ޚަބަރު

ގޭންގް ސްޓާރ ޝުޖާއު ކުރިމިނަލް ކޯޓަށް ބިރުދައްކައިގެން, ނުފޫޒުން މިނިވަންކުރި ރޭޕިސްޓް އަލުން ހައްޔަރު ކުރަން ހައިކޯޓުން އަމުރު ކޮށްފި

ދިޔަވަރު
ގޭންގް ސްޓާރ ޝުޖާއު ކުރިމިނަލް ކޯޓަށް ބިރުދައްކައިގެން, ނުފޫޒުން މިނިވަންކުރި ރޭޕިސްޓް އަލުން ހައްޔަރު ކުރަން ހައިކޯޓުން އަމުރު ކޮށްފި

އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަނީސް ހިލްމީ, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާއަށް ވާދަކުރަމުންދާ އިބުރާހިމް ޝުޖާއުގެ ނުފޫޒުން މިނިވަން ކޮށްފައި ވަނިކޮށް, އޭނާ އަލުން ބަންދުކުރުމަށް މިއަދު ހައިކޯޓުން އަމުރުކޮށްފިއެވެ.

މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ހއ. ބާރަށު، ސިލްސިލާގެ އަނީސްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.

އޭނާ ބަންދުން ދޫކޮށްފައި ވަނީ, ބާރަށު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަމުންދާ, ގޭންގް ސްޓާރެއް ކަމުގައިވާ އިބުރާހިމް ޝުޖާއު ކުރިމިނަލް ކޯޓަށް ނުފޫޒު ފޯރުވައިގެންނެވެ. ރޭޕިސްޓު މިނިވަންވުމާއެކު ދިޔައީ ޝުޖާއުގެ މަޖިލިސް ކެމްޕޭންގައި ހަރަކާތްތެރި ވަމުންނެވެ.

ރޭޕިސްޓު އަނީސް ހިލްމީ ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ދީބާނާޒެވެ.

”ދިޔަވަރު އޮންލައިން“ އަށް މީގެކުރިން މައުލޫމާތުދިން ކޯޓުގެ އޮފިޝަލަކު ވިދާޅުވެފައިވަނި އަނީސް ދޫކޮށްލުމަށް ކުރިމިނަލް ކޯޓަށް ނުފޫޒު ފޯރުވާފައިވަނީ ޝުޖާއުގެ ޕްރެޝަރަށް ސީދާ ރައީސް މުއިއްޒު ކަމުގައެވެ. ޝުޖާއުވެސް ގާޒީއަށް އިންޒާރުދީ, އަނީސް ދޫނުކޮށްފިނަމަ ގާޒީ މަގާމުން ވަކި ކުރާނެކަމުގެ އިންޒާރުދީ ބިރު ދައްކާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ތަހުގީގުގައި ބެލި ބެލުމުން އެގިފައިވަނީ, އޭނާ އެ ކުޑަކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އަނީސްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެ އޭނާ އެއް މަހަށް ޖަލަށްލާން ކުރި ހުކުމް މިހާރު ވަނީ ތަންފީޒުކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ ބާކީ ދެ ދައުވާގެ ޝަރީއަތެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއަށް އޮންނަ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.