ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން، މަޖިލީހުގެ މި ހިނގާ ދައުރުގައި ވެރިކަން ހިންގާ އެމްޑީޕީން ހުށަހެޅީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާއެކީ އެވެ. އެ މައްސަލަ އަނބުރާ ނެގިއިރު ވެސް މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތްމަތީގަ އެވެ.
އެ މައްސަލަ ފުރަތަމަ ހުށަހެޅުމުން، ފެނިގެންދިޔައީ ސިޔާސީ އެކި ގޮންޖެހުމާއި އިދާރީ އެކި "މައްސަލަތައް" ކުރިމަތިވެ، މައްސަލަ މަޑުޖެހުންތަނެވެ. އަދި, ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރުގެ މެދު ތެރެއިން އެމްޑީޕީން އެ މައްސަލަ އަނބުރާ ނެގީ "ސިޔާސީ ގޮތުން ފިތި، މަޖުބޫރުވެގެން" ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ.
ނަޝީދު ވަކި ކުރުމުގެ މައްސަލަ، ކުރިއަށް އޮތް ފަސް އަހަރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ އެމްޑީޕީން އަނެއްކާ ވެސް ހުށަހަޅާފައިވާއިރު، ސިޔާސީ މަޝްރަހު ބަލަން ތިބި މީހުންގެ ސުވާލަކީ މިފަހަރު އެކަން ދާނީ ކިހިނަކުންތޯ އެވެ. މިފަހަރު އެ ޕާޓީއަށް ކުރިމަތިވާނީ ކޮން ގޮންޖެހުންތަކެއްތޯ އެވެ.
އޭގެ އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ފަހަރު މައްސަލަ ހިނގި ގޮތެވެ. ސިޔާސީ މަޝްރަހުގައި ބަދަލުވާ އޮޔާއެކު، ޖެހޭ ވައިރޯޅިއަކާއެކު، މިފަހަރު އެ މައްސަލައަށް ވާނެ ގޮތެއް ބަލަން ގިނަ ބަޔަކު ޝައުގުވެރިވެ އެވެ.
ފުރަތަމަ މައްސަލަ ހުށަހެޅުމާއި އަނބުރާ ނެގުން
އެމްޑީޕީގެ ތެރޭގެ މަސްލަހަތު ގެއްލިއްޖެ ކަމަށް ފުރަތަމަ ހީވީ މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއަށްފަހެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް ނަޝީދު އިސްވެ ވިދާޅުވުމުންނެވެ.
އެއަށްފަހު އައި ޕާޓީގެ ޗެއާޕާސަން އިންތިހާބާއި ކޮންގްރެސްގައި އެ އަޑުތައް އިތުރަށް ގަދަވި އެވެ. އަދި އެންމެފަހުން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ތެރޭގައި އޮތް މައްސަލަތަކާއި ނަޝީދާއި ރައީސް އިބްރާހިމްް މުހައްމަދު ސޯލިހާ ދެމެދު ޖެހިފައި ހުރި މައްސަލަތައް އެންމެނަށް ތިލަވި އެވެ.
ޖޫން 6، ގައި 50 މެންބަރުންގެ ސޮއި ހަމަކޮށް ނަޝީދު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދި އެވެ. ނަޝީދު އެމްޑީޕީ ދޫކުރެއްވީ އެއަށްފަހު ޖޫން 6، ގަ އެވެ. އޭގެ ފަހުން ޖުލައި 13، ގައި ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އެވެ.
ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ނަމަވެސް މަޖިލީހުގެ ރިޔާސަތުން ނަޝީދު އިސްތިއުފާއެއް ނުދެއްވަ އެވެ.
އޭގެ ފަހުން ނަޝީދުގެ ފަރާތުން ފެނުނީ އެކި އުކުޅުތައް ބޭނުން ކުރައްވައިގެން، އެމަނިކުފާނާ ދެކޮޅަށް ހުށަހަޅުއްވާފައި އޮތް މައްސަލަ މަޑުޖައްސާލެއްވި ތަނެވެ.
