ޚަބަރު

އިތުބާރުނެތްކަމުގެ މައްސަލައަކީ ނަޝީދަށް ޖޯކެއް : "ސިޔާސީ ކަންކަމުގައި ހަފުތާއަކީ ވަރަށް ގިނަ ދުވަސް"

ދިޔަވަރު
އިތުބާރުނެތްކަމުގެ މައްސަލައަކީ ނަޝީދަށް ޖޯކެއް : "ސިޔާސީ ކަންކަމުގައި ހަފުތާއަކީ ވަރަށް ގިނަ ދުވަސް"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރުމަށް އެމްޑީޕީއިން ދެވަނަ ފަހަރަށް ހުށަހެޅި މައްސަލައަށް އެމަނިކުފާނު ހަޖޫ ޖައްސަވައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ބްރެއިން އަދި ސްޕައިން ކޮންފަރެންސް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ސަމާސާ ރާގެއްގައި އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ހަފުލާއަށް ވަޑައިގަންނަވަންޖެހުނީ އިންތިހާބީ ރައީސަކާއި މަގާމާ ދުރުވާ ރައީސެއް ހުރުމާއެކު 'އިތުރު މީހަކު' ނެތުމުން ކަމަށެވެ.

"ހަމައެކަނި ހުރީ އަޅުގަނޑު، އެކަމަކު އަޅުގަނޑުގެވެސް އިތުބާރުގެ މައްސަލައެއް އަބަ އުޅޭ، މީގެ ދެ ހަފުތާކުރިން އެބޭފުޅުންގެ އިތުބާރެއް ނެތް، މިދިޔަ ހަފުތާ އިތުބާރު އޮތް، އަނެއްކާ މިހާރު ނެތް ކަމަށް ވިދާޅުވަނީ" ނަޝިދު ވިދާޅުވި އެވެ.

ނުސީދާކޮށް އެމަނިކުފާނު ވިދާޅުވީ، އެ މައްސަލާގައި ކަންވާނެ ގޮތް އެނގޭނީ އަންނަ ހަފުތާގައި ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ ފުރަތަމަ މައްސަލަ އެމްޑީޕީއިން އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނުގެ އަދި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ ބޭނުމުގަ އެވެ. ނަމަވެސް ތާއީދު ނުލިބި، އިންތިހާބު ނާކާމިޔާބު ވުމާއެކު އެމްޑީޕީއިން އަނެއްކާވެސް އެ މައްސަލަ ހުށަހެޅި އެވެ.

މަޖިލީހުން މިހާރު ވަނީ ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލާގެ ބަހުސް އަންނަ އާދިއްތައަށް އަދި ވޯޓުލުން ހޯމައަށް ވަނީ އެޖެންޑާކޮށްފަ އެވެ.

"[ވިންސްޓަން] ޗާޗިލް ވިދާޅުވިހެން، ސިޔާސީ ކަންކަމުގައި ހަފުތާއަކީ ވަރަށް ގިނަ ދުވަސް"

ނަޝީދު ވަކިކުރުމަށް މިފަހަރުގެ ހުށަހެޅުން ބަލައިގަންނަން ދަތި ކަމަށް އެމަނިކުފާނު ފުރަތަމަ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށެވެ. އެއީ މީގެ ކުރިން އެފަދަ މައްސަލައެއް މި ދައުރުގައި ހުށަހަޅައި، އަނބުރާ ގެންގޮސްފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މައްސަލަ ބަލައިގަންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ފަހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ނަމަ ކަންތައް ކުރަންވީ ގޮތް އެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ލިޔެފައިވާ އަށް ނުކުތާއެއްގައި ބަޔާންކޮށްފައިވާއިރު، އެއް ދައުރެއްގައި ދެ ފަހަރަށް އެފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބުނެފައެއް ނެތެވެ.