ގައުމިއްޔަތު ދިރުވުމުގެ ނަމުގައި, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ސްކޫލްތަކުގެ އެސެމްބްލީގައި ގައުމީ ސަލާމް ކިޔުމަށް ސަރުކާރުން އަންގާ, އެކަން ތަންފީޒު ކުރަމުން ދަނިކޮށް, ދަރިވަރުން ގައުމީ ސަލާމް ކިޔަމުން ދާއިރު މިއުޒިކް ނުޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއުގެ އެންގުމަށް, ސްކޫލުތަކުގައި ގައުމީ ސަލާމް ކިޔަމުންދާއިރު މިއުޒިކް ނުޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަނގަބަހުން ފޯރުކޮށްދިން މެސެޖަކުން ކަމުގައެވެ.
އޭނާ ވިދާޅުވީ ލިޔުމަކުން އެކަން އެންގުމަށް މިނިސްޓްރީން އަދި ބޭނުން ނުވަނީ މަޖިލިސް އިންތިޚާބު ކުރިޔަށް އޮތުމާއެކު, އެއީ ލިޔެކިއުމުން ފެންނާން އޮތް ސަރުކާރުގެ ރަސްމީ ނިންމުމަކަށް ވެގެން ހިގައްޖެނަމަ ސިޔާސީ ގޮތުން މިދަނޑިވަޅުގައި ބޮޑު ގެއްލުމެއް ސަރުކާރަށް ލިބިގެން ދާނެކަމަށް ގަބޫލު ކުރެވިގެން ކަމުގައެވެ.
އޮފިޝަލް ވިދާޅުވީ, މިނިސްޓްރީން އަނގަބަހުން އެންގި އެންގުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުން އަމަލުކުރަން ބޭނުން ނުވާކަމުގައެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ, މިއުޒިކާ ނުލާ ގައުމީ ސަލާމް ކިޔުއްވުމަށް ޕްރިންސިޕަލުން ބޭނުން ނުވުމުގެ އިތުރުން, އެކަން ލިޔެކިޔުމުން ނާންގާ, އަނގަބަހުން ފޯރުކޮށްދިން މެސެޖަށް ޕްރިންސިޕަލުން އަމަލު ކުރުމުން, ހުރިހާ ފާޑުކިއުމެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުވެގެން ދާނެކަމަށް ޕްރިންސިޕަލުން ގަބޫލު ކުރުމެވެ.
ބެލެވޭ ގޮތުގައި, ގައުމީ ސަލާމް ކިޔާއިރު މިއުޒިކް ބޭނުން ނުކުރުމަށް ސަރުކާރުން އަނގަބަހުން އެންގި މަގުސަދަކީވެސް, އެ ބަދަލުގެ ސަބަބުން އަންނަ ހުރިހާ ޕްރެޝަރެއް ސްކޫލްތަކުގެ މެނޭޖްމަންޓުގެ "ބޮލަށް ކަނޑާ" ލުމެވެ.
މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރަކަށް މިހާރު ހުންނެވީ, ދީނީ ގޮތުން ހައްދުފަހަނައެޅި, "ޑޮޓް" ޖަމާއަތަށް ނިސްބަތްވާ, އެފަލްސަފާ ގަބޫލުކޮށް, އަދި މީގެ ކުރިން އެ ޖަމާއަތުގެ އުސޫލުތަކަށް އަމަލުވެސް ކުރަމުން އައި ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް އޭނާ މިހާރު "ޑޮޓް" ޖަމާއަތަށް ނިސްބަތްވާ ފަލްސަލާއަށް އަމަލު ކުރަމުންދާކަން ޔަގީން ކުރެވިފައެއް ނުވެއެވެ.
އޭގެ އިތުރުން ރައީސް މުއިއްޒުއަކީ ދީނީގޮތުން ހައްދުފަހަނައެޅިި އުސޫލުތައް ގަބޫކުރާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އަންހެން ބޭފުޅުން ސަރުކާރުގެ އިސްމަގާތަކަށް އައުމަކީ ރައީސް މުއިއްޒު ގަބޫލުކުރާ ފަލްސަފާއެއް ނޫނެވެ. ރައީސް މުއިއްޒުގެ ކެބިނެޓް ހިމެނިގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް އަންހެން ބޭފުޅުން އެންމެ މަދު ކެބިނެޓް ކަމުގައެވެ.
އަދި ހުރިހާ ރަސްމީ މުނާސަބަތެއްގައިވެސް ތަހުނިޔާ ފޮނުއްވަމުން ގެންދަވާ މުއިއްޒު, ފާއިތުވި އަންހެނުންގެ ދުވަހުގެ ތަހުނިޔާވެސް އެއްވެސް ފަރާތަކަށް ފޮނުއްވާފައެއް ނުވެއެވެ.