ގަވާއިދުގެ ތެރެއިން 'ލޫޕް ހޯލް' ތައް ހޯއްދަވާ، މަޖިލީހުގެ ރިޔާސަތުން ދުރުވެވަޑައިގަތުމުގެ މަގު ދިގު ކުރެވެން ހުރި ހުރިހާ ކަމެއް އެމަނިކުފާނު ކުރެއްވި ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ނަޝީދު މަޑު ކުރެއްވީ، އެމްޑީޕީން އެ މަނިކުފާނުގެ ތާއީދު ބޭނުންވާނެ ދުވަހަކަށް ކަމަށް ބައެއް މީހުން ބުނަމުންދިޔަ އެވެ.
އެންމެފަހުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެމްޑީޕީއަށް ޑިމޮކްރެޓްސްގެ އެހީ ހޯދަން މަޖުބޫރުވި އެވެ. "މިވަގުތު ކަންކަން އޮމާންކޮށް ގެންދިއުމަށް" ކަމަށް ބުނެ، ނަޝީދާއި ޑިމޮކްރަޓުންގެ ތާއީދު ހޯދުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި އޮތް މައްސަލަ އެމްޑީޕީން ބޭރު ކުރި އެވެ.
އެކަމަކު، ނަޝީދާއި އެމަނިކުފާނުގެ ޕާޓީ ޑިމޮކްރެޓްސްގެ ތާއީދެއް ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަކަށް ނުލިބުނެވެ. ޑިމޮކްރެޓުންގެ ގިނަ އާންމު މެންބަރުން ވެސް ގެންދިޔައީ އިންތިހާބު ކާމިޔާބު ކުރެއްވި، ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަމުން އަދި ކެމްޕޭނުގައި ވެސް ބައިވެރިވަމުންނެވެ.
"މަޖިލީހުގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވަނީ ދަ ޑިމޮކްރެޓްސްއަށް. އަޅުގަނޑުމެން ބެލީ ފުރަތަމަ ބުރަށްފަހު ޑިމޮކްރެޓްސް އާއެކު އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް. އެ މަސައްކަތްތަކެއް ކުރެވޭނެ ޖާގައެއް ހޯދުމަށް އަދި އުއްމީދު ކުރީ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތަވާ, މަޖިލިސް ކުރިއަށް ގެންދަވާނެ ކަމަށް،" ދެވަނަ ފަހަރަށް ނަޝީދުގެ މައްސަލަ ހުށަހަޅުއްވާކަން އިއުލާނު ކުރައްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީން ދޫދިނުމުގެ ރޫހެއް ނެތް
އިންތިހާބުގެ ދެ ބުރުން ކުރިމަތިވި ނާކާމިޔާބީ އާއި ދެ ރައީސުންގެ ފޯނު ކޯލާއި ބައްދަލުވުމުން ވެސް އެކުގައި މަސައްކަތް ކުރެވޭނެ މަގެއް ނުފެނުމުން، ނަޝީދުގެ އިތުބާރު ނެތް ކަމަށް ދެ ވަނަ ފަހަރަށް ހުށަހަޅާފައި އޮތް މައްސަލައިގައި ދޫ ނުދެއްވާނެ ކަމަށް އެ މައްސަލަ ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވެފައިވެ އެވެ.
"ޕާލިމަންޓްރީ ގްރޫޕުގެ ރޫހެއް ނެތް މި މައްސަލަ އެއްވެސް ވަރަކަށް, އެއްވެސް ގޮތަކަށް ދެން ނަގާކަށް. ވަރަށް ސާފުކޮށް, ވަރަށް އެކަތިގަނޑަކަށް ބުނަމުން ގެންދަނީ މި މައްސަލަ ކުރިއަށް ގެންދަން ބޭނުން ކަމަށް،" މި ނޫހާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.
އިންތިހާބަށްފަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ވެސް ނަޝީދުގެ މައްސަލާގައި، އެމްޑީޕީގެ ރޫހު ހުރި ގޮތް ސާފުވި އެވެ. ނަޝީދާއި ޑިމޮކްރެޓްސްގެ ބަރުލަމާނީ ގަރާރާ ދެކޮޅު ހަދައި، ރިޔާސީ ދެވަނަ ދައުރެއް އެމްޑީޕީއަށް ނުދޭން "ޕީޕީއެމަށްވުރެ ބޮޑަށް" މަސައްކަތް ކުރީ ނަޝީދާއި އެމަނިކުފާނުގެ ޕާޓީން ކަމަށް ބައެއް މެންބަރުން އެ ރޭ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ފުރަތަމަ މައްސަލަ އަނބުރާ ގެންދިޔައީ އޭގެ ސަބަބުން ރިޔާސަތުން ގަވާއިދާއި މަސްލަހަތާ ހިލާފަށް ކުރައްވަމުން ގެންދެވި އަމަލުތަކަށް ހުއްޓުމެއް އަންނާނެ ކަމުގެ އުންމީދުގައި ކަމަށެވެ.
"ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ މައްސަލަ ނެގުމުން ވެސް މަޖިލީހުގެ ރައީސް އެކަންކަން ތަކުރާރުކުރައްވާތަން، ބޭނުންފުޅުވާ ކަންކަން އަވަސްކުރައްވާ، އެހެން މައްސަލަތައް ލަސްކުރައްވަން މަސައްކަތް ކުރައްވާތަން،" އަސްލަމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ނާކާމިޔާބުވެ، އެމްޑީޕީއިން ރަސްމީކޮށް އިދިކޮޅުގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމަށް ދެން އޮތީ މަހެއްހާ ދުވަހެވެ. ދެން އަންނަ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ރިޔާސަތުގެ ކޮންޓްރޯލް އެމްޑީޕީއަށް މުހިންމުވާ އަނެއް ސަބަބަކީ މިއީ ކަމަށް އެ ޕާޓީން ބުނެ އެވެ.
އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވާނެ ކަމަށް ނަޝީދު އަދި ޑިމޮކްރެޓުން ވެސް ބުނެފައިވާއިރު، އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށާއި މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ފުރިހަމަ ބޭނުން ހިފުމަށް ރިޔާސަތުގައި ކޮންމެހެންވެސް އިންނަވަން ޖެހޭނީ އެ ޕާޓީގެ މެންބަރެކެވެ.
ޑިމޮކްރެޓްސް ބުނަނީ އެމްޑީޕީގެ ޕްލޭނެއް ނެތް ކަމަށް
މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީއިން ދިން ރައީސްކަމުން ނަޝީދު ދުރުކުރަންޖެހޭ ސަބަބެއް އޮތް ކަމަށް އެމަނިކުފާނު ލީޑުކުރައްވާ ޑިމޮކްރެޓްސް އިން ނުދެކެ އެވެ. އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީން ކުރިއަށް ދަނީ ރޭވުންތެރިކަމެއް ނެތި އެވެ.
ނަޝީދު ވަކިކުރުމަށް އެއް ދައުރެއްގައު ދެ މައްސަލަ ވެއްދޭނެ ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ދެވަނަ މައްސަލައަށް ތައްޔާރު ވަމުންދަނިކޮށް ނަޝީދު ވެސް އެ މޭރުމުން ވާހަކަ ދެއްކެވި އެވެ.
"އަސްލު ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެއް މައްސަލަ. މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އަނބުރާ ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މިކަން ވާނީ،" ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާ މުހާތަބުކުރައްވައި ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަމަވެސް، އަލީ ނިޔާޒު ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ދެވަނަ މައްސަލަ ހުށަހެޅުމަށް ގަވާއިދުން ތަންދޭ ކަމަށެވެ. މަޖިލީހުގެ އިދާރާއިން ވެސް އެފަދައިން ނިންމާ، މައްސަލަ ބަލައިގަނެ އޮކްޓޯބަރު 12، ގައި ވަނީ ނަޝީދަށް ނޯޓިސް ފޮނުވާފަ އެވެ. އަދި އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ވެސް މަޖިލީހުން ވަނީ މިހާރު ބުނެފަ އެވެ.
