ޚަބަރު

ފުށި ދިއްގަރު ފަޅު ހިއްކުމަށް އެއްބަސްވުމުގައި ސޮއި ކުރީ އަވަސް އަރުވާލައިގެން, ހަފްތާ 14 ގައި މަޝްރޫޢު ފެށިކަން ދެއްކުމަށް! މުޅި މަޝްރޫއު ވަނީ ހުއްޓިފަ! މަޝްރޫޢާ ގުޅޭގޮތުން މުއިއްޒު މިހާތަނަށް ހެއްދެވީ ހުސް ދޮގު!

ދިޔަވަރު
ފުށި ދިއްގަރު ފަޅު ހިއްކުމަށް އެއްބަސްވުމުގައި ސޮއި ކުރީ އަވަސް އަރުވާލައިގެން, ހަފްތާ 14 ގައި މަޝްރޫޢު ފެށިކަން ދެއްކުމަށް! މުޅި މަޝްރޫއު ވަނީ ހުއްޓިފަ! މަޝްރޫޢާ ގުޅޭގޮތުން މުއިއްޒު މިހާތަނަށް ހެއްދެވީ ހުސް ދޮގު!

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢަކީ ހަފްތާ 14ގައި މަޝްރޫޢު ފެށިއްޖެކަމަށް އާންމު ރައްޔިތުންނަށް ދެއްކުމުގެ ގޮތުން އެއްބަސްވުމުގައި އަވަސް އަރުވާލައިގެން ސޮއިކޮށްފައިވާ މަޝްރޫއެއްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ މިމަޝްރޫޢުގެ ބިންހިއްކުން މިހާރު ހުއްޓުމަކަށް އައިސްފައިވާކަަމަށް ވިދާޅުވެ, އިންފްރާސްޓްކަޗަރ މިނިސްޓަރ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުންނެވެ.

މުއްތަލިބު މިއަދު ވިދާޅުވީ, މަޝްރޫއު ފެށީ ވީހާވެސް އަވަހަށް މަޝްރޫޢު ފެށުމަށްޓަކާ ކުރި މަސައްކަތުގެ ތެރެއިން މަސައްކަތް ފެށޭނެ ގޮތަކަށް ސޮއި ކޮށްގެން ކަމުގައެވެ.

ހަގީގަތުގަ އޭރުގަ ދެން ވީހާވެސް އަވަހަށް މަޝްރޫޢު ފެށުމަށްޓަކާ ކުރި މަސައްކަތުގެ ތެރެއިން އަޅުގަޑުމެންނަށް މަސައްކަތް ފެށޭނެ ގޮތަކަށް ސޮއި ކުރެވިފަ ކުރިޔަށް ގެންދިޔައީ.

ފުށިދިއްގަރު ބިންހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރީ ހަމައެކަނި އަވަހަށް އެމަޝްރޫއު ފެއްޓުމުގެ ބޭނުމުގައި އެކަނިކަމަށް ވިދާޅުވަމުން މުއްތަލިބި ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ, މިވަގުތަށް ހިއްކަން ހުރި ބިންތައްވެސް ނުހިއްކި ވަނީ އެމަސައްކަތް ކުރިޔަށް ގެންދާ ބޮސްކާލިސްއިން ރާއްޖޭގައި ބޭނުންކުރާ ޑްރެޖަރު ބޭނުންކޮށްގެން މިހާރު ގުޅީފަޅު ހިއްކަމުންދާތީ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެމައްސައްކަތް ދެން ކުރިޔަށް ދާނީ ގުޅީފަޅު ހިއްކާ ނިމުމުން ކަމުގައެވެ.

ރަސްމާލެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައި އޮތް މަޝްރޫއަކަށްވާތީ މިނިސްޓްރީތެރެއިން ހިންގާ މަޝްރޫޢެއް ނޫން މިވަގުތު އެއީ އެޗްޑީސީއާއި ކޮންޓްރެކްޓަރއަކާ ސޮއިކުރެވިގެން.. ދެން އޭގަ މިވަގުތު ސީދާ.. އަނެއް.. ބިން ހިއްކުމުގެ މަސައްކަތެއް ކުރިޔަކަށް ނުދޭ. 

މިއަދި އިންފްރާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު އިތުރަށް ވިދާޅުވީ ފުށިދިއްގަރު ފަޅުގެ ބިން ހިއްކުން އިތުރަށް ކުރިޔަށް ދާނީ ލަންކާގެ ރާޖޫގެ ކުންފުންޏަށް މިސަރުކާރުން ދިން ބިން އެކުންފުނިން ވިއްކައިގެން އެކުންފުންޏަށް ފައިސާ ލިބު ދުވަހަކުން ކަމުގައެވެ.

