ނުރަސްމީ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ރޭ ފުރާވަޑައިގެންފި އެވެ. ވަޑައިގަތީ ފަސްޓް ކުލާހުގައެވެ. ދައުލަތުގެ ޚަރަދުގައެވެ.
މި ދަތުރުގެ މުއްދަތެއް ނުވަތަ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ނުރަސްމީ ފުރަތަމަ ދަތުރެވެ.
ރައީސްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ތުރުކީ، އެކުވެރި އަރަބި އިމާރާތް، އަދި ޗައިނާއަށް ރަސްމީ ދަތުރުތަކެއް ކުރައްވާފަ އެވެ. އެކުވެރި އަރަބި އިމާރާތައް ރައީސް ދެ ފަހަރެއްގެ މަތިން ވަޑައިގަތެވެ.
މީގެތެރެއިން ތުރުކީ އަދި ޗައިނާ ދަތުރުގައި އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.
މީގެއިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް ވަނީ ރަސްމީ ދަތުރުތަކެއް ކަމަށްބުނެ 150 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފަ އެވެ. މި ދަތުރުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި 'ސަރުކާރުގެ' އެހެނިހެން ކެންޑިޑޭޓުންނަށް ރައީސް ކެމްޕޭން ކުރައްވާ ކަމަށް އިިދިކޮޅު ފަރާތްތަކުން އަދި ބައެއް ރަށްރަށުގެ ކައުންސިލުން ވަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.