ޚަބަރު

ސްޓިކާ ނުހަޖާނެކަމުގެ "ދޮގު ވައުދު" ވުމަށްފަހު މުއިއްޒު ގެންދަވަނީ ފުލުހުންލައްވާ އުޅަނދުތައް ޓޯކޮށް, ޓޯކުރާ އުޅަނދުތަކަށް ބޮޑެތި ގެއްލުން ދީ, ކޮންމެ އުޅަނދަކުން 750 ރުފިޔާގެ ޖޫރިމާނާވެސް ނަގަމުން!

ދިޔަވަރު
ސްޓިކާ ނުހަޖާނެކަމުގެ "ދޮގު ވައުދު" ވުމަށްފަހު މުއިއްޒު ގެންދަވަނީ ފުލުހުންލައްވާ އުޅަނދުތައް ޓޯކޮށް, ޓޯކުރާ އުޅަނދުތަކަށް ބޮޑެތި ގެއްލުން ދީ, ކޮންމެ އުޅަނދަކުން 750 ރުފިޔާގެ ޖޫރިމާނާވެސް ނަގަމުން!

މާލޭގެ މަގުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް, ޕާކު ކުރާނެ ތަންތަން ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވެ, އެވައުދު ފުއްދުމުގެ ގޮތުން, މުއިއްޒު ގެންދަވަނީ ރައްޔިތުން "ގުނބޯ" ހެއްދުމަށްޓަކާ, ސްޓިކާ ޖެހުމުގެ ބަދަލުގައި މާލޭގެ މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ލައްވާ ޓޯ ކުރަމުންނެވެ.

އެގޮތުން މާލޭ މަގުމަތީ ޕާކް ކޮށްފައި ވަނިކޮށް ފުލުހުން ޓޯކުރާ ކާރުތަކަށް ޓޯ ކުރުމުގެ ތެރޭގައި ބޮޑެތި ގެއްލުންތައް ލިބެމުމްދާކަމުގެ ޝަކުވާ ކާރުތަކުގެ ވެރިން ދަނީ ކުރަމުންނެވެ.

މާލޭގައި ޕާކް ކުރެވޭނެ ގޮތެއް ނެތި, މަގުމަތީގެ އެކި ހިސާބުތަކުގައި ޓޯ ކޮށްފައި ހުންނަ ކާރުތައް ފުލުހުން ޓޯ ކުރަނީ ފޯކުލިފްޓްތައް ބޭނުން ކޮށްގެން ނަގާ ބޮޑެތި ލޮރީތަކަށް އަރުވައިގެންނެވެ. އަދި ފޯކު ލިފްޓުން ކާރުތައް ނަގާ ލޮރީތަކަށް އަރުވާއިރު, ޓޯ ކުރުމުގެ ސަބަބުން ކާރުތަކު ދޮރުތަކާއި އަދި އެނޫނަސް ބޮޑީގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. މިކަމުގެ ޝަކުވާ ކާރުތަކުގެ ވެރިން ކުރިން ނަމަވެސް ފުލުހުން މިގެއްލުންތަކުގެ ޒިންމާ ނަގަމުންނެއް ނުދެއެވެ.

އަދި ޓޯ ކުރުމަށްފަހު ފުލުހުން ޓޯ ޔާޑަށް ގެންދާ ކާރެއް އަނބުރާ ލިބެނީ 750 ރުފިޔާ ދެއްކުމަށް ފަހުއެވެ.

ފުލުހުން ކާރުތައް ޓޯ ކުރަމުންދަނީ, މާލޭގައި ޕާކު ކުރާނެ ތަން ނުދައްކާ, އެއްގަމު އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވެ ވެފައިވާ ވައުދާއި ޚިލާފް ނުވުމުގެ ގޮތުން, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައެވެ.

އެހެންނަމަވެސް މީގެ ކުރިން ފުލުން މަގުތަކުގައި ހުންނަ އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖެހުމުންވެސް ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މިހާރުވެސް ޓޯ ކުރާ އުޅަނދެއް ޓޯ ޔާޑުން ނެރުމަށް 750 ރުފިޔާ ދައްކަން ޖެހޭއިރު, މިހާރު ކާރުތަކުގެ ވެރިން އުފުލަންޖެހޭ ތަކުލީފު ބޮޑުވެފައި, އަދި ކުރަންޖެހޭ ޚަރަދުވެސް މާ ބޮޑުތަނުން މިވަނީ އިތުރު ވެގެން ގޮސްފައެވެ.

ސަބަބަކީ ކާރެއް ޓޯ ޔާޑުން ނެރުމަށް 750 ރުފިޔާ ދެއްކުމަށްފަހު އަދި ފުލުހުން ޓޯ ކުރާ ވެހިކަލްތަކަށް ލިބޭ ގެއްލުން ގަރާޖުން މަރާމާތު ކުރުމަށްވެސް ބޮޑު ހޭދައެއް ކުރާންޖެހޭތީއެވެ.

ފުލުހުން އާންމުންނަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް, ވެހިކަލްތައް ޓޯ ކުރަމުންދަނީ, ސްޓިކާ ނުޖަހާނެކަމަށް ވިދާޅުވެ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި މުއިއްޒު ވެވަޑައިގެންނެވި ދޮގު ވައުދު ފޫބެއްދުމަށްޓަކައެވެ.

އެހެންނަމަވެސް މިހާރު ފުލުހުން އަމަލު ކުރަމުންދާ ގޮތަކީ ސްޓިކާ ޖެހުމަށްވުރެވެސް މާ ގެއްލުންބޮޑު އުސޫލަކަށް ވާއިރު, ރައީސް މުއިއްޒު ވެވަޑައިގެން ދޮގު ވައުދެއްގެ ޝިކާރައަކަށްވެ ހަނާވަމުން މިދަނީ ދިވެހި ނިކަމެތި ރައްޔިތުންކަން ފާހަގަ ކޮށްލެވެއެވެ.