ޚަބަރު

70% ނިމިފައި ވަނިކޮށް ފ.މަގޫދޫގައި އަޅަމުންދާ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލީ، މުއިއްޒުގެ ކޮއްކޮ މަޖިލިސް އިންތިޚާބުގައި ވާދަކުރާ, ނިލަންދޫގައި އަޅާ އެއާޕޯޓުގެ ބިން ހިއްކުމަށް! މަގޫދޫ ރައްޔިތުން މުޒާހިރާއަށް ނިކުމެއްޖެ!

ދިޔަވަރު
70% ނިމިފައި ވަނިކޮށް ފ.މަގޫދޫގައި އަޅަމުންދާ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލީ، މުއިއްޒުގެ ކޮއްކޮ މަޖިލިސް އިންތިޚާބުގައި ވާދަކުރާ, ނިލަންދޫގައި އަޅާ އެއާޕޯޓުގެ ބިން ހިއްކުމަށް! މަގޫދޫ ރައްޔިތުން މުޒާހިރާއަށް ނިކުމެއްޖެ!

70% މަސައްކަތް ނިމިފައިވަނިކޮށް, ފ.މަގޫދޫގައި އަޅަމުންދާ އެއަރޕޯޓުގެ މަސައްކަތް ސަރުކާރުން ހުއްޓާލުމާއި ގުޅިގެން ފ. މަގޫދޫގެ ރައްޔިތުން މުޒާހިރާ ކުރަން ފަށައިފިއެވެ. ފ. މަގުދޫގައި ރައީސް ސާލިހުގެ ސަރުކާރުން އަޅަންފެށި އެއަރޕޯޓުގެ މަސައްކަތް މިސަރުކާރުން ހުއްޓާލީ, އެރަށާއި ކައިރީގައި އޮން ފ. ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާއަށް ވޯޓު ހޯދުމުގެ ބޭނުމުގައި ފ. ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.

ފ. ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ އިއްޔެ ވަނީ ހަވާލުކޮށްފިއެވެ. މިމަސައްކަތް އިއްޔެ އެމްޓީސީސީއާއި ހަވާލުކުއިރު, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަނީވެސް އެދާއިރާއަށެވެ. އަދި އޭނާ ގެންދަވަނީ އެ ދައިރާއަށް ވާދަކޮށް ކެމްޕެއިންވެސް ކުރަމުންނެވެ.

ނިލަންދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށާފައި މިވަނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލުމަށްފަހު, އެއަރޕޯޓު އެޅުމަށް ބޭނުންކުރަމުންދިޔަ ހުރިހާ ސާމާނެއް ފ. ނިލަންދޫއަށް ގެންދިއުމަށްފަހުއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ އެމަސައްކަތް ހުއްޓާލުމަށް ރައީސް މުއިއްޒު އަންގަވާފައިވަނީ ފ. މަގޫދޫގެ ގޮނޑި ޕީއެންސީއަށް ކާމިޔާބު ނުކުރެވޭނެކަމަށް މުއިއްޒުއަށް ގަބޫލު ކުރެއްވިގެން ކަމުގައެވެ.

ފ. ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.  އެމްޓީސީސީ އިން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި އެއްބަސްވުމުގެ ދަށުން  42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެންނަމަވެސް މި މަސައްކަތް ހަވާލުކުރި އަގެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭކޮށް އީއައިއޭ ހެދުމުގެ މަސައްކަތް ކުރީ ވެސް އެމްޓީސީސީންނެވެ. މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުމެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތަށްވާ ފައިސާ މި އަހަރު ބަޖެޓުކޮށްފައި ނެތެވެ.