ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާއަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް, މަޖިލިސް އިންތިޚާބުގެ ކުރިން, އަވަސް އަރުވާލައިގެން, ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށުމަށް ހަމަޖައްސާފައިވަނީ, ބިން ހިއްކުމަށް ހަދަންޖެހޭ އީއައިއޭ ފުރިހަމަ ނުކޮށް ކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ, ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ފުރިހަމަޔަށް ތައްޔާރު ނުވެވަނިކޮށް, އެމްޓީސީސީއަށް ސަރުކާރުން އަންގާފައިވަނީ އެމަޝްރޫއުގެ ވަގުތުން ވަގުތަށް ފެށުމަށް ކަމުގައެވެ.
އޭނާ ވިދާޅުވި ފ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލުމަށް މަޖުބޫރުވީވެސް, އެތަނުގައި މަސައްކަތް ކުރުމަށް ބޭނުން ކުރަމުންގެންދިޔަ ސާމާނު ކުއްލިއަކަށް ނިލަންދޫއަށް ބަދަލު ކުރަން މަޖުބޫރު ވެގެން ކަމަށާއި, ނިލަންދޫ ބިން ހިއްކުމަށް ބޭނުންވާ އީއައިއޭ ފުރިހަމަ ކުރެވިފައި ނުވާކަމަށެވެ.
ރާއްޖޭގެ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް, އީއައިއޭ ފުރިހަމަ ނުކޮށް ކުރިޔަށް ގެންދިއުމަކީ ގާނޫނުން މަނާ ކޮށްފައި އޮންނަ ކަމެކެވެ. އަދި އެއީ ބޮޑެތި ޖޫރިމަނާ ކުރުމަށް ގާނޫނުން ލާޒިމް ކޮށްފައި އޮންނަ ކަމަކަށް ވި ނަމަވެސް, އީއައިއޭ އެޕްރޫވް ކުރުމުގެ ޒިންމާ އުފުލާންޖެހޭ އީޕީއޭ މިމައްސަލައާއި ގުޅޭގޮތުން އެއްވެސް ބަހެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.
ފ. ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިމަހުގެ 27 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުއިރު, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަނީވެސް އެދާއިރާއަށެވެ. އަދި އޭނާ ގެންދަވަނީ އެ ދައިރާއަށް ވާދަކޮށް ކެމްޕެއިންވެސް ކުރަމުންނެވެ.
ނިލަންދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށާފައި ވަނީ އެރަށު ކައިރީގައި އޮންނަ މަގޫދޫގައި އަޅާ އެއާޕޯޓްގެ މަސައްކަތް ނިމެން ގާތްވެފައިވަނިކޮށް އެ މަސައްކަތް ހުއްޓާލުމަށްފަހުއެވެ.
ފ. ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީ އިން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
މި އެއްބަސްވުމުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެންނަމަވެސް މި މަސައްކަތް ހަވާލުކުރި އަގެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.
ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭކޮށް އީއައިއޭ ހެދުމުގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ. މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުމެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތަށްވާ ފައިސާ މި އަހަރު ބަޖެޓުކޮށްފައި ނެތެވެ.