ޚަބަރު

އާރުޓީއެލްއިން އައްޑޫގައި ކުދިން ސްކޫލަށް އުފުލުމަށް ބޭނުންކުރާ ބަސްތަކުގެ އޭސީތައް ހަލާކުވެ, ގޮނޑިތަކުގެ އުރަތައް ވީދި, ކްލަޗް މަސައްކަތެއް ނުކުރޭ! މިހާރު އެއީ ބޭނުންކުރުމަށް ރައްކާތެރި ބަސްތަކެއް ނޫން!

ދިޔަވަރު
އާރުޓީއެލްއިން އައްޑޫގައި ކުދިން ސްކޫލަށް އުފުލުމަށް ބޭނުންކުރާ ބަސްތަކުގެ އޭސީތައް ހަލާކުވެ, ގޮނޑިތަކުގެ އުރަތައް ވީދި, ކްލަޗް މަސައްކަތެއް ނުކުރޭ! މިހާރު އެއީ ބޭނުންކުރުމަށް ރައްކާތެރި ބަސްތަކެއް ނޫން!

އެމްޓީސީސީގެ އާރުޓީއެލްއިން އައްޑޫގައި ސްކޫލުކުދިން އުފުލަަށް ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ބަސްތައް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މަރާމާތު ނުކުރުމުގެ ސަބަބުން, އޭސީތައް ހަލާކުވެ, އަދި ގޮނޑިތަކުގެ އުރަތައް ވީދި, ބަސްތަކުގެ ކްލަޗްތައް ހަލާކުވުމުގެ ސަބަބުން މިހާރު އެއީ ބޭނުންކުރުމަށް ރައްކާތެރި ބަސްތަކެއް ނޫންކަމުގައި ބަސް ބޭނުންކުރާ ފަރާތްތަކާއ ބަސްތައް ދުއްވާ ޑްރައިވަރުން ބުނެފިއެވެ.

އެމްޓީސީސީގެ އާރުޓީއެލް ބަސްތައް ދުއްވާ ބައެއް ޑްރައިވަރުން "ދިޔަަވަރު އޮންލައިން"އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އެ ބަސްތަކުގައި އޭސީ ހަލާކުވުމުގެ ސަބަބުން އާންމުންނަށް ދަތުރު ކުރެވޭ ވަރަށްވުރެ މިހާރު ބަސްތަކުގެ އެތެރެ ހޫނުގަދަ ކަމުގައެވެ. އަދި ބަސްތަކުގައި ދަތުރުކުރާ ބައެއް މީހުން "ދިޔަަވަރު އޮންލައިން"އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ބަސްތަކުގެ އެތެރެ ހޫނު ގަދަކަމުން, ބަސް ދަތުރު ނިމޭއިރު ތިބެނީ ޑީހައިޑްޓްރޭޓްވެ, ބޮލުގައި ރިހި, ޑިޕްރެޝަންއަށް ދާހާލަތުގައި ކަމުގައެވެ.

ބަހުގެ އެތެރޭގެ ބައެއް ފޮޓޯތައް

އަދި އޭގެ އިތުރުން މި ބަސްތަކުގެ ކްލަޗްތައް ހަލާކުވެފައި ވުމުގެ ސަބަބުން ބަސްތައް މަގުމަތީގައި ދުއްވުމަކީ ނުރައްކާތެރިކަމެއް ކަމުގައިވެސް ބަސްދުއްވާ ބައެއް ޑްރައިވަރުން ބުނެފައި ވެއެވެ. އަދި ބަސްދުއްވާ ޑަރައިވަރުން އެމްޓީސީސީގެ ސީއީއޯއަށް އެޑްރެސްކޮށްފައި އާރުޓީއެލްގެ ސްޓާފުން ތިބޭ ވައިބަ ގުރޫޕުގައި ބުނެގައިވަނީ ބޮޑެތި ބަސްތައް މަގުމަތީގައި ދުއްވުމަކީ މިހާރު ރައްކާތެރި ކަމަކަށް ނުވާތީ އެ ބަސްތައް ދުއްވުން ހުއްޓާލުމަށް ޑްރައިވަރުން މިހާރު ނިންމާފައިވާ ކަމުގައެވެ. އަދި ބަސްތައް ތިބީ ހަލާކުވެފައި ކަމަށާއި, އެބަސްތަކުގައި މިހާރު ރަގަޅު އެއްވެސް ކަމެއް ނެތްކަމުގައިވެސް ބުނެފައި ވެއެވެ.

ބަސްތަކުގެ ހާލަތު ދަށްވެ, ބަސްދުއްވާ ޑްރައިވަރުން ކޮށްފައިވާ ބައެއް ބަކުވާތައް

ޑްރައިވަރުން ބުނެފައިވަނީ ކުދިން އަރުވައިގެން ދަތުރުކުރަމުން ދަނިކޮށް އެތައް ދުވަހަކު ބަސްތައް ހުއްޓިފައިވާ ކަމަށާއި, އެބަސްތައް މަގުތަކުގައި ދުއްވަން ޖެހުމުގެ ސަބަބުން ޑްރައިވަރަަކަށް ނުވަތަ މަގުތަކުން ދުއްވާ އާންމު މީހަކަށް މިބަސްތައް ބޭނުން ކުރުމުގެ ސަބަބުން ބޮޑު އަނިޔާއެއް ވާނީ ކޮންދުވަހަކުންތޯ މިހާރު އަބަދުވެސް ހިތައް އަރާ ކަމުގައެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ހައި ސްކޫލު ދަރިވަރުން ދަތުރުކުރާ ބަސް މިހާލަތުގައި އޮންނަތާ މިހާރު 4 މަސްދުވަސް ވެއްޖެއެވެ. އަދި މި ރޯދަމަހުވެސް ދަރިވަރުން ބަހުގައި ދަތުރު ކުރަމުންދަނީ, އޭސީ ނެތި, ގަދަ ހޫނުގައި, އެތައް ވޭނެއްގައެވެ.

ބަސް ބޭނުންކުރާ ފަރާތްތަކުން ބުނެފައިވަނީ މިސަރުކާރު އައުމުގެ ކުރިން މިބަސްތައް ވަނީ ބަރާބަރަށް މެއިންޓަނަސް ކޮށް, އޭސީތައްވެސް ރަގަޅަށް ބަލަހައްޓަމުން ގޮސްފައި ކަމުގައެވެ. އެހެންނަމަވެސް މިހާރު މި ބަސްތަކުގެ މެއިންޓަނަންސް ނުބަލަހައްޓާތާ 4 މަސްދުވަސްވެ, މިއީ މިހާރު ބޭނުން ކުރުން ރައްކާތެރި ބަސްތަކަކަށް ނުވިނަމަވެސް, ބަސް ބޭނުންކުރާ ދަރިވަރުންނާއި އަދި ޑްރައިވަރުންގެ ޝަކުވާތަކަށް އެމްޓީސީސީގެ މެނޭޖްމަންޓުން އެއްވެސް އިޖާބައެއް ދީފައި ނުވާކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު, ސިޔާސީ މަގާމްތަކަށާއި, ކުންފުނިތަކުގެ ވެރީންގެ ގޮތުގައި, މަގުމަތީގަ އުޅުނު އެކްޓިވިސްޓުންނާއި ކޮރަޕްޓް މީހުން ލުމުގެ ސަބަބުން ދަައުލަތުގެ ގިނަ ކުންފުނިތައް މިހާރު ވަނީ ބަގުރޫޓުވެގެން ދިއުމުގެ މަގުމަތީގައިކަން ފާހަގަ ކޮށްލެވެއެވެ.