ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމަނިކުފާނު މަގާމުން ދުރުކުރުމަށް އަންނަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކު އޮކްޓޯބަރު 8, ގަ އެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ ތްރީލައިން ވިޕެއް ނެރުމަށް ފާސްކޮށްފަ އެވެ. އަދި, އެއީ މަޖުބޫރު ވޯޓެއްގެ ގޮތުގައި ނިންމައި އެމްޑީޕީގެ ހުރިހާ މެމްބަރުން މަޖިލީހަށް ހާޒިރުވެ ވޯޓު ދިނުމަށް ވަނީ ފާސްކޮށްފަ އެވެ.
އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ފޮނުވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ނޯޓިސް ދިނުމަށް ފަހު ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ މުުހުލަތެއް ދިނުމަށް ފަހު މައްސަލަ އެޖެންޑާކުރަން ޖެހޭނެ ކަމަށް ވެސް މަޖިލީހުގެ ގަވައިދުގެ އެ މާއްދާގައި އޮވެ އެވެ.
އެހެންވެ އަންނަ އާދީއްތަ ދުވަހަށް އެ މައްސަލަ އެޖެންޑާ ކުރަން މަޖިލީހުން ވަނީ ނިންމާފަ އެވެ. އެ ޖަލްސާގައި އެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނަށް 30 މިނެޓުގެ ވަގުތުކޮޅެއް ލިބިވަޑައިގަންނަވާނެ އެވެ.