ޚަބަރު

ގައްޒާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނާއި، މުޖާހިދުންނަށް ނަސްރު ދެއްވުމަށް އެދި ރައީސް ސޯލިހް ސަރުކާރުން ކުރަމުން އައި ދުއާ، އެމެރިކާގެ އެމްބަސީ އިން އަންގައިގެން، ހުކުރު ހުތުބާއިން އެ ދުއާ މުއިއްޒު އުނިކޮށްފި!

ދިޔަވަރު
ގައްޒާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނާއި، މުޖާހިދުންނަށް ނަސްރު ދެއްވުމަށް އެދި ރައީސް ސޯލިހް ސަރުކާރުން ކުރަމުން އައި ދުއާ، އެމެރިކާގެ އެމްބަސީ އިން އަންގައިގެން، ހުކުރު ހުތުބާއިން އެ ދުއާ މުއިއްޒު އުނިކޮށްފި!

އެމެރިކާގެ އެމްބަސީ އިން އަންގައިގެން، ގައްޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުމަށް އެދި ކުރާ ދުއާ ހުކުރު ހުތުބާއިން އުނިކޮށްފިއެވެ. ދިޔަަވަރު ނޫހަށް ލިބުނު މައުލޫމަތަކާއި ގުޅިގެން އިތުރަށް ކުރި ތަހުޤީގު ތަކުން ހާމަވީ، މިކަން ކޮށްފައި ވަނީ އެމެރިކާއިން އަންގައިގެންނެވެ.

އިސްލާމިކް މިނިސްޓަރީގެ ވެބްސައިޓުގެ ހުތުބާ ޕޭޖުން ފެންނަން ހުރި ހުތުބާތަކަށް ބަލާއިރު، ގާޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ކުރާ ދުއާ އުނިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ 9 ގެ ހުތުބާއިން ފެށިގެންނެވެ.

އެ ދުއާ ހުކުރު ހުތުބާއިން އުނިކުރި ސަބަބެއް އިސްލާމިކް މިނިސްޓަރީން ހާމަކޮށްފައެއް ނުވެ އެވެ.

ގާޒާގައި އިޒްރޭލުން ގަތުލުއާއްމު ހިންގަން ފެށީއްސުރެއް މިދިޔަ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ދިޔައީ ގާޒާގައި ނިކަމެތި ކޮށްލެވި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނަށާއި ފަލަސްތީނުގައްޔާއި ދުނިޔޭގެ އެކި ކަންކޮޅުގައި ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ދުއާ ކުރަމުންނެވެ.

"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، ޣައްޒާގައި ނިކަމެތި ކޮށްލެވި، ހާލުގައި ޖެހިފައިވާ އަޅަމެންގެ މުސްލިމު އަޚުންނަށް ނަސްރު ދެއްޗާފާންދޭވެ. އަދި ފަލަސްތީނުގައްޔާއި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޖިހާދު ކުރަމުންދާ އަޅަމެންގެ މުޖާހިދު އަޚުންނަށް ނަސްރު ދެއްވާންދޭވެ." ފެބްރުއަރީ 9، ގެ ކުރިން ހުކުރު ހުތުބާގައި އަރަބި ބަހުން ކުރާ ދުއާގެ މާނައިގައިވެ އެވެ.

ނަމަވެސް ފެބްރުއަރީ 9 އަކަށް ފަހު ހުކުރު ހުތުބާއަށް ގެނައި ބަދަލުގައި ވަނީ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ދުއާ ކުރާ ބައި އެއްކޮށް އުނިކޮށްފަ އެވެ. އަދި ދުއާއިން ގާޒާގެ ނަން އުނިކޮށް، ޖުމުލަކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ކުރާ ދުއާއެއް ގޮތަށް އިބާރާތް ވަނީ ބަދަލުކޮށްފަ އެވެ.

އުނި ކޮށްފައިވާ ދުއާ!

ގާޒާގައި ވެރިކަން ކުރަމުން ދަނީ ހަމާސް ޖަމާއަތުންނެވެ. ނަމަވެސް ހުޅަނގާއި އިޒްރޭލު ގަބޫލު ކުރާ ފަލަސްތީނުގައި ވެރިކަން ކުރަނީ މަހުމޫދު އައްބާސްގެ ސަރުކާރުންނެވެ.

ހަމާސްއަކީ އިޒްރޭލާއި ހުޅަނގުގެ ފަލްސަފާއަށް ތާއީދު ކުރާ ގައުމުތަކުން ގަބޫލު ކުރާ ޖަމާއަތެއް ނޫނެވެ. އެ ފަރާތްތަކުން ހަމާސް ޖަމާއަތް ސިފަ ކުރަނީ އެއީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގަ އެވެ. އެ ސަބަބަށްޓަކައި ހަމާސްގެ މުޖާހިދުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމާއި އެފަދަ ވާހަކަ ދައްކާ ފަރާތްތަކަކީ ހުޅަނގުގެ ގައުމުތަކުގެ ކުރިމަތީގައި ޓެރަރިޒަމްއަށް ވާގިވެރިވާ ފަރާތްތަކެވެ. އަދި ރާއްޖެއިން މި ދުއާ ކަނޑާ ލާފައި ވަނީ އެމެރިކާއިން އެދިގެން، މުއިއްޒު އަންގައިގެން ކަން ދިޔަވަރަށް ވަނީ ޔަގީން ކުރެވިފައެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކްގައި ވެސް ހަމާސްއަށް ވާގިވެރިވާ ގޮތަށް ކުރާ ޕޯސްޓުތައް ރިމޫވްކޮށް އެފަދަ ޕޯސްޓުތައް ކުރާ ފަރާތްތަކާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. ރާއްޖޭގައި ރައީސް ސޯލިހް ސަރުކާރުން ފަލަސްތީނު މުސްލިމުންނާއި މުޖާހިދުންގެ ހައްޤުގައި ކުރާ ދުއާ މިވަނީ މުއިއްޒުގެ އަމުރަށް ހުއްޓާލާފައެވެ.

މުއިއްޒު ވެރިކަމަށް ގެނައި ސަލަފު ޖަމިއްޔާއަށް މުއިއްޒުގެ ލާދީނީ ސިޔާސަތު އެނގެމުން ދިޔަ ނަމަވެސް، އެއްވެސް ބަހެއް ނުބުނެއެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގައި އެމީހުން ތިބީ ރާއްޖޭގެ ވެރި މީހާއާއި ދެކޮޅަށް ޤައުމުގައި ފިތުނަ ފަސާދައާއި ދޮގުވެރިކަން ފެތުރުމުގައި އިސްކޮށެވެ.