މިނިވަން ނޫސް ވެރިކަމާއި ދެކޮޅަށް ތެދުވެ ވަޑައިގެން ހުންނެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ފުޅަށް، ސަރުކާރު ކުންފިނިތަކަށް ގުޅައި، ވަކި ނޫސްތަކަކަށް ދީފައިވާ ސްޕޮންސަރ ތައް ހުއްޓާލުމަށް އެތަންތަނުގެ މެނޭޖިންގ ޑިރެކްޓަރުންނަށް އަންގާފައިވާ ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
މިގޮތުން އަދަދު، ދައުރު، އަދި ރާއްޖެ ޓީވީ އާއި، ރަޖިސްޓަރ ކޮށްގެން ނޫސް ވެރިކަން ކުރަމުން އަންނަ ގިނަ ފަރާތްތަކަށް ދަތިކުރުމަށް، އެފަރާތްތަކަށް ލިބެމުންދިޔަ ސްޕޮންސަރ ތައް ކަނޑާލައި، މިނިވަން ނޫސްވެރިކަން ނައްތާލުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މުއިއްޒު ދަނީ ކުރަމުންނެވެ.
މުއިއްޒު އަންގާފައިވާ ގޮތަށް މިކަން ހިނގަމުން ދޭތޯ ބަލަން، ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލު ދަނީ ސަރުކާރު ކުންފިނިތަކަށް ގުޅައި ބާރު އަޅަމުންނެވެ. އަދި ބައެއް ނޫސްތަކުގެ ވެރިންނާއި، މީޑިޔާ ޗެނަލްތައް ހިންގާ ފަރާތްތަކަށް ނުގަވާއިދުން ޕްރޮޖެކްޓް ދީގެން ސަރުކާރަށް ތާޢީދު ކުރުވައި، ނޫސްވެރިންނަކީ ކޮރަޕްޓް ހުތުރު ބަޔަކަށް ހެދުމަށް ސީދާ މުއިއްޒުގެ އަމުރަށް، ސަރުކާރު ތެރެއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ހެކި ދިޔަވަރު ނޫހަށް ލިބިފައިވެއެވެ.
މުއިއްޒު ދަނީ އޭނާ އުފައްދާފައިވާ އަސްލު ޓީވީ ކިޔާ ޓީވީ އަކަށް މަހަކަށް އެއް މިލިއަން ރުފިޔާ އަމިއްލަ ޖީބުން ދެމުންނެވެ. އަދި ދައުލަތުގެ އެކި ކުންފުނިތަކުން 3 މިލިއަން ރުފިޔާ މުއިއްޒު ދަނީ މުއިއްޒުގެ ޓީވީ އަސްލު ޓީވީ އަށް ދެމުންނެވެ. މި ޓީވީއިން ކުރާހާވެސް ކަމަކީ މުއިއްޒު ޕްރޮމޯޓް ކޮށް، މުއިއްޒުގެ ދޮގު ޚަބަރުތައް ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ގެނައުމެވެ.
މިނިވަން ނޫސްތަކަށް ފަންޑު ކުރަމުންދާ އަމިއްލަ ވިޔަފާރިތަކަށް ވެސް މުއިއްޒު ދަނީ ދަތިކޮށް، ސްޕޮންސާ ނުކުރުމަށް އެދި އެފަރާތްތަކަށް އެކި އެކި ބިރު ދައްކަމުންނެވެ.
ވެރިކަމަށް އައީ ނޫސްވެރިންނަށް ސްކޯލަރޝިލް ހޯދަ ދޭނެ ކަމަށާއި، ނޫސްވެރިންނަށް މީޑިޔާ ވިލެޖެއް ޤާއިމު ކޮށްދޭނެ ކަމަށް ބުނެ ދޮގު ހަދައިގެންނެވެ. ވެރިކަމަށް އައިސް މުއިއްޒު ދަނީ ނޫސްވެރިންނަށް އިންތިހާއަށް ނުފޫޒު ފޯރުވައި، ނޫސްވެރިންގެ ޤަދަރާއި އިޚްތިރާމު ނަގާލައި، ނޫސްވެރިކަމުގެ އާއިލާއަށް އިންތިހާއަށް އަނިޔާވެރި ވަމުންނެވެ.
ރާއްޖޭގައި އޮތް މިނިވަން ނޫސްތަކާއި ދެކޮޅަށް މުއިއްޒު ރާވައިގެން ހިންގަމުންދާ އަމަލުތައް ދިޔަވަރު ނޫހުން ކުށްވެރި ކުރަމެވެ. އަދި ނޫސްވެރިންނާއި އެކު، ނޫސްވެރިންގެ ދިފާއުގައި ދިޔަވަރު ނޫސް އަބަދުވެސް އޮންނާނެ ވާހަކަ ދަންނަވަމެވެ.