ޚަބަރު

މުއިއްޒުގެ ޑޯރޓުޑޯ ހަރަކާތް: އަރިހުގައި ގިނައީ ކެމެރާމަނުންނާއި ފޮޓޯ ގްރާފަރުން, އަމިއްލަފުޅު ކެބިނެޓްގެ ގިނަ ވަޒީރުންވެސް ވަޑައެއް ނުގެންނެވި!

ދިޔަވަރު
މުއިއްޒުގެ ޑޯރޓުޑޯ ހަރަކާތް: އަރިހުގައި ގިނައީ ކެމެރާމަނުންނާއި ފޮޓޯ ގްރާފަރުން, އަމިއްލަފުޅު ކެބިނެޓްގެ ގިނަ ވަޒީރުންވެސް ވަޑައެއް ނުގެންނެވި!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ބައެއް ކެނޑިޑޭޓުންނަށް, އަރިހުގައި ކެމެރާ މަނުންނާއި ފޮޓޯ ގްރާފަރުން އެކަނި ގެންދަވައިގެން ރައީސް މުއިއްޒު މިއަދު މާލޭގެ ބައެއް ގޭތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެގޮތުން އެމްޑީޕީންވެސް ރައީސް ސާލިހާއި އަދި އެޕާޓީގެ ރައީސް ޝާހިދުވެސް ކެނޑިޑޭޓުންގެ ކެމްޕޭނަށް ދޮރުން ދޮރަށް ހިންގަވަން ފައްޓަވާފައިވާތާ އެތައް ދުވަހެއް ވެފައިވަނިކޮށް, ރައީސް މުއިއްޒު މިއަދު ޑޯޓުޑޯގެ ހަރަކާތައް ނުކުންނެވީ އެކަން ދުރާލާ އިއުލާންވެސް ކުރައްވައިގެންނެވެ.

އެހެންނަމަވެސް މިއަދު މާލޭގެ ބައެއް މަގުތަކުންލާފަ މުއިއްޒު ދެތިން ގެއަކަށް ވަޑައިގެންނެވިއިރު އަރިހުގައި ތިއްބެވީ ހަމައެކަނި ފޮޓޯ ގްރާފަރުންނާއި ކެމެރާމަނުން އެކަނިކަން ފާހަގަ ކޮށްލެވެއެވެ.

އަދި އޭގެ އިތުރަށް ކެބިނެޓްގެ ދެތިން ވަޒީރުން ތިއްބެވިއިރު, ރައީސް މުއިއްޒުގެ އަމިއްލަފުޅު ކެބިނެޓްގައިވެސް ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުން ދޮރުން ދޮރުގެ ހަރަކާތައް ނިކުންނަވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ރައީސް މުއިއްޒުގެ މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ވަޑައިގެންނެވުނީ 4 ނުވަތަ 5 ވަރަކަށް ގެއަށެވެ. ޕީއެންސީންގެ ގިނަ އެކްޓިވިސްޓުންވެސް ބުނެފައިވަނީ, މިއީ ހަމައެކަނި ދެއްކުންތެރިކަމުގެ ގޮތުން ކުރިޔަށް ގެންދިޔަ, މުއިއްޒުގެ އަމިއްލަފުޅު ޕީއާރު އިވެންޓެއްކަމަށާއި, މި އިވެންޓުގެ ސަބަބުން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވީ ފައިދާއެއް ނެތްކަމުގައެވެ.