ޚަބަރު

އަންހެން ކުދިން ހިތާނު ކުރަން ބިލް ހުށައަޅާނެ ކަމުގެ ޔަގީން ކަން ސަލަފަށް ދިނުމަށްފަހު، ފޯރިގަދަ ކެމްޕެއިން ލަވައެއް ޖަނާބު ލޯންޗް ކޮށްފި

ދިޔަވަރު
އަންހެން ކުދިން ހިތާނު ކުރަން ބިލް ހުށައަޅާނެ ކަމުގެ ޔަގީން ކަން ސަލަފަށް ދިނުމަށްފަހު، ފޯރިގަދަ ކެމްޕެއިން ލަވައެއް ޖަނާބު ލޯންޗް ކޮށްފި

އަންހެން ކުދިން ހިތާނު ކުރަން ބިލް ހުށައަޅާނެ ކަމުގެ ޔަގީން ކަން ސަލަފަށް ދިނުމަށްފަހު، ފޯރިގަދަ ކެމްޕެއިން ލަވައެއް ހެދުމަށް ހުއްދަ ހޯދައި، އެ ލަވަ، ޖަނާބު ލޯންޗް ކޮށްފިއެވެ. ފޯރިގަދަ ކެމްޕެއިން ލަވައެއް ނެރެފައި މިވަނީ، މީގެ ކުރިން މިޔުޒިކަށް އެތައް ފަހަރަކު ފާޑުކިޔައި، އަމިއްލައަށް އެކަން މަނާ ކޮށްގެން އުޅުމަށް ފަހުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިބްރާހިމްގެ ދޮރުން ދޮރަށް ކެމްޕެއިނުގެ ތެރެއިން އަދި އޭނާގެ ކެމްޕެއިން ޖަގަހައިގައި ވެސް ވަނީ އެ ލަވަ ބޭނުންކޮށްފަ އެވެ. އޭނާ ވާދަ ކުރަނީ މައްޗަންގޮޅީ އުތުރު ދާއިރާއަށެވެ.

ލަވަޔާއި މިޔުޒިކާއެކު ހަދާފައި ހުރި އޭނާގެ ބައެއް ކެމްޕެއިން ވީޑިއޯތައް އިބްރާހިމް ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރިޕޯސްޓުކޮށްފަ އެވެ. ނަމަވެސް އޭނާގެ ކެމްޕެއިން ލަވަ އެކްސްގައި އަމިއްލައަށް ޕޯސްޓްކޮށްފައެއް ނެތެވެ. އެކަމަކު އިބްރާހިމްގެ ކެމްޕެއިން ލަވަ އޭނާގެ ވީޑިއޯއާއެކު އެކްސްގައި އެބަ ދައުރުވެ އެވެ.

އިބްރާހިމްގެ މިފަހަރުގެ ކެމްޕެއިނަށް ލަވައެއް ނެރުނަސް، މިޔުޒިކަކީ ހުއްދަ އެއްޗެއް ކަމަށް އޭނާ މިހާރު ވެސް ގަބޫލެއް ނުކުރެ އެވެ. ކެމްޕެއިން ލަވަ ތައްޔާރު ކުރަމުން ދަނީ ޕާޓީން އާއި ސަޕޯޓަރުން ކަމަށާއި އެކަން ހުއްޓުވެން ނެތް ކަމަށް އިބްރާހިމް ބުންޏެެވެ.

https://twitter.com/adamadeem/status/1771988415988507014
ލަވަ ކިޔުން މަނާ ކަމެއް ކަމަށް ބުނުމަށްފަހު ނެރުނު ލަވަ!

"އަޅުގަނޑަށް ތާއިދުކުރާ މީހުން ވެސް އެބަ ހަދާ ޅެމާއި ބަންޖާ، އެކަންކަމަށް އަޅުގަނޑަށް ނެތް ހުއްޓުވޭކަށެއް. އެކަމަކު އަޅުގަނޑު އަމިއްލަ އަށް އެ ކަހަލަ ކަމެއް ނުކުރަން. ތާއިދުކުރާ މީހުންނާއި ޕާޓީން އެކަން ކުރުމަކީ މުޅީން އެހެން ކަމެއް،" އޭނާ ބުންޏެވެ.

އިބްރާހިމްގެ ކެމްޕޭނުގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް އިއްޔެ ފެށުމަށް އޭނާގެ ކެމްޕޭން ޖަގަހަ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާވަޑައިގެންނެވިއިރު ވެސް އަޑު ބާރުކޮށް ހުރީ ކެމްޕެއިނު ލަވަ ޖަހައިފަ އެވެ. އެ ލަވަ ޖެހީ ނުރުހުމުގައިތޯ އާއި އެކަން ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު ކުރުމުން އިބްރާހިމް ބުނީ މި ސުވާލަށް ކުރުކޮށް ޖަވާބު ނުދެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ތިޔަށް، ދިމާވެގެން ކަންނޭނގެ އެއްޗެއް ނަންގަނެވޭނީ ތަންކޮޅެއް ދިގުކޮށް،" އޭނާ ބުންޏެވެ.