ޚަބަރު

ތަރައްގީގެ މަޝްރޫއުތައް މިހާރަށް ހުއްޓާލީ ފައިސާ ނެތުމުން: ޝަފީގު

ދިޔަވަރު
ތަރައްގީގެ މަޝްރޫއުތައް މިހާރަށް ހުއްޓާލީ ފައިސާ ނެތުމުން: ޝަފީގު

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރުން މަޑުޖައްސާލާފައި ވަނީ (ހުއްޓާލީ) މިހާރު ބަޖެޓުކުރެވިފައި ހުރި މަޝްރޫއުތައް ތަރުތީބުކޮށް، ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތަކަށް އިސްކަންދޭތީ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ފައިސާ ނެތިގެން ތަރައްޤީގެ ޕްރޮޖެކްޓަތައް ހުއްޓާލީ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އެ ސުވާލުގެ ޖަވާބުގައި ޝަފީގު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ދެކެވެނީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށާއި މިހާތަނަށް ނުފެށި ހުރި ޕްރޮޖެކްޓުތަކަކީ އެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާތީ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ބަޖެޓް ހަދާފައިވަނީ، ހުރިހާ ޕްރޮޖެކްޓްތަކަކަށް ބަޖެޓް ކޮށްގެންނެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ފޮތުން ދައްކާ ގޮތުގައި ޕީއެސްއައިޕީގެ ދަށުން ހިންގާ 1780 މަޝްރޫއަކަށް 8.6 ބިލިއަން ރުފިޔާ ބަޖެޓުކޮފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ހިނގަމުންދާ މަޝްރޫއުތަކާއި ކޮންޓްރެކްޓްކޮށްފައި ހުރި މަޝްރޫއުތަކެވެ. އަަލަށް ފަށަން ރާވާފައިވަނީ 331 މަަޝްރޫއެކެވެ.

ޕީއެސްއައިޕީއަށް ހަރަދުކުރަން ރާވާފައިވާ ގޮތް

  • ދައުލަތުގެ ބަޖެޓުން - 3.2 ބިލިއަން ރުފިޔާ
  • ބޭރުން ލޯނު ނަގައިގެން - 4.6 ބިލިއަން ރުފިޔާ
  • ހިލޭ އެހީން - 389.5 މިލިއަން ރުފިޔާ
  • ޓްރަސްޓް ފަންޑް - 380.9 މިލިއަން ރުފިޔާ

ޝަފީގު ވިދާޅުވީ ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ބަޖެޓުގައި އޮތަސް ރަނގަޅު ލަފާކުރުމެއް ހަދައިފިއްޔާމުން މި ޕްރޮޖެކްޓުތަކަށް 12 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މިހާރު މަސައްކަތް ކުރިއަށް ދަނީ ފައިސާ އާއި ކޭޝްފްލޯ ހަމަޖެހިފައިވާ މަޝްރޫއުތައް ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ނުފެށި ހުރި މަޝްރޫއުތަކަކީ ފަައިސާ ނެތުމާއެކީ ފަށާފައި ކުރިއަށް ނުގެންދެވިއްޖެ ހާލަތެއްގައި އިތުރު ބޭކާރު ހަރަދުތަކެއް ހިނގާނެތީ ނުފަށައި ހުރި މަޝްރޫއުތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.