ޚަބަރު

ޑްރޯން ގަތުމަށް 570 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ޚަރަދު ކުރީ ސަރުކާރުން ހިންގަމުން ދިޔަ ތަރައްގީގެ 1700 މަޝްރޫޢު ހުއްޓުވާފަ!

ދިޔަވަރު
ޑްރޯން ގަތުމަށް 570 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ޚަރަދު ކުރީ ސަރުކާރުން ހިންގަމުން ދިޔަ ތަރައްގީގެ 1700 މަޝްރޫޢު ހުއްޓުވާފަ!

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކާ އެމްއެންޑީއެފްއިން އެއަރ ފޯރސްއެއް އުފެއްދުމަށް ކަމަށް ބުނެ, ތުރުކީ ވިލާތުގެ ބޭކަރު ކުންފުނިން 6 އަސްކަރީ ޑްރޯން ގަތުމަށް ސަރުކާރުން ކޮންޓިންޖެންސީ ބަޖެޓުން 570 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ ރަށްރަށުގައި ސަރުކާރުން ހިންގަމުން ދިޔަ ތަރައްގީގެ 1700 މަޝްރޫޢު ހުއްޓުމަކަށް ގެނައުމަށްފަހު ކަމަށް "ދިޔަަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތުދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ, ޑްރޯންގަތުމަށް ބޮޑު ހޭދައެއް ކުރަންޖެހިގެން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މަޑުޖައްސާލަން ޖެހިފައިވާއިރު އޭގެ ތެރޭގައި ރާއްޖޭގެ ތެރޭގެ ރަށްރަށުގައި ހިންގަމުން އައި ކުދި އަދި މެދުފަންތީގެ ގިނަ މަޝްރޫޢުތަކެއްވެސް ހިމެނޭކަމުގައެވެ.

އެހެންނަމަވެސް އެއީކޮން މަޝްރޫޢުތަކެއްކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކާ އެމްއެންޑީއެފްއިން އެއަރ ފޯރސްއެއް އުފެއްދުމަށް ކަމަށް ބުނެ, ތުރުކީ ވިލާތުގެ ބޭކަރު ކުންފުނިން 6 އަސްކަރީ ޑްރޯން ގަތުމަށް ސަރުކާރުން ކޮންޓިންޖެންސީ ބަޖެޓުން ޚަރަދު ކޮށްފައިވަނީ މާލިއްޔާތު ގާނޫނާ ޚިލާފަށެވެ.

”ދިރަވަރު އޮންލައިން“ އަށް ކަށަވަރު ވެފައިވާ ގޮތުގައި, ސަރުކާރުން ތުރުކީ ވިލާތުގެ ބޭކަރު ކުންފުނިން އުފައްދާ ބޭރަކްތާރު ޓީބީ-2 މަރުކާގެ އަސްކަރީ 6 ޑްރޯން ގަތުމަށް އެ ކުންފުންޏާއެކު އެއްބަސް ވެފައިވަނީ ޑްރޯންއެއް 5 މިލިއަން ޑޮލަރަށެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރުގައި އެކުންފުނިން ބޭރަކްތާރު ޓީބީ-2 މަރުކާގެ އަސްކަރީ ޑްރޯންއެއް ވިއްކާ އަގަކީ 2 މިލިއަން ޑޮލަރެވެ. އެހެންކަމުން އެ ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ބޭކަރު ކުންފުންޏަށް ދައްކާ ކޮންމެ 5 މިލިއަން ޑޮލަރަކުން 3 މިލިއަން ޑޮލަރު ”ކޮމިޝަން“ގެ ގޮތުގައި ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނެއެވެ.

އެގޮތުން ޑްރޯން ގަތުމަށް ސަރުކާރުގެ 570 މިލިއަން ރުފިޔާ ކޮންޓިންޖަންސީ ބަޖެޓުން ޚަރަދު ކުރާއިރު އެފައިސާގެ ތެރެއިން, 230 މިލިއަން ރުފިޔާ ރައީސް މުއިއްޒުއަށް “ކޮމިންޝަން”ގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

ރައީސް މުއިއްޒު ކޮމިޝަންގެ ގޮތުގައި ނަންގަވާ ފައިސާއަކީ ”ސޮލިޑް ކޭޝް“ގެ ގޮތުގައި ނަންގަވާ ފައިސާއަށް ވުމުން އެފައިސާ ދައުލަތުގެ ހިސާބު ކިތާބުން ފެންނާން ނެތްނަމަވެސް, ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި މާލީ ތަޖުރިބާ ކާރަކު ވިދާޅުވީ, މި ޑްރޯންތައް ގަތުމަށް ކޮންޓިންޖަންސީ ބަޖެޓުން ޚަރަދު ނުކުރެވޭނެ ކަމުގައެވެ.

ސަބަބަކީ, ކޮންޓިންޖަންސީ ބަޖެޓަކީ, ބަޖެޓް ކޮށްފައި ނެތް ކަމަކަށް ޚަރަދު ކުރާނަމަ, ހަމައެކަނި ކާރިސާއެއްގެ ހާލަތުގައި, ނުވަތަ އެފަދަ އެމަޖެންސީ ހާލަތެއްގައި އެކަނި ޚަރަކުރަން މާލިއްޔަތު ގާނޫނުން ހުއްދަ ކޮށްފައި އޮންނަ ބަޖެޓަކަށް ވާތީކަމުގައިވެސް ”ދިޔަވަރު އޮންލައިން“އާއި މައުލުމާތު ހިއްސާކުރި މާލީ ތަޖުރިބާކާރު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އާންމުކޮށް އިއުލާން ކުރުމަކާ ނުލާ, މަޖިލިސް އިންތިޚާބު ކުރިޔަށް އޮއްވާ, އެއްވެސް އިމަޖެންސީ ހާލަތެއް މެދުވެރި ވެފައި ނުވަނީސް, ޑްރޯން ގަތުމަށް ކޮންޓިންޖެންސީ ބަޖެޓުން ޚަރަދު ކޮށްފައިވަނީ ސީދާ މާލިއްޔަތު ގާނޫނާ ޚިލާފަށްކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ތުރުކީގެ ޕްރައިވެޓް ކުންފުނިން ޑްރޯން ގަތުމަށް ވި އެއްބަސްވުމުގެ ތަފުސީލުތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ނޫހަކުން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

އެ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ ”ދިފާއީ ބާރަށް އިތުރުކުރެވޭ މިފަދަ އާލަތްތަކުގެ ތަފްސީލުތައް ހާމަކުރުމަކީ ދިވެހި ސިފައިންނާއި ހަވާލުކުރެވިފައިވާ މިދެންނެވި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިދާނެ ކަމަށްވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން“ މިފަދައިންނެވެ.