ރަށްރަށާއި ސިޓީ ތަކުގައި ތިބި ސްޕޯޓްސް ކައުންސިލުން މިނިސްޓްރީ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށަށް ބަދަލުކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީއިން ވަނީ މިބަދަލު ގެނައުމަށް ނިންމާފައިވާކަން މިމަހުގެ 28 ވަނަ ދުވަހު ސްޕޯޓްސް ކައުންސިލަރުން ތިބި ކައުންސިލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ހާމަކޮށްފައި އެވެ.
އެގޮތުން އެސާކިއުލާގައި ބުނެފައިވަނީ ސްޕޯޓްސް ކައުންސިލަރުންގެ މަގާމުގައި ތިބި ބޭފުޅުން އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރައްވައި ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައި އެމަސައްކަތް ވީ އެންމެ އަވަހަކަށް ކުރެއްވުމަށް އަންގަވާފައިވުމާއި އެކު އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން ހުރިހާ ރަށެެއްގެ ސްޕޯޓްސް ކައުންސިލަރުން އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަނާއި ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.
އަދި 1 އޭޕްރިލް އިން ފެށިގެން ސްޕޯޓްސް ކައުންސިލަރުންގެ މުސާރަ ދިނުމުގެ އެންމެހާ މަސައްކަތްތަކެއްވެސް ކުރިޔަށްދާނީ ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަން ސްޕޯޓްސް މިނިސްޓަރ ރާފިއު ސޮއިކުރައްވައި ފޮނުއްވި ސާކިއުލާގައި ބުނެފައި ވެއެވެ.ސްޕޯޓްސް ކައުންސިލަރުންނަކީ ކުރީގެ ސަރުކާރުން ކަސްރަތަށް އަހުލުވެރި ކުރުވަން ރަށްރަށުގައި ހިންގާ ކުޅިވަރުތަކުގައި އެހީތެރިވެދިނުމަށްޓަކައި ކޮންމެ ރަށަކަށް ޚާއްސަ ކުރެވުނު ފަރާތެކެވެ.
އެގޮތުން ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ތަމްރީން ކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފެށީ 2018 ވަނަ އަހަރު ޑިސެމްބަރުމަހުއެވެ. އަދި ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރުން އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ.
އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ މިހާރުގެ ވިސްނުމަކީ, ސްޕޯޓްސް ކައުންސިލަރުންގެ ގޮތުގައި ރަށްރަށުގައި ތިބި ފަރާތްތައް ވަޒީފާއިން ވަކިކޮށް, މަޖިލިސް އިންތިޚާބާ ދިމާކޮށް, ސިޔާސީ އެކްޓިވިސްޓުން އެ ވަޒީފާތަކަށް ހަމަޖެއްސުމެވެ. ސަރުކާރުން ދަނީ މަޖިލިސް އިންތިޚާބާ ދިމާކޮށް ސިޔާސީ އެކްޓިވިސްޓުން ބޮޑު މުސާރަލިބޭ މަގާމްތަކަށް ހަމަޖައްސަމުންނެވެ.