ނަމާދު ކުރާއިރު މިސްކިތުން ބޭރަށް އަޑު އިވޭގޮތަށް ހުންނަން ނުޖެހޭކަމަށް ވިދާޅުވެ, މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާއަޑު މަޑުކޮށް, ތަރާވީސް ނަމާދު ކުރާއަޑު މިސްކިތުން ބޭރަށް ނީވޭގޮތަށް މިސަރުކާރުން ހަދަމުން ދާއިރުވެސް, ދީނީ ކަންކަމުގައި އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައި ސަލަފް ޖަމިއްޔާގެ ވެރިން ހަނު ތިބެއްޖެއެވެ.
މާލޭ މިސްކިތްތަކުގައި ތަރާވީހު ނަމާދުގައި ކިޔަވާ އަޑު ގަދަވެގެން ބައެއް މީހުން ކުރި ޝަކުވާތަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެފައިވަނީ އެންމެ ރަގަޅު ގޮތަކީ ބޭރަށް އަޑު ނީވޭ ގޮތަށް ނަމާދު ކުރުން ކަމުގައެވެ.
ޝަހީމް ވިދާޅުވެފައިވަނީ ތަރާވީހު ނަމާދާއި ދަމު ނަމާދު ކުުރުން ރަގަޅީ އަވައްޓެރިންނަށް އަޑު ނީވޭގޮތަށް ނުވަތަ، ނަމާދުގެ އަޑު ގަދަވުމުން ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާގޮތަށް ކަމަށެވެ.
ޝަހީމް މިހެން ވިދާޅުވީ، ކައިރި މިސްކިތެއްގައި އަޑުހަރުކޮށް ތަރާވީސް ކުރާތީ އުނދަގޫވާކަމަށް ވިދާޅުވެ އިބްރާހީމް އިސްމާއީލް (އިބުރާ)، ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
މިގޭދޮށު ގޭގޭގެ މީހުނަށް އިޝާނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުނީމައެވެ. މިއީ ކޮންމެ ރޯދަމަހެއްގެވެސް ހާލެވެ. ރީތިކޮށް ކިޔަވާނަމަވެސް ރަނގަޅެވެ.
އިބުރާ ކުރި އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ.
އެއަށްފަހު މާލޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާ އަޑު މަޑުވުމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ވަނީ ކުރަން ފަށާފައެވެ. އަދި ޤުރުއާނުގެ އަޑު މަޑުކަމުގެ ޝަކުރާތައްވެސް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.
މާލޭގެ މިސްކިތްތަކުން ޤުރުއާނުގެ އަޑު ފަނޑުވަމުންދާކަމުގެ ޝަކުވާ އެތައް ބަޔަކު ކުރަމުންދާއިރުވެސް, ބަންގި ގޮވާ އަޑާއި ގުރުއާން ކިޔަވާ އަޑު އިވުމަކީ ޝައިޠާނުންނަށް އިންތިހާއަށް އުދަގޫވާނެކަމެއްކަމަށް ވިދާޅުވަމުން އައި ސަލަފް ޖަމިއްޔާގެ އިސްފަރާތްތަކުން އަދިވެސް ތިބީ ހަނުއެވެ.

މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި, ފާހިޝް ކަންކަމަށް ހިތްވަރުދީ ހިންގަމުންދާ ލާދީނީ އަމަލުތަކާއި ގުޅޭގޮތުން ސަލަފް ޖަމިއްޔާގެ ވެރިން މިހާތަނަށްވެސް ހަނު ތިބެފައިވާއިރު, އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރު ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފް އައްޔަންކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އަދި އެނޫނަސް ސަލަފް ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ވަނީ މި ސަރުކާރުން އިސް ބައެއް މަގާމްތަކަށް އައްޔަން ކޮށްފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް, މިއުޒިކާއި ލަވަކިއުމާއި, ދެޖިންސުގެ މީހުން ގައިގޯޅިވެސް މަޖާ ކުރުމުގެ ފުސަތުދަނީ ވަރަށްބޮޑަށް ތަނަވަސް ކޮށްދެމުންނެވެ. އަދި ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައްވެސް ދަނީ ގިނަވަމުންނެވެ.
އެހެންނަމަވެސް, ލާދީނީ ފާހިޝް އަމަލުތަކަށް ފުރުސަތުލިބޭ މިސާސަތަށް, ދީނީ ކަންކަމަށް ވަކާލާތު ކުރާ ސަލަފް ޖަމިއްޔާއިން ދަނީ ތާއީދުކޮށް ހަނުހުންނަމުންނެވެ.