ރިޕޯޓު

ހައްގުތައް ގެއްލޭއިރު ވެސް މަސައްކަތްތެރިންގެ ބިލު މަޑު ގިނީގައި!

ދިޔަވަރު
ހައްގުތައް ގެއްލޭއިރު ވެސް މަސައްކަތްތެރިންގެ ބިލު މަޑު ގިނީގައި!

ވަޒީފާ އަދާކުރާ މީހުންނަށް ރައްކާތެރިކަމާއި އެހެން އެތައް ހައްގެއް ދިނުމުގައި ވަޒީފާދޭ ފަރާތްތައް އިހުމާލުވުމަކީ މުޅި ދުނިޔޭގައި ވެސް އޮތް މައްސަލަ އެކެވެ. އެފަދަ ހާލަތްތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ހޯދަން އެހެން ގިނަ ގައުމުތަކުގައި މީހުން ނުކުންނަނީ ޔޫނިއަންތައް ހަދައި އެކަތިގަނޑެއްގެ ގޮތުގަ އެވެ. އެފަދަ ޔޫނިއަންތަކަކީ ގާނޫނުތަކުން ބާރު ލިބިގެން އުފައްދާ ޖަމާއަތްތަކެކެވެ.

މި އިންތިޒާމު ރާއްޖޭގައި ހަަމަޖެއްސުމަށް ޓަކައި ހަދަން ޖެހޭ ގާނޫނުގެ ބިލު މިދިޔަ މާޗް މަހުން ފެށިގެން މަޖިލީހުގައި އެބަ އޮތެވެ. "އިންޑަސްޓްރިއަލް ރިލޭޝަންސް އާ ބެހޭ ގާނޫނު" ގެ ނަމުގައި ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު އެ ބިލު ހުށަހެޅުއްވީ މާޗް 19، ގަ އެވެ.

ބިލު ހުށަހެޅުއްވި މެމްބަރުގެ ޝަކުވާ

އިންޑަސްޓްރިއަލް ރިލޭޝަންސް އާ ބެހޭ ބިލުގެ ފުރަތަމަ ކިއުން މާޗް 22، ގައި ބޭއްވި ޖަލްސާގައި އިއްވި އެވެ. އެބިލުގެ ބަހުސް އޭޕްރިލް 26، ގައި ފެށި އެވެ. އޭގެ ފަހުން އެ ބިލު އެއް ގޮތަކަށް ވެސް އެޖެންޑާ ނުކޮށް އޮތުމަށް ފަހު ބިލުގެ ބަހުސް ފެށީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިމަހުގެ 11 ވަނަ ދުވަހާއި 16 ވަނަ ދުވަހު ވެސް އެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔަ އެވެ.

ބިލު ދިގުދެމިގެންދާ ކަމުގެ އިހުސާސް، ބިލު ހުށަހެޅުއްވި މެމްބަރު އިބްރާހީމް ޝަރީފަށް އެހިސާބުން އިހުސާސްކުރެއްވުނު ކަން އެނގުނީ އެ ދުވަހުގެ ޖަލްސާގައި ކުރެއްވި ޝަކުވާ އިންނެވެ. އޭނާ ވިދާޅުވީ އެ ބިލު މަޖިލީހަށް ބަލައިގަތުމަށް އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރައްވާ އިރު އެ ބިލު ވޯޓަކާ ހަމައަށް ނުގޮސް އޮތުމަކީ ހިތާމައެއް ކަމަށެވެ.

"އިއްޒަތްތެރި ރައީސް، ހިތާމައާ އެކު ފާހަގަކުރަން ޖެހެނީ މިހާ މުހިއްމު ބިލެއް ހުށަހެޅިގެން މިހާ ގިނަ ދުވަސް ވާއިރު ވެސް މަޖިލީހުގެ ތަޅުމުގައި ވޯޓަކާ ހަމައަށް ނުގޮސް، އެކި ކަހަލަ ލަމްބާ ޗޯޅާ ވާހަކަތަކުގެ ތެރެއިން ލާފައި މި ބިލު އޮންނަނީ ތާށިވެފައި. މިއީ ހިތާމަހުރި ކަމެއް،" ޝަރީފު އެ ދުވަހު ވިދާޅުވި އެވެ.

އެ ބިލު އަވަހަށް ފާސްކޮށްދެއްވަން މެމްބަރުންނަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ހޯމަ ދުވަހު ކުރި ބަހުސަށް ފަހު ބިލު މިހާރު އޮތީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

"މެޖޯރިޓީ ޕާޓީ އަށް ކުރެވޭނެ ކަމެއް ނެތް"

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތުހުމަތުކުރާ ގޮތުގައި މަޖިލީހަށް މިހާރު ހުށަހަޅާފައި ހުރި މުހިންމު ބިލުތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނީ ރިޔާސަތުން އެއްބާރުލުން ނުދީގެންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވެވި މީޑިއާ ބްރީފިން ގައި ވިދާޅުވީ މަޖިލީހުގައި އެޕާޓީގެ މެޖޯރިޓީ އޮތަސް، އެެޖެންޑާ ސެޓްކުރުމުގައި އެޕާޓީގެ ބަސް ނުވިކޭ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން މަޖިލީހުގައި ތަމްސީލުކުރާ މެމްބަރުންގެ ވަރަށް ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް އޮވެމެ، އެޖެންޑާ ސެޓްކުރުމުގައި، މަޖިލީހުގެ އެޖެންޑާ ސެޓްކުރުމުގައި މެޖޯރިޓީ ޕާޓީގެ ބަސް އެއްވެސް ވަރަކަށް ހިނގަމުން ނުދާ މައްސަލަ އަޅުގަނޑުމެންގެ މައިގަނޑު ކަންބޮޑުވުމަކީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މި މޭރުމުން ވާހަކަ ދެއްކެވި އިރު މަޖިލީހުގެ މަސައްކަތްތައް އިންތިހާއަށް މަޑުޖެހިފައި އޮތީ ހަމަ އެކަނި ރިޔާސަތުގެ ސަަބަބުންނޭ ބުނެވޭކަށް ނެތެވެ. މިދައުރުގެ ޖަލްސާތަކުގެ ހާޒިރީއަށް ބަލައިލުމުން އެކަން ސާފުވެ އެވެ. މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާތަކަށް ވަޑައިގަންނަވަނީ އާއްމުކޮށް ތިރީހަކަށް މެމްބަރުންނެވެ. މެމްބަރުން މަދުކަމުން ޖަލްސާ ނުބޭއްވުނު ދުވަސްތައް ވެސް ގިނަ އެވެ.