ސަރުކާރުގެ ސިޔާސީ މަގާމްތަކުގަ ތިބި މުވައްޒަފުން, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެނޑީޑޭޓުންގެ ކެމްޕޭނަށް ނުނިކުމެއްޖެނަމަ މަގާމްތަކުން ވަކިކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.
ސަރުކާރުގެ ސިޔާސީ މަގާމްތަކުގަ ތިބި މުވައްޒަފުން މަޖިލިސް ކެމްޕޭންގަ ރަގަޅަށް ހަރަކާތްތެރި ނުވެއްޖެނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ދީފައިވަނީ, ސަރުކާރުގެ މިނިސްޓްރީތަކުގަ ސިޔާސީ ވަޒީފާތަކުގަ ތިބި މުވައްޒަފުންނާއެކު ޕިއެންސީގެ މައި އޮފީހުގައި ބާއްވަމުންދާ ބައްދަލުވުން ތަކުގައެވެ.
މިސަރުކާރުގެ ސިޔާސީ އިސް މަގާމެއްގައި ހުރި މުވައްޒިފަކު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިންގޮތުގައި މި ބައްދަލުވުންތަކުގައި މުވައްޒަފުންނަށް އިންޒާރު ދެމުންދަނީ ރައީސް މުއިއްޒުގެ އިސް މުޝީރުގެ މަގާމްގައި ހުންނެވި އަބުދުއްރަހީމްއާއި, ޓްރާންސްޕޯޓު މިނިސްޓަރުކަމުގައި ހުންނެވި މުހައްމަދު އަމީންގެ އިތުރުން ސްޕޯޓްސް މިނިސްޓަރ އަބުދުالله ރާފިއު ކަމުގައެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފަރާތުން ވިދާޅުވި ގޮތުގައި އަބުދުއްރަހީމް ގެންދަނީ އެ ބައްދަލުވުންތަކުގައި މުވައްޒަފުންނަށް ބިރު ދައްކަމުންނެވެ. އެގޮތުން ސިޔާސީ އެއްވެސް މުވައްޒަފަކު މަޖިލިސް ކެމްޕޭނަށް ނިކުންނަށް ފަސް ޖެހިއްޖެނަމަ އެ މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެކަން ހަނދާންކުރަން ޖެހޭނެކަމަށް ވިދާޅުވެ އަބުދުއްރަހީމް ވާހަކަ ދައްކަވާފައިވަނީ ސިޔާސީ މުވައްޒަފުންނަކީ އަބުދުއްރަހީމްގެ އަޅުންކަމަށް މޭރުވާ ގޮތަށް ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ސިޔާސީ މަގާމެއްގައި ހުރި މި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ނެތިގެން, އިންތިޚާބުން ބޮޑު ބައްޔަކުން ބަލިވެއްޖެނަމަ, އޭގެ ޒިންމާ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި މުވައްޒަފުންގެ ބޮލުގައި އެޅުުވުންކަމަށް މި ސަރުކާރުގެ ވެރިން މަސައްކަތް ކުރަމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.