ރިޕޯޓު

ރައީސް ސޯލިހުގެ ބޮޑު ނާކާމިޔާބީގެ ބައެއް ސަބަބުތައް

ދިޔަވަރު
ރައީސް ސޯލިހުގެ ބޮޑު ނާކާމިޔާބީގެ ބައެއް ސަބަބުތައް

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ 2019 ވަނަ އަހަރު އެމްޑީޕީއަށް ލިބުމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވީ ފެހި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ބޮޑު ބާރެއް ލިބިވަޑައިގެންނެވި ރައީސަށެވެ. އެހެން ނަމަވެސް މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވީ ބޮޑު ނާކާމިޔާބީއަކާ އެވެ.

އެކަން އެހެން މެދުވެރިވި ސަބަބުތައް ތަފްސީލުކޮށް އަދި ބެލިފައި ނެތަސް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އޭގެ ބައެއް ސަބަބުތައް ޚުދު އެމަނިކުފާނު ވަނީ އެތައް ފަހަރަކު ވިދާޅުވެ ދެއްވައިފަ އެެވެ. އެފަދަ ބައެއް ސަބަބުތައް އެމަނިކުފާނު ވިދާޅުވެ ދެއްވީ އިންތިހާބުގެ ދެވަނަ ބުރުގެ ފަހު ދުވަސްތަކުގައި އައްޑޫ ގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެމްޑީޕީ ދެބައިވި އިރު އެކަން ހައްލު ނުކުރެވުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމާ އެކު އުފެދުނު ހިޔާލުތަފާތުވުން ހުޅުފަޅައިގެން ދިޔަ އިރު އެކަން ހައްލުކުރަން އެމްޑީޕީގެ ލީޑަޝިޕުން މާބޮޑު މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ ހަރަކާތްތެެރިން ގެންދިޔައީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސްބޭފުޅުންނަށް ފާޅުގައި ފުރައްސާރަކުރަމުންނެވެ.

އެންމެ ފަހުން ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުުޅުން އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގެން އާ ޕާޓީއެއް އުފެއްދެވީ އެވެ.

އެ ހިސާބުން އެ ޕާޓީއާ ގުޅުނު އެމްޑީޕީގެ މެމްބަރުންގެ އަދަދު މަދުކަމަށް ބުނެ އެކަމާ ވެސް އެމްޑީޕީގެ ހަރަކާތްތެރިން ފުރައްސާރަކުރި އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަކީ އެމްޑީޕީއަށް ލިބުނު ގެއްލުމެއް ކަމަށް ރައީސް އިއުތިރާފް ވެވަޑައިގެންނެވީ ވެސް ދެވަނަ ބުރުގެ ކެމްޕެއިނުގެ ފަހު ދުވަސްވަރު އައްޑޫގައި ބޭއްވި ޖަލްސާ ގަ އެވެ.

"ދެވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ ރަށްރަށުގެ، ސިޓީތަކުގެ މެޖޯރިޓީ އަޅުގަނޑުމެނަށް ގެއްލުމުގައި އަޅުގަނޑުމެންގެ ތެރޭގައި މި އުފެދުނު ހިޔާލުތަފާތުވުން، އެމްޑީޕީ ތެރޭގައި މި އުފެދުނު ހިޔާލުޔތަފާތުވުމާ އެކީގައި، އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ނަމަވެސް އަޅުގަނޑުމެންނާ ދުރަށް ޖެހިލި ޖެހިލުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ލިބުނު ވޯޓާއި ދަ ޑިމޮކްރެޓްސް އަށް ލިބުނު ވޯޓު އެއްކޮށްލީމާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބުނު ވޯޓަށް ވުރެ ގިނަ ކަމަށެވެ.

