ޚަބަރު

ހޮސްޕިޓަލް އަޅަން ކުވައިތު ފަންޑުން ދިން ފައިސާ ސިޔާސީ ފަރާތްތަކަށް މުސާރަ ދިނުމަށް ބޭނުން ކޮށް ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓާލުމުން، ކުވައިތުން ރާއްޖެ އަށް ފައިސާ ދިނުން ހުއްޓާލައިފި

ދިޔަވަރު
ހޮސްޕިޓަލް އަޅަން ކުވައިތު ފަންޑުން ދިން ފައިސާ ސިޔާސީ ފަރާތްތަކަށް މުސާރަ ދިނުމަށް ބޭނުން ކޮށް ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓާލުމުން، ކުވައިތުން ރާއްޖެ އަށް ފައިސާ ދިނުން ހުއްޓާލައިފި

ށ. މިލަންދޫ ގައި 30 އެނދުގެ ހޮސްޕިޓަލާއި އެހެން ބައެއް ހޮސްޕިޓަލްތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ހުއްޓާލައިފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ މިލަންދޫގައި އަޅަން ކުރީގެ ސަރުކާރުން ނިންމި ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި އޮތީ ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ހުއްޓައިލުމުން ކަމަށެވެ.

ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުވައިތު ފަންޑުން ދީފައިވާ ފައިސާ މުއިއްޒުގެ ސަރުކާރުން ވަނީ ސިޔާސީ ފަރާތްތަކަށް މުސާރަ ދިނުމަށް ބޭނުން ކޮށްފައެވެ. 4 ޕާޓީ އެކުވެގެން ގެނައި ކޯލިޝަން ސަރުކާރުގައި ސިޔާސީ މަތީ މަގާމުތައް ނުދޭ މިންވަރަށް މުއިއްޒު ވަނީ ސިޔާސީ މަގާމުތައް އުފައްދައި ދީފައެވެ. މީގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް ބުރަވެ ފަންޑުތަކުގައި ހުރި ފައިސާ ނަގައި ސަރުކާރުން ދަނީ ސިޔާސީ މީހުންނަށް ޚަރަދު ކުރަމުންނެވެ. ނަމަވެސް ސިޔާސީ ގިނަ މީހުންނަކީ ޤައުމުތެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ރައްޔިތުންގެ ހައްޤުގައި ކުރާ ބައެއް ނޫނެވެ.

ޕްރޮޖެކެޓަށް ދިން ފައިސާ ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށް ބޭނުން ކުރުމަށް ފަހު، ޕްރޮޖެކްޓް ނިންމި ފަރާތަށް ސަރުކާރުން ވަނީ ފައިސާ ނުދީ ހިފަހއްޓާފައެވެ. އަދި ކޮންޓްރެކްޓަރ ނިންމާފައިވާ މަސައްކަތަށް ކުވައިތުން ރާއްޖެއަށް ފައިސާ ދިން ނަމަވެސް، މި ފައިސާ ކޮންޓްރެކްޓަރ އަށް ނުދީ، ފަންޑުގެ ބާކީ ހުރި ފައިސާ އަށް އެދުމުން، ކުވައިތު ސަރުކާރުން އެކަމާއި ހިތްހަމަ ނުޖެހިގެން ފަންޑު ކުރުން ހުއްޓާލީ ކަމަށް ދިޔަވަރު ނޫހަށް ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ދިން ފަރާތުން މައުލުމާތު ދެއްވިއެވެ.

މަޖިލީހަށް ވަނީ، ހެލްތު މިނިސްޓަރ ހަދަމުން ދަނީ ދޮގު ކަން އެނގޭތީ ތެދު މައުލޫމާތު ދިނުމަށް އެދިފައެވެ.

ކުވައިތު ފަންޑާ ބެހޭ ގޮތުން މިނިސްޓަރު މިމޭރުމުން ވާހަކަ ދެެއްކެވުމުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ވެލިދޫގައި އަޅަން ނިންމި 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ހަވާލުކުރީ ކުވައިތު ފަންޑް ގެ އެޕްރޫވަލްއާ އެއްކޮށް ކަމަށެވެ. އެހެންވީމާ ކުވައިތު ފަންޑުގެ އެހީ ހުއްޓުމާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު ދެއްވަން އޭނާ އެދިވަޑައިގެންނެވި އެވެ.

އެންމެ ފަހުން މިނިސްޓަރު ވިދާޅުވީ އެ މައުލޫމާތު (ތެދު މައުލޫމާތު) ހޯއްދަވާފައި ފަހުން ދެއްވާނެ ކަމަށެވެ.