މި ރޯދަމަހަށް އަމާޒުކޮށް އެސްޓީއޯއިން ކޮންމެ ގޭބިސީއަކަށް 120 ރުފިޔާގެ މަގުން ބަހަމުންދާ ފުށާއި ހަނޑުލުގައި ފަނި އަޅާފަ ހުރިކަން ހާމަ ވެއްޖެއެވެ.
މިކަން ހާމަވީ, ސަރުކާރުން ހިލޭ ބަހަމުންދާ ކާޑު ގަނެގެން ބައެއް ފަރާތްތަކުން ގޭގެއަށް ގެންދިޔަ ފުށުގައި ފަނި އަޅާފަ ހުރިކަން ހާމަވުމުންނެވެ. ފަނި އަޅާފަހުރި ބައެއް ވީޑިއޯތައްވެސް މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އާންމުންނަށް ވިއްކާފައި ވަނީ އެތައް މަހެއްވަންދެން ގުދަން ކޮށްފައި ހުރި ފުށާއި ހަނޑުލެވެ. އޭގެ ތެރެއިން ގިނަ ބަސްތާތަކުގައި ފަނި އަޅާފައިވާތީ ގިނަ ބަޔަކަށް ވަނީ އެ ކާޑު އުކާލަންޖެހިފައިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މަޖިލިސް އިންތިޚާބު ކުރިޔަށް އޮތުމާއެކު, ރައީސް މުއިއްޒު ގެންދަވަނީ ހަނޑުލާއި ފުށް ސިޔާސީ ހަތިޔާރަކަށް ހައްދަވާ, އިންތިޚާބަށް ނާޖާއިޒް ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ގޭގެއަށް ކާޑު ބަހަމުންނެވެ.
އެހެންނަމަވެސް, 10 ކިލޯގެ ހަނޑުލުގެ އަގަކީ 65 ރުފިޔާއެވެ. 10 ކިލޯގެ ފުށުގެ އަގަކީ 55 ރުފިޔާއެވެ. އެހެންކަމުން “ރޯދަ ހަދިޔާ”ގެ ނަމުގައި ރައީސް މުއިއްޒު ކޮންމެ ގޭބިސީއަކަށް ހިލޭ މިފޯރުކޮށްދެއްވަނީ ޖުމްލަ 120 ރުފިޔާގެ ކާޑެވެ. އެގޮތުން 120 ރުފިޔާގެ ކާޑު ހޯދުމަށް އާންމު ރައްޔިތުން މިއަދުވަނީ ކާޑު ބަހާ ބައެއް ލޮކޭޝަންތަކުގައި މެންދުރުދަޅާގެ ރަތްދަކަ އަވީގައި ކާޑު ހޯދުމަށް އެތައް އިރަކު ކިއުގައި ތިބެން ޖެހިފައެވެ.
އެއްވެސް އިންތިޒާމެއް ނެތި, ގޭގެއަށް ކާޑު ބެހުމަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމެެއް ކަމަށް ބުނެ, އެކަން ރައީސް މުއިއްޒުގެ ޕްރޮމޯޝަނަކަށް ސަރުކާރުން ހަދާފައިވާއިރު, ޚުދު މުއިއްޒުގެ ދެމަފިރި ކަނބަލުންނަށްވެސް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ލިބޭ ގޮތަށް ކާޑު ބަހާއިރު, އަސާސީ މި މުހިންމު ވަސީލަތް ފޯރުކޮށް ދިނުމުގައި އެންމެ އާދައިގެން ނިކަމެތި ރައްޔިތު މީހާގެ ހައްގުތަކާއި, މިއަދު މުއްސަދި މަހުޖަނުންގެ ގޮތުގައި ތިއްބެވި, ރައީސް މުއިއްޒުގެ ދެމަފިރި ކަނބަލުންގެ ހައްގުތައް އެއްހަމަޔަކުން މިނާނީ ކޮން އުސޫލަކުންތޯ މިއީ ހަގީގަތުގައިވެސް އުފެދިގެންދާ ސުވާލެއްވެސް މެއެވެ.
ކޮންމެ އިންތިޚާބަކާއި ދިމާކޮށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ގޭބިސީތަކަށް ފޯރުކޮށް ދިނީމަށް ވޯޓު ލިބޭނެކަމަށްވެސް މުއިއްޒުއަށް ހީވީކަމަށް ވެދާނެއެވެ. ކުޑަ ކާޑުކޮޅަކުން ރިޝްވަތު ދީގެން ރައްޔިތުންގެ އިއްޒަތުއްނަފްސު ގަނެލެވިދާނެކަމަށް މުއިއްޒުއަށް ހީވީއެވެ.
އާދޭހެވެ! ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށް ވިންނޭނީވެސް އެ ބީދައިންނެވެ. އެހެންނަމަވެސް ރައީސް މުއިއްޒުއަށް ދަންނަވަމެވެ. 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށަށް ދިވެހި ރައްޔިތުން ހިތް ގަނެލެވިދާނެކަމަށް ހީ ނުކުރައްވާށެވެ. އެކަމެއް ނުކުރެވޭނެއެވެ. ރައްޔިތުންނަށް ރައީސް މުއިއްޒު ވީ ބޭވަފާގެ ނަތީޖާ ވަރަށްވެސް ހިތިވާނެއެވެ.