އެބޭފުޅުންނަށް ލިބިފަ އޮތް ބިމެއް އެބޭފުޅުން ވިއްކައިގެން އެބޭފުޅުން ލާރި ރިއަލައިޒްކޮށްގެން އެގެ ތެރެއިން އެބޭފުޅުންނަށް ޚަރަދު ކުރެވެން އެއަންނަނީ. އެހެންވީމަ ޚަރަދު ކުޑަކުރުމުގެ ގޮތުންކަމަށް އަޅުގަޑުމެންނަށް ބޮޑަށް ގަބޫލުކުރެވެނީ މިކޮޅުގަ އޮތް ޑްރެޖަރ ބޭނުންކުރުމުގެ ވިސްނުން އެބޭފުޅުން ގެންގުޅުއްވަނީ. އެއީ އެމަސައްކަތް މިވަގުތަށް.. ސީދާ ވެލިއެޅުމުގެ މަސައްކަތް ކުރިޔަށް ނުދާ މައިގަޑު ސަބަބެއްގެ ގޮތުގައި ފާގަހަ ކުރެވެނީ. 

މުއްތަލިބު ވިދާޅުވިއެވެ.

ފުށި ދިއްގަރު ބިން ހިއްކުމުގެ މަޝްރޫޢު ދައުލަތުގެ ބަޖެޓު ނުހިމަނައި, އެ މަޝްރޫއު އަވަސްއަރުވާލައިގެން ފެއްޓުމުގެ އިތުރުން އިއުލާން ނުކޮށް އެ މަޝްރޫއު އެވާޑްކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއެވެ.

މި ސަރުކާރުން ކުރިޔަށް ގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢު، ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ ސަރުކާރުން ބަޖެޓުން ލޯ ލާރިއެއްވެސް ޚަރަދު ނުކޮށްކަމަށާއި, އަދި އެ މަޝްރޫޢު ކުރިޔަށް ގެންދަނީ 99 އަހަރަށް ބިން ހިއްކާ ކުންފުނި ސީއެމްސީއަށް ފުށިދިއްގަރު ފަޅާއި އަދި ހުޅުމާލެއިން 70 ހެކްޓަރުގެ ބިން ހިލޭ ދީގެން ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.

މި ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމަށް އެންމެ ފުރަތަމަ ބަޖެޓް ކޮށްފައިވަނީ 400,000 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އެ ފައިސާ ހޯދާނެ ގޮތް ބަޖެޓްގައި ބަޔާން ކޮށްފައި ނެތުމުން މާލިއްޔަރު ކޮމިޓީން ވަނީ އެ ފައިސާ ބަޖެޓުން އުނިކުރިއެވެ.

އެއާކު ރައީސް މުއިއްޒު ވިދާޅުވީ ދެން އެމަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޚަރަދު ނުކުރައްވާނެ ކަމުގައެވެ. އެއަށްފަހު އެޗްޑީސީން ބުނެފައިވަނީ އެ މަޝްރޫއަށް ހުރިހާ ޚަރަދެއްވެސް ކުރާނީ ބިން ހިއްކާދޭ ކުންފުވި ކަމަށްވާ ސީއެމްސީ ކުންފުނިން ކަމަށާއި, އޭގެ ބަދަލުގައި އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރ އަދި ހިއްކާ ބިމުން 60 ހެކްޓަރު ދޭނެ ކަމުގައެވެ.

ފުށިދިއްގަރު ފަޅު ހިއްކުން ދެން ކުރިޔަށް ދާނީ ސްރީ ލަންކާގެ ސީއެމްސީސީ ކުންފުންޏަށް ދިން ބިން އެކުންފުންޏަށް ވިއްކުނު ދުވަހަކުން ކަމަށް މުއްތަލިބު ވިދާޅުވިއިރު, އެ ކުންފުންޏަށް އެ ބިންތައް ހިއްކޭނެ ދުވަހެއްވެސް އަދި ނޭނގެއެވެ. ބިން ހިއްކިގެން މެނުވީ ރާޖޫގެ ބިންތައްވެސް އޭނާއަށް ވިއްކައެއް ނުލެވޭނެއެވެ.

އެގޮތުން, އަވަސް އަރުވާލައިގެން ލަންކާގެ މަހުޖަނު ރާޖޫގެ ކުންފުންޏަށް މާލެ އަށް ވުރެ އެތައް ގުނައެއް ބޮޑު ބިމެއް ހިލޭ ދޫކޮށްލާ ގޮތަށް ހިއްކަން ފެށި ރަސްމާލޭގެ މިހާތަނަށް ހިއްކިފައި ވަނީ އެންމެ އަށް ހެކްޓަރުގެ ބިންކޮޅެކެވެ. އޭގެ ފަހުން މިހާރު އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް, ޕްރޮޖެކްޓް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ފާއިތުވި ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ފުށި ދިއްގަރު ފަޅި ހިއްކުމުގެ މަޝްރޫޢު ފައްޓަވާ ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެފަޅުން ހިއްކަން ފެށީ 1،153 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި ހިއްކުމުގެ މަޝްރޫޢު 8 މަސްތެރޭ ހިއްކާ ނިމާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިއަދު މި ފަށާ ގޮތަށް… 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް.

ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.

މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

އެހެންނަމަވެސް މިމަސައްކަތް ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސްރީލަންކާގެ ސީއެމްސީއަށް 99 އަހަރަށް ދީގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.