ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލީ ވަކިބަޔަކަށް ފުރުސަތު ފަހިވާގޮތަށްކަން ހާމަވެއްޖެއެވެ.
އެގޮތުން މިނިސްޓްރީ އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ މިމަހުގެ 17 އިން 21 އަށެވެ. އެހެންނަމަވެސް މި އިއުލާން މިނިސްޓްރީގެ ވެބްސައިޓުގެ އިތުރުން ގެޒެޓްގައި ޝާއިއު ކުރުމަށްފަހު, މި ފުރުސަތު ހުޅުވާލިކަން ނޫސްތަކަށް މިނިސްޓްރީން ވަކިން އަންގާފައެއް ނުވެއެވެ.
އެހެންނަމަވެސް މިނިސްޓްރީން އާންމުކޮށް މިފަދަ ބޮޑެތި ކަންކަމަށް ފުރުސަތު ހުޅުވާލާއިރު, އެ މައުލޫމާތު މީޑިއާތަކާއި ވަކިން ހިއްސާ ކުރެއެވެ. އަދި އިސްލާމިކް މިނިސްޓްރީއަކީ އެ މިނިސްޓްރީން ކުރާ ހުރިހާ ކަމެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ މިނިސްޓްރީއަކަށް ވިނަމަވެސް, އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމަށްފަހު މިނިސްޓްރީން ވަކިން އެ މައުލޫމާތު އެއްވެސް މީޑިއާއަކާ ހިއްސާ ކޮށްފައެއް ނުވެއެވެ.
އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވަނީ އެންމެ ހަފްތާއެއްހާ ދުވަހުގެ މުއްދަތެވެ. އެއީ މަސައްކަތު 5 ދުވަހަށް ވާއިރު, އެ މުއްދަތަކީ ރޯދަމަހު, ކުށުގެ ރެކޯޑް ސާފުރުމަށްވެސް އެކަށީގެންވާ މުއްދަތެއް ނޫނެވެ.
ހަމަ އެއާއެކު, މި މާޗްމަހަށް ގިނަ އުމްރާ ގުރޫޕުތަކުގެ ހުއްދައިގެ މުއްދަތު ހަމަވެފައިވާކަން މިނިސްޓްރީގެ އިސްވެރިންނަށް ރަގަޅަށް އެނގިތިބެ, ގިނަ ގުރޫޕްތަކުގެ ހުއްދައިގެ މުއްދަތު ހަމަވި ދަނޑިވަޅާ ދިމާކޮށް, އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މި ފުރުސަތުން ގިނަ ގުރޫޕްތަކެއް މަހުރޫމް ކުރުމުގެ މަގުސަދުގައިކަންވެސް ވަރަށްވެސް ސާފުކޮށް ފެންނާން އޮތްކަމުގައިވެސް އުމްރާ ގުރޫޕްތަކުން ދަނީ ބުނަމުންނެވެ.
އުމްރާ ގުރޫޕްތަކުގެ ހުއްދަ އާކުރުމަށް އިއުލާން ކުރިކަމެއްވެސް ގުރޫޕްތަކަށް އެނގިފައެއް ނުވެއެވެ. އަދި އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީން ފުރުސަތު ހުޅުވާލީ, ގިނަ ޕްރޫޕްތައް މައްކާއަށް ދިޔަ ދަނޑިވަޅާއި ދިމާކޮށް, ސިއްރުން މިނިސްޓްރީގެ ވެބްސައިޓުގައި އިއުލާން ޖަހައިގެންނެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އިސްލާމިކް މިނިސްޓްރީގެ ވެރިންގެ ތެރޭގައި, އުމްރާއަށް މީހުން ގެންދާ 3 ގުރޫޕެއްގެ ވެރިން އެބަތިއްބެވެ.
މީގެ ތެރެއިން ބައެއް ގުރޫޕްތަކުން މިހާރުވެސް ދަނީ ނާޖާއިޒް ގޮތުގައި ސަރުކާރުގެ ތެރެއިން ޕްރޮޖެކްޓްތައް ހޯދަމުންނެވެ. އޭގެ ތެރެއިން ފާގަހަ ކުރެވޭ އެއް ޖަމައަތަކީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕެވެ.