އިދިކޮޅުން ދެއްކި ވާހަކަތަކަށް ރަނގަޅަށް ރައްދު ނުދެވުން

ރައީސް ސޯލި އެ ދުވަހު އައްޑޫގައި ވިދާޅުވި ގޮތުގައި ސަރުކާރާ ދެކޮޅަށް އިދިކޮޅުން ދައްކަމުން ގެންދިޔަ ބައެއް ވާހަކަަތަކަކީ އެއްވެސް ހަހީގަތެއް ނެތް "ފިތުނައިގެ" ވާހަކަތަކެކެވެ. އެހެން ނަމަވެސް އެ ވާހަކަތަކަށް އެކަށީގެންވާ ރައްދެއް ނުދެވުމުން އެއީ ހަގީގަތް ކަމަށް ބައެއް މީހުން ގަބޫލުކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ދޮގާ ފިތުނަޔާ ތަކުރާރުކޮށް ފަތުރައި، އެ ގަބޫލުކޮށްގެން ތިބި ބަޔަކު ރާއްޖޭގައި އެބަ ތިބި، ކިތަންމެ ރަނގަޅުކަމެއް ކޮށްފައި އޮތަސް، އެއީ ގޯހެއް ކަމަށް ދައްކަން ތަކުރާރުކޮށް ވާހަކަ ދައްކާ ކަމަށް ވަންޏާ އެ ގަބޫލުކުރާ ބަޔަކު ތިބޭނެ، އަދި އޭގެ ރައްދުގައި އަޅުގަނޑުމެނަށް އޭގެ ހަގީގަތް ހާމަނުކޮށް ތިބޭ ކަމަށް ވަންޏާ އެކަން ފެތުރިގެން އެބަ ދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ވާހަކަތަކަށް ރައްދުދޭން އެމްޑީޕީއަށް މަސައްކަތް ކުރެވުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ވިދިގެން އައި 16 ދުވަހުގެ ތެރޭގަ އެވެ.

ވޯޓުދޭން ތިބި މީހުންނާ ވެސް ގުޅުން ކުޑަވުން

ފުރަތަމަ ބުރުގެ ނާކާމިޔާބީގެ ސަބަބެއްގެ ގޮތުގައި ރައީސް ފުރަތަމަ ވެސް ފާހަގަކުރެއްވީ "އެންމެ ފަހު ދުވަހަށް" (ވޯޓުލާ ދުވަހަށް) އެމްޑީޕީން އިންތިޒާމުވެ ތައްޔާރު ނުވެވުމެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕިއަށް ވޯޓުދޭން ވައުދުވީ މީހުންނާ ވެސް އެޕާޓީން ރަނގަޅަށް މުއާމަލާތެއް ނުކުރެ އެވެ.

"އަޅުގަނޑުމެންނަކަށް ރީޗްވާންވީ ވަރަކަށް ވޯޓާސް އަކަށެއް، ރައްޔިތުންނަކަށެއް ރީޗްވެވިފައެއް ނެތް. އަޅުގަމެންގެ [އެމްޑީޕީގެ] މެމްބަރުންނަކަށް ވެސް ރީޗްވެވިފައެއް ނެތް. ފޯނުކޯލް ނާންނަ ކިތަންމެ ބައެއް އެބަތިބި. ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ ކިތަންމެ ބައެއް އެބަތިބި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީހުން ވޯޓުލާން ނެރެން ވެސް ފުރަަތަމަ ބުރުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު އިރު އެގްޒިޓްޕޯލް ނެގުން ފަދަ ކަންތައްތައް ވެސް އޮތީ ނުކުރެވި އެވެ. ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބުކުރުމަށް ޓަކައި ކުރަންވީ އެއް ކަމަކީ އެކަން ރަނގަޅުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވޯޓުލީ ކާކުތޯ އަޅުގަނޑުމެންނަށް ރަނގަަޅަށް ނުބެލި، ގޮސް ނަތީޖާ އިއުލާނުކުރަން ދެން އަޅުގަނޑުމެން ތިބީ އެކަމުގެ ތެރޭގައި. އަދި އަޅުގަނޑުމެން ކުރީގައި ބަލާހެން އެގްޒިޓްޕޯލް ނުބަލާ، ބެލިފައެއް ނެތް،" އައްޑޫގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ބައެއް ވޯޓުފޮށި ތަކުގެ ކައިރީގައި އެމްޑީޕީގެ އޮބްޒާވަރުން ނުވަތަ މޮނިޓަރުން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.