ނަމަވެސް, އެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ޑިމޮކްރެޓްސް އިން ގަބޫލެއް ނުކުރެ އެވެ.
"އެއީކީ ކުރެވިދާނެ ކަމެއް ކަމަކަށް އަޅުގަނޑުގެ ގަބޫލެއް ނުކުރަން، މަޖިލީހަށް އިރުއިރު ކޮޅާ އެއް މައްސަލައެއް ހުށަހެޅުން،" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް މީގެ ކުރިން ކުރެއްވި ހަސަން ލަތީފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ނަމަ ކަންތައް ކުރަންވީ ގޮތް އެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ލިޔެފައިވާ އަށް ނުކުތާއެއްގައި ބަޔާންކޮށްފައިވާއިރު، އެއް ދައުރެއްގައި ދެ ފަހަރަށް އެފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބުނެފައެއް ނެތެވެ.
އެކަމަކު ހަސަން ލަތީފުގެ ވިދާޅުވީ ފުރަތަމަ ހުށަހެޅުނު މައްސަލަ އަދި މި މައްސަލަ ވެސް ހުށަހަޅަންޖެހޭ ސަބަބެއް އޮތް ކަމަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި، އަމިއްލައަށް ފުރަތަމަ މައްސަލަ އަނބުރާ ނެގުމަށްފަހު، ހަމަ އެއް ވާހަކަތަކެއް ހިމަނައިގެން އެ މައްސަލަ އަލުން ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ސޯލިހު އެހާ ބޮޑުތަނުން ރިޔާސީ އިންތިހާބުގައި ބަލިވީމަ އެކަމުގެ ޖަޒުބާތުގަ ކުރައްވާ ކަމެއް އަސްލު މި ކަމަކީ، ކޮންމެހެން މަޖިލިސް ރައީސް އެބޭފުޅުން އެ ވިދާޅުވާ ކަންކަން ކުރައްވާތީއެއް ނޫން [މައްސަލަ ހުށަހެޅީ]،" ހަސަން ލަތީފު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި "ޖަޒުބާތުގައި" ހުށަހެޅުއްވި މައްސަލައަށް އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވޯޓު ލިބުންވެސް ނާދިރެވެ.
"އެބޭފުޅުންގެ ހުރިހާ ބޭފުޅުން ސޮއެއްވެސް ނުކުރެއްވި ނޫންތޯ [މައްސަލަ ހުށަހެޅުމަށް]، އެހެންވެ އޭގެ ތެރޭގަ ތިއްބާވާނެ ވޯޓު ނުދެއްވާނެ މެންބަރުން، މިހާ ދެކޮޅު ނުޖެހޭ ކަމެއްގަ ބައިވެރިނުވާނެ މެންބަރުން ތިއްބަވާން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީއިން މިފަހަރުގެ މައްސަލަ ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކު އެވެ. މަޖިލީހުގައި ތިބި އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 54 އެވެ. ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާ އަދަދަށް އަދިވެސް އެމްޑީޕީއަށް ވޯޓު ލިބޭނެ އެވެ.
ސާފުވާ އެއްކަމަކީ، ފުރަތަމަ ހުށަހެޅުނު މައްސަލާގައި ނަޝީދު ކުރިއަށް ކުޅުއްވި ކުޅިތައް، މިހާރު ކުޅެވެން ނެތްކަމެވެ. ޕާޓީތަކުގެ މެންބަރުންނަށް އައި ބަދަލު މަޖިލީހަށް އަންގައިފި އެވެ. އޭރު އެކުލަވާނުލެވި ހުރި ކޮމިޓީތައް އެކުލަވާލެވިއްޖެ އެވެ. ބަހުސްގައި ރިޔާސަތުން 'ޑިކްޓޭޓު' ކުރުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.