ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކޮރަޕްޝަންގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރާ ވަގުތާއި ދިމާކޮށް, ބައެއް ގޭންގުތައް ނެރެ, ހަމަނުޖެހުން ހިންގާ ސީންތަކެއް އުފެއްދުމަށް މުއިއްޒު ރާވާފައިވާކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން" އަށް ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ފޯރުކޮށްދިން މަސްދަރުން ހާމަކޮށްފައިވާ ގޮތުގައި, ބައެއް ގޭންގުތައް ބޭނުން ކޮށްގެން މާލެ ތެރޭގައި "ސީން" އެއް އުފެއްދުމަށް މުއިއްޒު އަމުރު ކޮށްފައިވަނީ ނާއިބު ރައީސް ސެމްބެއަށެވެ. އޭގެ ބޭނުމަކީ, ފައްޔާޒި ޕޮލިހަށް ހާޒިރުކުރާ ވަގުތާއި ދިމާކޮށް ހަމަނުޖެހުންތަކެއް ހިންގުމަށްފަހު, މާލެތެރެ ހަލަބޮލި ކުރުމުގެ މޭސްތިރިންގެ ގޮތުގައި އެމްޑީޕީގެ އިސް ފަރާތްތަކުން ތިބިކަމަށް ދައްކާ, ރައީސް މުއިއްޒު ބޭނުންވާ އިތުރު ބަޔަކު ހައްޔަރަށް ގެންދިއުމަށްވެސް, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފަރާތުން ކިޔައިދީފައި ވެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކޮރަޕްޝަންގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާތީ ފުލުހުން ވަނީ ތައްޔާރީ ހާލަތަކަށް އަައިސްފައެވެ. އަދި އޭނާ މުއްދަތެއް ނެތްގޮތަށް ބަންދު ކުރުމަށްވެސް މުއިއްޒު ފުލުހުންގެ މުވައްސަސާއަށް ވަނީ އަމުރު ކޮށްފައެވެ.
ފުލުހުންގެ އިސް އޮފިޝަލަކު “ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ދިން ގޮތުގައި ފައްޔާޒު ޕޮލިހަށް ހާޒިރު ކުރުމަށްފަހު މިއަދު ދޫނިދޫއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުއިއްޒު ބޭނުންވަނީ, ޝަރީއަތް ނިމެންދެން ފައްޔާޒު ވާނުވާގައި ބެހެއްޓުމަށް ކަމަށްވެސް ފުލުސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. ފުލުސް އޮފިޝަލް ވިދާޅުވީ ފައްޔާޒު ޕޮލިހަށް ގެންދާ ވަގުތާއި ދިމާކޮށް މާލެ ހަލަބޮލި ކުރުމަށް އިދިކޮޅު ޕާޓީން މަސައްކަތް ކޮށްފާނެކަމަށް ބަލާ, ފުލުހުންވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފައި ކަމުގައެވެ.
ފައްޔާޒު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައި ވަނީ މިއަދު މެންދުރު ފަހު 15:00 އަށެވެ.
ފައްޔާޒް ހާޒިރު ކުރަން ފޮނުވި ޗިޓުގައި އޮތީ އާރުޑީސީ އަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރުޑީސީން ކުރި މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ.
އެކަމާ ގުޅިގެން ފައްޔާޒް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިފައިވާ ކަމަށެވެ. އާރުޑީސީން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ، ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ކާމިޔާބު ނުވާނެކަން ޔަގީން ވުމުން މުއިއްޒު ގެންދަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވާ, އަދި އިދިކޮޅު އެމްޑީޕީގެ އިސްވެރިން ހައްޔަރު ކުރުމަށް ރާވަމުންނެވެ.