އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ އަންހެނުންނަށް ހުޅުމާލެއިން ނުއަގުގަ, ވަގަށް ބިން ދިންކަން ލީކު ކުރިކަމުގެ ތުހުމަތުގައި އެކުންފުނީގެ ފިނޭންސް އަދި ސޭލްސްގައި މަސައްކަތް ކުރާ 5 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ. އެ މުވައްޒަފުން ވަޒީފާއިން ކަނޑާލާފައިވަނީ ފާއިތުވި ހަފްތާގައެވެ.
"ދިވަޔަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މިމުވައްޒަފުން ވަޒީފާއިން ކަނޑާލުމަށްފަހު, ފަޒުލް އެކުންފުނީގައި ހިންގަމުންދާ ކޮރަޕްޝަންތައް ވަންހަނާ ކުރުމަށްޓަކާ އެޗްޑީސީގެ ޕޯޓަލްގެ އެކްސެސްވެސް, މިހާރު އޮންނަނީ ފަޒުލްގެ އަތުގެ އިތުރުން އޭނާއާއި ގާތް ދެތިން މުވައްޒަފެއްގެ އަތުގައި އެކަންޏެވެ.
"ދިވަޔަރު އޮންލައިން"އަށް މައުލޫމާތު ދިން އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ފަޒުލް އަދިވެސް ގެންދަނީ އޭނާގެ އަންހެނުންނަށް ދިން ބިމާއި ގުޅޭ ލިޔެކިޔުންތައް ސިއްރު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމުގައެވެ. އޭގެ ތެރޭގައި އޭނާގެ އަންހެނުންނަށް ނުއަގުގައި, ވަގަށް ބިން ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުމާއި, އަދި އަންހެނުންނަށް ބިން ކަށަވަރުކުރުމަށް ފަޒުލް ކުންފުނީގެ ބޯޑަށް ހުށަހެޅި ލިޔެކިޔުންތަކާއި އަދި އެނޫންވެސް ބިން ދިނުމާއި ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހިމެނޭ ލިޔެކިޔުންތައް ހިމެނޭކަމަށްވެސް "ދިވަޔަރު އޮންލައިން"އާއި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ވަކި ކުރި މުވައްޒަފުންނަކީ އެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް މުވައްޒަފުން ކަމުގައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔެކިޔުންތަކުން އެނގެންހުރި ގޮތުގައި ފަޒުލް އޭނާގެ އަންހެނުން ޒުލްފީނާ ރަޝީދަށް ދީފައިވަނީ 2,146 އަކަފޫޓުގެ ބޮޑު ބިމެކެވެ.
މި ބިމުގެ އަސްލު އަގަށް ބަލާއިރު 5 އަހަރު ދުވަހުގެ ތެރޭގައި 11،705،442.84 ރުފިޔާ ފަޒުލްގެ އަންހެނުން އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ. އެގޮތުން 60 މަހަށް (5 އަހަރަށް) ބަހާލުމުން މަހަކަށް އެޗްޑިސީއަށް ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ޖެހޭނީ މަހަކަށް 242،977 ރުފިޔާއެވެ.
އެހެންނަމަވެސް ފަޒުލްވަނީ މިއަގުން %20 އުނިކޮށް, އޭނާގެ އަންހެނުން މަހަކަށް އެޗްޑީސީއަށް ދައްކަންޖެހޭ އަދަދަކީ 185،336.18 ރުފިޔާ ކަމުގައި ހަމަޖައްސާ ދީފައެވެ.
އެޗްޑީސީގެ ބައެއް މުވައްޒަފުން “ދިޔަވަރު އޮންލައިން”އަށް ކިޔައިދިން ގޮތުގައި, ބޯޑަށް ހުށަހެޅުމަށް, %20ގެ ޑިސްކައުންޓުގައި ޕޭމަންޓް ޕްލޭން ހެދުމަށް އެޗްޑީސީގެ މުވައްޒަފުންނަށް ފަޒުލްވަނީ މަޖުބޫރު ކޮށްފައެވެ. މުވައްޒަފުންނަށް ފަޒުލް މަޖުބޫރުކޮށްފައިވަނީ އެގޮތަށް ޕޭމަންޓް ޕްލޭން ތައްޔާރު ނުކޮށްފިނަމަ, އެ މުވައްޒަފުން ސިޓީ ކައުންސިލަސް ބަދަލުކުރާނެކަމުގެ އިންޒާރު ދީގެންކަމަށްވެސް އެޗްޑީސީގެ ކަމާއި ގުޅުންހުރި މުވައްޒަފުން “ދިޔަވަރު އޮންލައިން”އަށް ކިޔައިދީފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަގުހެޔޮކޮށް ފަޒުލްގެ އަނބިކަބަލުންނަށް ބިން ދިނުމަށް, އެޗްޑީސީގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ހެދި ޕޭމަންޓް ޕްލޭން މިހާރު އެޗްޑީސީގެ ބޯޑުންވަނީ ފާސްވެސް ކޮށްފައެވެ. އަދި މި ޕޭމަންޓް ޕްލޭންގެ އެއްބަސްވުމުގައި ފަޒުލްގެ އަނބިކަބަލުން ވަނީ ސޮއިވެސް ކޮށްފައެވެ.
ފަޒުލްގެ އަނިކަނބަލުންނަށް ބިމެއް ދޫކޮށްފައިވަނީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކާއި ގުޅުވައިގެންނެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި, ނުއަގުގައި އެޗްޑީސީން ބިމެއް ދޭންޖެހޭނެކަމަށް ބަޔާން ކޮށްފައެއް ނުވެއެވެ.
އަދި ދައުލަތާ ދެކޮޅަށް ކޯޓުން ނިންމާ ނިންމުންތަކަށް ދައުލަތުން އަމަލުކުރަންޖެހޭ އުސޫލަކީ އިސްތިއުނާފީ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމުންކަމަށް ވީނަމަވެސް, ފަޒުލްވަނީ މިމައްސަލަ އިސްތިއުނާފީ ކޯޓުތަކަށް އެޗްޑީސީން ގެންދިއުން މަނާކޮށްފައެވެ.
ފަޒުލް އެޗްޑީސީގެ ލޯޔަރުންނަށް މަޖުބޫރުކޮށްގެން, މައްސަލަ އިސްތިއުފް ވިޔަނުދިނީ, އޭނާގެ އަންހެނުންނަށް ނުއަގުގައި, ދައުލަތަށް ގެއްލުންވާގޮތަށް ބިން ދިނުމުގެ ބޭނުމުގައިކަމަށް “ދިޔަވަރު އޮންލައިން”އާއި ވާހަކަ ދެއްކެވި އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.
އެޗްޑީސީގެ އެމްޑީކަމަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވާ ފަޒުލް ރަޝީދަކީ ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން އެންމެ ކޮރަޕްޓް އެމްޑީއެެވެ. އެގޮތުން އޭނާވަނީ ދާދިފަހުން ބޭއްވުނު ޕީއެންސީގެ ޕްރައިމަރީގައި އޭނާގެ ދައްތައަށް ޕްރައިމަރީ ކާމިޔާބުކޮށްދިނުމަށް އެޗްޑީސީން ގިނަ އަދަދެއްގެ ވަޒީފާތައްވެސް ދީފައެވެ.
އަދި އޭނާ ގެންދަވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމޫރިއްޔާއަށް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ނަގަމުންނެވެ.