ޚަބަރު

ހަފްތާ 14 ގައި އަރައްބިއްޔާ ސްކޫލު އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ވައުދުވެ, މުއިއްޒު ވަނީ ބެލެނެވެރިންނަށް އޮޅުވާލާފަ! އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއްވެސް އަދި އެނގިފައެއް ނެތް!

ދިޔަވަރު
ހަފްތާ 14 ގައި އަރައްބިއްޔާ ސްކޫލު އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ވައުދުވެ, މުއިއްޒު ވަނީ ބެލެނެވެރިންނަށް އޮޅުވާލާފަ! އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއްވެސް އަދި އެނގިފައެއް ނެތް!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެކުލަވާލި ހަފްތާ 14ގެ (މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ) މަގު ޗާޓުގައި ހިމަނާފައިވާ, އަރަބިއްޔާ ސްކުލޫގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ވީ ވައުދު ނުފުއްދި, އަލަމީ މަސައްކަތް ފެށޭނެ ދުވަހެއްވެސް މިހާރު އެގެންކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ހަފްތާ 14 ގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށޭ ގޮތް ނުވުމުން, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކާ, އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ހަމަޖައްސާފައިވާ ބިމުގައި "ޑަމީ" ރަސްމިއްޔާތެއް ބާއްވާފައި ވާކަމުގައެވެ.

42 ކުލާސް ހިމެނޭ އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާތަކަށް މައުލޫމާތު ދީގެން, އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީޢުވެސް ހާޒިރުވެގެން, އިމާރާތް އެޅުމަށް ޚާއްސަ ކޮށްފައިވާ ބިމުގައި ވަނީ ފާއިތުވި ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެއީ ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް (ހަފްތާ 14) ހަމަވުމުގެ 3 ދުވަސް ކުރިއެވެ.

އެހެންނަމަވެސް އެދުވަހު އެ މިބުގެ ހިސާބަކުން ވެލިކޮޅެއް ނެގުން ނޫން އެހެން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

އެގޮތުން އެ އިމާރާތް އެޅުމަށްޓަކާ ކުރާންޖެހޭ އަމަލީ އެއްވެސް މަސައްކަތެއް މިއަދާއި ހަމައަށްވެސް ކޮށްފައި ނުވާތާގައި އިމާރާތް އެޅުމަށް ހަމަޖައްސާފައިވާ ބިންވެސް އަދި އަދާއިހަމައަށް ހުސްކޮށްފައި ނުވާކަމަށްވެސް "ދިޔަަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށޭނެ ދުވަހެއް އަދި އެނގިފައި ނުވާއިރު, އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ އެއިމާރުގެ ކުރެހުމަށް ބަދަލު ގެންނަންޖެހޭ ކަމަށްވެސް ބުނެފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ މިއީވެސް, ވައުދުވި ގޮތަށް ހަފްތާ 14 ގައި އެއިމާރާތުގެ އަމަލީ މަސައްކަތް ނުފެށުމުން އުޒުރު ދެއްކުމަށް މިނިސްޓްރީން ދައްކަމުންދާ ވާހަކައެއް ކަމުގައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އަރަބިއްޔާގެ ބެލެނެވެރިންނަށް އޮޅުވާލާފައިވާއިރު, ރިޔާސީ އިންތިޚާބުގައި ވީ ގިނަ ވައުދުތައް ނުފުއްދާ ރައްޔިތުންނަށް ދަނީ އޮޅުވާލަމުންނެވެ. އޭގެ ތެރޭގައި މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭނެކަމަށް ވިދާޅުވެ ވީ ވައުދުވެސް ހިމެނެއެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ބުނަމުންދަނީ އެއީ ފުއްދޭނެ ވައުދެއް ނޫންކަމުގައެވެ.