ޚަބަރު

އެސްޑީއެފްގެ ބިލާއި ގުޅޭ ގޮތުން، މުއިއްޒު ހަދަމުންދަނީ ދޮގު! ބިލަށް ޖުމްލަ 2 ވޯޓު ލިބުނީ، މުއިއްޒު އަންގައިގެން ބިލް ފާސް ނުކުރުމަށް ޕީޕީއެމް މަޖިލިސް މެމްބަރުން މަޖިލީހުން ނުކުމެގެން ދިޔުމުން!

ދިޔަވަރު
އެސްޑީއެފްގެ ބިލާއި ގުޅޭ ގޮތުން، މުއިއްޒު ހަދަމުންދަނީ ދޮގު! ބިލަށް ޖުމްލަ 2 ވޯޓު ލިބުނީ، މުއިއްޒު އަންގައިގެން ބިލް ފާސް ނުކުރުމަށް ޕީޕީއެމް މަޖިލިސް މެމްބަރުން މަޖިލީހުން ނުކުމެގެން ދިޔުމުން!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހެޅި ފުރަތަމަ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލީ އިހްލާސްތެރިކަމެއް ނެތުމުން ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފިއެވެ. މުއިއްޒު މި ދޮގު ހަދާފައި ވަނީ ހޮޅުދޫ ދާއިރާއަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގަ އެވެ.

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގެ ބިލު ބަލައިގަތުމަށް ފެނޭތޯ ބެލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހިއިރު، ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މަޖިލީހުގެ ތަޅުމުގައި ނެތެވެ. މުއިއްޒު އަންގައިގެން މަޖިލިސް ތަޅުމުން އެ މެމްބަރުން ނުކުތީ، މި ބިލާއި ގުޅޭ ގޮތުން ދޮގު އިލްޒާމެއް އެމްޑީޕީގެ ބޮލުގައި އެޅުވުމަށް މުއިއްޒު ރާވާއިގެންނެވެ. މިކަން ދިޔަވަރު ނޫހަށް ޕީޕީއެމް/ޕީއެންސީގެ މަޖިލީސް މެމްބަރެއް ވަނީ ކަށަވަރު ކޮށްދީފައެވެ.

މުއިއްޒުގެ ރޭވުން، މާތް ﷲ ފަލީހަތް ކުރައްވައި، އެމްޑީޕީގެ މެމްބަރުންނަށް މުއިއްޒު ކުރަން ރާވާފައިވާ ކަން، ޕީއެންސީގެ މަޖިލީސް މެމްބަރުން ކިބައިން އެމްޑީޕީ މެމްބަރުން އޮތީ އެނގިފައެވެ. އެހެންކަމުން އެފަދަ ރޭވުމެއްގައި ނުޖެހުމަށް، ޕީޕީއެމް މެމްބަރުން މަޖިލިސް ދޫކޮށް ދިޔުމުން، އެމްޑީޕީގެ މަޖިލީސް މެމްބަރުންވެސް މަޖިލީހުގެ ތަޅުމުން ނުކުމެގެން ދިޔައެވެ.

އެ ބިލް ބަލައިގަތުމާ މެދު ވޯޓުގައި ބައިވެރިވީ އެންމެ ދެ މެންބަރުންނެވެ. އެ ބިލް ބަލައިގަތުމާ މެދު ފެންނަގޮތެއް ބަލަން ނެގި ވޯޓުގެ ނަތީޖާ އެއްވަރުވީ އެވެ. އެއް މެމްބަރު ވޯޓު ދިނީ ބިލް ބަލައިގަތުމަށެވެ. އަނެއް މެމްބަރު ވޯޓު ދިނީ ބިލް ބަލައިގަންނަން ނުފެންނަ ކަމަށެވެ.

ވޯޓު އެއްވަރުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވޯޓު ދެއްވީ އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށެވެ.

މިހެން ހިނގާފައި އޮތް ކަމެއްގައި މުއިއްޒު ވަނީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ބަރަކާތްތެރި ރެއެއްގައި ކަނޑައެޅިގެން ދޮގު ހަދައި، ދޮގު ތުހުމަތެއް އެމްޑީޕީގެ ބޮލުގައި އަޅުވަން މަސައްކަތް ކޮށްފައެވެ. މުއިއްޒު ދޮގ ހަދާ ވަރުން މުއިއްޒަށް ގިނަބަޔަކު ދަނީ ކައްޒާބު ކިޔަމުންނެވެ.