އެގުރޫޕަށް ޢުމްރާއާއިބެހޭ މައުލޫމާތު ފެތުރުމުގެ ނަމުގައި, އިއުލާން ކުރުމަކާ ނުލާ ބޮޑު ޕްރޮޖެކްޓެއް ޕީއެސްއެމްއިން ވަނީ ހަވާލު ކޮށްފައެވެ.
ޑރ. ޝަހީމްއާއި އޭނާގެ ނާއިބުގެ މަގާމްގައި ހުންނެވި އަލީ އަހުސަންގެ ހައްޖު ގުރޫޕް ”ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕް“އަކީ ޔާމިން އިދުރީސްއާއި, އަލީ އަހުސަން އަދި އޭގެ އިތުރުން އިބުރާހިމް އަޝްވާގު ކިޔާ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހައްޖު އަދި އުމްރާ ގުރޫޕެކެވެ.
އެގޮތުން މި ގުރޫޕްގެ އެއް ހިއްސާދާރު ކަމުގައިވާ ޔާމިން އިދުރީސްއަކީ ޑރ. ޝަހީމްގެ މިނިސްޓަރުކަމުގައި އެންމެ ފުރަތަމަ ހައްޖު ކޯޕަރޭޝަން އުފެއްދުމަށްފަހު އެ ކުންފުނި ހިންގުމަށް, އެތަނުގެ އެމްޑީގެ ގޮތުގައި ޑރ. ޝަހިމް އައްޔަން ކުރި ފަރާތެވެ. އޭރު ޑރ. ޝަހީމްގެ މިހާރުގެ ނައިބު އަލީ އަހުސަންވެސް މަސައްކަތް ކޮށްފައިވަނީ ޔާމިން އިދުރީސްއާއެކު ހައްޖު ކޯޕަރޭޝަންގައެވެ.
އެހެންނަމަވެސް އަލީ އަހުސަންއާއި ޔާމިން އިދުރީސް ހައްޖު ކޯޕަރޭޝަން ދޫކޮށް ދިޔައިރު އެކުންފުނީ އޮތީ އެތައް މިލިއަން ރުފިޔާއަކުން ދަރަނިވެރި ވެފައެވެ. ހައްޖު ކޯޕަރޭޝްންއިން ވަކިވުމަށްފަހު ޔާމިން އިދުރީސްއާއި އަލީ އަހުސަން ޓްރަވަލް އޭޖެންސީއެއް އުފެއްދުމަށްފަހު, ޑރ. ޝަހީމް އިސްވެ ހުންނަވާ ދެން އުފެއްދެވީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕްއެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕްއަށް, ހައްޖާއި އުމްރާއާއިބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ނަމުގައި, އިއުލާން ކުރުމަކާވެސް ނުލާ ބޮޑު ޕްރޮޖެކްޓެއް ޕީއެސްއެމްއިން ހަވާލުކުރިއިރު, ޕީއެސްއެމްގެ އުސޫލުތައް ހަމަޖެހިފައި އޮންނަގޮތުން, ވަކި ކުންފުންޏެއް އިސްތިހާރުވާގޮތަށް ފުރުސަތު ދިނުމަކީ ކުރެވޭނެ ކަމެއްވެސް ނޫންނެވެ.
އަދި އާންމުކޮށް އިއުލާން ކުރުމަކާނުލާ މި އުސޫލުން ޕްރޮޖެކްޓްތައް ހަވާލުކުރުމަކީ މާލިޔަތު ގަވަދުންވެސް މަނާ ކަމެކެވެ.
އަދި އަމުދުން ޢުމްރާއާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެވޭނެ އެތައް ކުންފުންޏެއް ރާއްޖޭގައި ވަނިކޮށް, އާންމުކޮށް އިއުލާން ކުރުމަކާނުލާ, ވަކި ކުންފުންޏަކާއި މިމަސައްކަތް ހަވާލުކުރުމަކީ ކޮރަޕްޝަންގެ އުސޫލުން, ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދާ ދިނުމަށް, ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.