޓް ކުންފުންޏެއް މެދުވެރިކޮށް ޑްރޯން ގަތީ ކޮރަޕްޝަންގެ ތެރެއިންނެވެ. 2 މިލިއަން ޑޮލަރަށް ލިބޭ ޑްރޯންއެއް 5 މިލިއަން ޑޮލަރަށް ގަނެފައިވަނީ, ތުރުކީގެ ބޭކަރު ކުންފުންޏަށް ދައުލަތުގެ މާލިއްޔަތުން ދެއްކި ފައިސާގެ ތެރެއިން ކޮންމެ ޑްރޯންއަކުން 3 މިލިއަން ޑޮލަރު އަނބުރާ ރައީސް މުއިއްޒުއަށް ލިބޭ ގޮތަށްކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ ތެރެއިން އެއްބަޔަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ފައިނޭންސް ރެއިޒްކުރުމަށް މުއިއްޒު ނެންގެވި ފައިސާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އެއްބަސްވުމުގެ ތަފުސީލުތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ނޫހެއް ކަމަށް ވާ ”އަދަދު“ ނޫހުން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެމައުލޫމާތު އާންމުކުރުމަށް ދެކޮޅު ހަދާފަ އެވެ.
އެ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ ”ދިފާއީ ބާރަށް އިތުރުކުރެވޭ މިފަދަ އާލަތްތަކުގެ ތަފްސީލުތައް ހާމަކުރުމަކީ ދިވެހި ސިފައިންނާއި ހަވާލުކުރެވިފައިވާ މިދެންނެވި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިދާނެ ކަމަށްވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން“ މިފަދައިންނެވެ.
އެހެންނަމަވެސް ވެރިކަމަސް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވައުދުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިއްރު އެއްވެސް އެއްބަސްވުމެއް ނުވާނެ ކަމުގައެވެ. އަދި ފާއިތުވި ސަރުކާރުން ކޮށްފައިވާ އެއްބަސްވުންތައްވެސް ހާމަކުރައްވާނެކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް މިހާތަނަށް އެއިން އެއްވެސް އެއްބަސްވުމެއްވެސް މުއިއްޒު ހާމަކުރައްވާފައެއް ނުވެއެވެ.