ކުރިއަށް އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބިލެތްދޫ ދާއިރާ އަށް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކީ ރައްޔިތުންނާ ގުޅުން ހުރި އެތައް މައްސަލަތަކައް އިހުމާލުވެފައިވާ މީހެކެވެ.
ޕީއެންސީގެ ފަރާތުން ބިލެތްދޫ ދާއިރާ އަށް ވާދަކުރަނީ، ފ.ބިލެތްދޫ ކައުންސިލްގެ ރައީސް އަޙުމަދު އަސްލަމް އެވެ. ބިލެތްދޫ ދާއިރާގައި ތިން ރަށް ހިމެނޭއިރު، އެއީ ބިލެތްދޫގެ އިތުރުން، ފ.ފީއަލީ އަދި ފ.މަގޫދޫ އެވެ.
އަސްލަމް އަކީ މީގެ ކުރިން ވެސް އެތައް ޖަރީމާއެއް ހިންގާފައިވާ، އަދި އެކަންކަމަށް އަމިއްލަ އަށް އެއްބަސްވެފައިވާ މީހެކެވެ. އޭގެ ތެރެއިން އެއް މައްސަލަ އަކީ، ފީއަލީ ކައުންސިލްގެ ތިޖޫރީ ފަޅާލި މައްސަލަ އެވެ.
މީގެ ކުރިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި، ފީއަލީ ކައުންސިލްގެ ތިޖޫރީ ފަޅާލީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ތިޖޫރީ ފަޅާލައި އޭގައި ހުރި 2.2 މިލިއަނައެއްހާ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ. އެ ފައިސާގެ ތެރޭގައި ފީއަލީ މިސްކިތްތައް މަރާމާތު ކުރުމާއި، ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށް ކައުންސިލުން ހޯދާފައިވާ ފައިސާ ހިމެނެ އެވެ.
އެ މައްސަލަ އޭރު ދިވެހި ފުލުހުން ތަޙުގީގު ކުރަމުން ދަނިކޮށް، ސަރުކާރުގެ ތެރެއިން އެ މައްސަލަ އޮއްބާލި އެވެ. އޭރު އެކަން ކޮށްފައި ވަނީ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު މުބީން އަދި ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބިލެތްދޫ ދާއިރާ އަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓް އަޙުމަދު އަސްލަމް ގުޅިގެންނެވެ.
އެކަމުގެ ތެރެއިން ފީއަލީ ރައްޔިތުންތަކެއް ތިބި ތަނެއްގައި އަސްލަމް ވަނީ އެކަމަށް އެއްބަސް ވެސް ވެފަ އެވެ. ފީއަލީ ކައުންސިލްގެ މެމްބަރަކު އޭރު ސުވާލު ކުރުމުން އަސްލަމް ބުނެފައި ވަނީ. "ފީއަލީ ތިޖޫރި މައްސަލަ އޮއްބާލީ މަ"، މިހެންނެވެ.
މީގެ އިތުރުން އަސްލަމް އަކީ އޭނާގެ އުފަން ރަށް، ބިލެތްދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ ކަމަށް ވެސް ތުހުމަތު ކުރެވޭ މީހެކެވެ. އެގޮތުން މިހާރު ވެސް އޭނާ އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ.
ބިލެތްދޫ ކައުންސިލްގެ ރައީސްކަމުގައި ވެސް ހުރި އަސްލަމް އަކީ، ރައްޔިތުންގެ ތަރައްޤީ އަށް ވެސް ހުރަސް އަޅާ މީހެކެވެ. އެގޮތުން މިދިޔަ ސަރުކާރުން ބިލެތްދޫގައި ޤާއިމު ކުރަން ފެށި އޭޓީއެމްގެ މަސައްކަތް ހުއްޓުވީ ވެސް އަސްލަމް އެވެ. އަސްލަމް އަކީ ބިލެތްދޫގެ އިތުރުން، ފީއަލީ އަދި މަގޫދޫ ރައްޔިތުންނާ ވެސް ގުޅުން ކުޑަ މީހެކެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފެށިގެން މިއަދާ ހަމައަށް ގާތް ގަނޑަކަށް ދެ މަސް ދުވަސްވެ، އިންތިިޚާބަށް މަސް ދުވަހަށް ވެފައިވާއިިރު، ދާއިރާގެ ދެ ރަށް ކަމަށްވާ، ފީއަލި އަދި މަގޫދޫ އަށް އަސްލަމް ދިޔައީ މި ހަފްތާ ބަންދުގަ އެވެ. ރައްޔިތުންނާ އަސްލަމްގެ ގުޅުން ކުޑަ ކަމުގެ ވާހަކަ އެ ދާއިރާގެ ރައްޔިތުން ދައްކަ އެވެ.
ބިލެތްދޫ ދާއިރާ އަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓަކީ ރައްޔިތުންގެ ފައިސާއާ ގުޅުން ހުރި ވައްކަމުގެ މައްސަލައެއް އޮއްބާލުމާއި، މަސްތުވާތެކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.