ޚަބަރު

މުއިއްޒުގެ ކޮއްކޮ ސައުދާ މަޖީލހަށް ހޮވަން, ނިލަންދޫއިން 40 މީހަކަށް ސިޔާސީ ވަޒީފާ ހަމަޖައްސަދީފި!

ދިޔަވަރު
މުއިއްޒުގެ ކޮއްކޮ ސައުދާ މަޖީލހަށް ހޮވަން, ނިލަންދޫއިން 40 މީހަކަށް ސިޔާސީ ވަޒީފާ ހަމަޖައްސަދީފި!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާއަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް, ނިލަންދޫގެ 40 ފަރާތަކަށް މިހާތަނަށް އައިއިރު ސިޔާސީ މަގާމްތައް ހަމަޖައްސާދީފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަނީ ނިލަންދޫ ދާއިރާއަށެވެ. އަދި އޭނާ ގެންދަވަނީ އެ ދައިރާއަށް ކެމްޕެއިންވެސް ކުރަމުންނެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި އެދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ, ސަރުކާރުގެ އެކި އޮފީސްތަކުންނާއި, އަދި އެރަށުގައި ހުންނަ ހެލްތު ސެންޓަރުންވެސް ގިނަބަޔަކަށް މިހާރު ސިޔާސީ މަގާމްތައް ދީފައިވާ ކަމުގައެވެ.

އަދި އޭގެ އިތުރުން, ފ. މަގޫދޫ އެއަރޕޯޓު ހުއްޓުވާލުމަށްފަހު, މިހާރު ފަށަން ނިންމާފައިވާ އެރަށު ބިން ހިއްކުމުގެ މަޝްރޫއުންވެސް ގިނަބަޔަކަށް ވަޒީފާ ދެމުންދާކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

70% މަސައްކަތް ނިމިފައިވަނިކޮށް, ފ.މަގޫދޫގައި އަޅަމުންދާ އެއަރޕޯޓުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ހުއްޓާލާފައެވެ. އަދި އެމަސައްކަތް ހުއްޓާލުމާއި ގުޅިގެން ފ. މަގޫދޫގެ ރައްޔިތުން ރޭވަނީ މުޒާހިރާވެސް ކޮށްފައެވެ.

ފ. މަގުދޫގައި ރައީސް ސާލިހުގެ ސަރުކާރުން އަޅަންފެށި އެއަރޕޯޓުގެ މަސައްކަތް މިސަރުކާރުން ހުއްޓާލީ, އެރަށާއި ކައިރީގައި އޮން ފ. ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާއަށް ވޯޓު ހޯދުމުގެ ބޭނުމުގައި ފ. ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.

ސަރުކާރުގެ އެއްވެސް އޮފީހަކުން މުވައްޒަފުންގެ މުސާރަތައް ބޮޑު ނުކުރުމަށާއި, އަދި އެއްވެސް މުވައްޒަފަކަށް ޕްރޮމޯޝަންވެސް ނުދިނުމަށް ފިނޭންސް މިނިސްޓްރީން އެންގުމަށްފަހު, ރައީސް މުއިއްޒު ގެންދަވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް, ބޮޑެތި މުސާރަލިބޭ ސިޔާސީ މަގާމްތަކަށް ގިނަ އަދަދެއްގެ ބަޔަކު ވައްދަމުންމެވެ.

އެގޮތުން މިހާތަނަށް ސިޔާސީ އެންމެ ގިނައިން ދީފައިވާ އެއް ދާއިރާއަށް ވެގެން ގޮސްފައިވަނީ މުއިއްޒުގެ ކޮއްކޮ ސައުދާ ވާދަކުރަމުންދާ ނިލަންދާ ދާއިރާކަން ފާހަގަ ކޮށްލެވެއެވެ.