މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް އައްޔަން ކުރުމަށް ފެބްރުއަރީ، 21، ގައި މަޖިލީހުން ރުހުން ދީފައިވާ އައިމިނަތު ނުޒުހާ މަގާމަށް އައްޔަން ކުރުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބޭއްވުމުގެ ބަދަލުގައި މަގާމުގެ ފަތްކޮޅު ގެއަށް ފޮނުވާލިއެވެ.
މަޖިލީހުން އޭނާގެ ނަން ފާސްކުރިތާ 26 ދުވަސް ވީއިރުވެސް މަގާމަށް އައްޔަން ނުކޮށް ދިގު ދަންމާލިއެވެ. މުއިއްޒަށް ސަނާ ނުކިޔާ ނޫސް ވެރިއަކަށް ވީމައެވެ. މަގާމަށް އައްޔަން ކުރި ކަމުގެ ލިޔުން ދޭން އެނގުނީ ނޫސްތަކުން އެވާހަކަ ދައްކައި، ސަރުކާރަށް ޕްރެޝަރު ބޮޑުވެގެންނެވެ. ނޫސްވެރިންނާއި ގުޅޭ ކަމެއްގައި ނޫސްވެރިންގެ ގަލަމުން އެއަށް ބާރު އެޅުމުން މެނުވީ ސަރުކާރަށް ޤާނޫނަށް ބޯލަންބަންވެސް ބޭނުން ނުވެއެވެ.
ނޫސްވެރިންނާއި ޖެހުމުން، ދައުލަތުގެ އުސޫލުތަކާއި، ގެންގުޅުއްވާ ހަމަތަކަށް ވެސް މުއިއްޒު އިހްތިރާމެއް ނުކުރައްވައެވެ. ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބާއްވައި އައިމިނަތު ނުޒުހާއަށް މަގާމުގެ ފަތްކޮޅު އަރުވަން މުއިއްޒު ބޭނުން ނުވި ނުވުމަކީ ވަރަށް ނާތަހުޒީބު ހުތުރު ކަމެކެވެ. އެއިން ދައްކުވައިދެނީ، ނޫސްވެރިކަމުގެ މިނިވަން ކަމަށް އެއްވެސް ވަރެއްގެ އިޚްތިރާމެއް ނުކުރާކަމެވެ. މުއިއްޒަކީ ފިކުރު ތަފާތު މީހުންނަށް، މަޤާމުގެ ގޮތުން ދައުލަތުން ދޭންޖެހޭ އިޚްތިރާމް އަދާކޮށް، ސަލާން ކޮށްލާން ނުކެރޭ، ފިނޑި މީހެއް ކަމެވެ.
މަޖިލީސް އިންތިހާބުން މުއިއްޒަށް ކާމިޔާބު ލިބިއްޖެ ނަމަ، ނޫސްވެރިން ރޮލާ ކާނެއެވެ. ނޫސް ވެރިން އުލު ބައިންދާނެއެވެ. ނޫސްވެރިން ކުޑަ ގޮޅިއަށް ލައި ތަންޑު އަޅުވާނެއެވެ. އަނިޔާވެރިކަން އިންތިހާއަށް ދާނެއެވެ.