ޚަބަރު

ޑރ. މުއިއްޒު ވިދާޅުވަނީ ކުވައިތު ފަންޑުގެ އެހީ ގެންދިޔައީ އެހީ ބޭނުން ނުކޮށް ލަސް ކުރުމުން ކަމަށް, ޑރ. ޚަލީލު ވިދާޅުވަނީ އެހީން ގެންދިޔައީ އެ ފަނޑުގެ ޕްރޮކިއުމަންޓު އުސޫލާ ޚިލާފް ވެގެން ކަމަށް! ތެދު ހައްދަވަނީ ކޮން ބޭފުޅެއް?

ދިޔަވަރު
ޑރ. މުއިއްޒު ވިދާޅުވަނީ ކުވައިތު ފަންޑުގެ އެހީ ގެންދިޔައީ އެހީ ބޭނުން ނުކޮށް ލަސް ކުރުމުން ކަމަށް, ޑރ. ޚަލީލު ވިދާޅުވަނީ އެހީން ގެންދިޔައީ އެ ފަނޑުގެ ޕްރޮކިއުމަންޓު އުސޫލާ ޚިލާފް ވެގެން ކަމަށް! ތެދު ހައްދަވަނީ ކޮން ބޭފުޅެއް?

ކުވެއިތު ފަންޑުގެ އެހީގައި ކުރީ ސަރުކާރުން ކުރިޔަށް ގެންދަން ރޭވި ބައެއް މަޝްރޫޢުތަކަށް ހަމަޖެއްސި ފައިސާ އަނބުރާ ގެންގޮސްފައިވާކަމަށް ވިދާޅުވެ, އެހީ އަބުރާ ގެންދިޔަ ސަބަބުން ބަޔާންކޮށް, ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ކެބިނެޓުގެ ހެލްތު މިނިސްޓަރ ޑރ. ޚަލީލު ދެ ގޮތަކަށް ވާހަކަ ދައްކަވައިިފިއެވެ.

އެގޮތުން އެ ފައިސާ އަނބުރާ ގެންދިޔަ ސަބަބާ ގުޅޭ ގޮތުން ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ސުވާލުކުރުމުން ޑރ. ޚަލީލު މިއަދު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވީ ފަންޑު އަނބުރާ ގެންދިޔައީ ސަރުކާރުން ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފުވެގެން ކަމުގައެވެ.

ވަކި އުސޫލުތަކެއް ހުރޭ ރާއްޖެއިން އެސެސް ކުރުމަށް ފަހުގައި އެޖެންސީތަކަށް މި ފޮނުވަނީ އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން ވަކި ގޮތަކަށް ރާއްޖެއިން އޭރުގައި އެވޯޑް ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ބޭނުންވުމާ އެއްކޮށް ވަނީ ކުވެއިތު ފަންޑުން އެކަން ހުއްޓާލާފައި، ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ކުރިއަށް ދިޔަ ކަމަކަށްވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ.

ކުވައިތު ފަންޑުގެ އެހީ އަނބުރާ ގެންދިޔަ ސަބަބު ސާފު ކުރުމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މިއަދު ކުރެއްވި ސުވާލުގެ ޖަވާބުގައި ޑރ. ޚަލީލު ވިދާޅުވިއެވެ.

ކުވައިތު ފަންޑުގެ އެހީ ގެންދިޔައީ ކުރީ ސަރުކާރުން ޕްރޮޖެކްޓްތައް އެ ފަންޑުގެ ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް އެވާރޑްކޮށްގެން ކަމަށް މިއަދު ޑރ. ޚަލީލު ވިދާޅުވި ނަމަވެސް, ފާއިތުވި ފެބްރުއަރީމަހުގެ 26 ވަނަ ދުވަހު ހދ. ހަނިމާދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުވައިތު ފަންޑުން ދިން އެހީ އަބުރާ ގެންދިޔައީ މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސް ކުރުމުގެ ސަބަބުން ކަމުގައެވެ.

މިކަމަށް އޮތީ ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައި ދީފައި. ވަރަށް ކަނުލާ އަޑު އެއްސެވުން އެދެން. ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައި ދީފައި އޮތީ. ނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސް ކުރަމުން ގޮސް ކުވައިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ.

ކުވައިތު ފަންޑުން ދިން އެހީ އަނބުރާ ގެންދިޔަ ސަބަބު ހާމަ ކުރައްވަމުން ހަނިމާދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ފަނޑަކުން އެހީ ލިބުނު ނަމަވެސް، އުސޫލުތަކެއް ހުންނަ ކަމަށާއި، ފަންޑުތަކުން ދޭ އެހީ އަނބުރާ ގެންދަނީ މަސައްކަތްތަކަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަމުގައެވެ.

އެކަން ލަސް ކުރަމުން ގޮސް އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ. ގެންދިޔައީމަ މި ރަށް ވެސް ހިމެނޭ ގޮތަށް އަނެއް ތިން ރަށަށް ވެސް މަޝްރޫއު ގެއްލުނީ. އެހެންވެގެން މިކަން ނުވެފައި މިއޮތީ.

ކުވައިތު ފަންޑުގެ އެހީ ގެއްލިގެން ދިޔައީ ކުރީ ސަރުކާރުން އެކަމަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުވައިތު ފަންޑުން އެހީ ގެންދިޔަ ސަބަބާއި ގުޅޭގޮތުން ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ކެބިނެޓުގެ ހެލްތު މިނިސްޓަރ ޑރ. ޚަލީލު ތަފާތު މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު, ދެބޭފުޅުންގެ ތެރެއިން ތެދު ހައްދަވަނީ ކޮންބޭފުޅެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އެހެންނަމަވެސް, ބައެއް ފަރާތްތަކުން ވިދާޅުވެފައިވާ ގޮތުގައި ކުވައިތު ފަންޑުގެ އެހީ ސަސްޕެންޑް ކޮށްފައިވަނީ, މިހާރުގެ ހެލްތު މިނިސްޓަރ ޑރ. ޚަލީލުގެ ފައުންޑޭޝަނަށް މީގެ ކުރިން އެ ފަންޑުން ދިން އެހީގައި ހިންގި މަޝްރޫއެއް އެފައުންޑޭޝަނުން ނުނިންމާ, ކުވައިތު ފައުންޑޭޝަންގެ ފައިސާއަށް ޚިޔާނާތްތެރި ވުމުގެ ސަބަބުން ކަމުގައެވެ.

ބައިނަލްއަގުވާމީ ފަންޑުތަކުން ދޭ އެހީއަކީ ވަަރަށް ބޮޑަށް މޮނިޓަރ ކުރެވޭ އެހީތަކެކެވެ. އެގޮތުން އެފަދަ ފަންޑުތަކުން ފޯރުކޮށްދޭ އެހީތަކަށް އެވެސް ގައުމަކުން ޚިޔާނާތްތެރި ވެއްޖެނަމަ އެ ސަރުކާރަކަށް ފަންޑުތަކުން ދޭ އެހީ ސަސްޕެންޑް ކުރަމުން ދެއެވެ.