ޚަބަރު

ޝަރީއަތް ހުއްޓުވާފައިވަނީ ސީދާ ރައީސް މުއިއްޒު ޝަރީއަތަށް އަތް ބާނައިގެން: ޔާމިން

ދިޔަވަރު
ޝަރީއަތް ހުއްޓުވާފައިވަނީ ސީދާ ރައީސް މުއިއްޒު ޝަރީއަތަށް އަތް ބާނައިގެން: ޔާމިން

މިހާރު ހައި ކޯޓުގައި އޮތް, ރައީސް ޔާމިންގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަ ހުއްޓުވާފައިވަނީ ސީދާ ރައީސް މުއިއްޒު އެމައްސަލައަށް އަތް ބާނުއްވައިގެންކަމަށް ކުރީގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ތަކުރާރުކޮށް، ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދާތީ އެކަމުގެ ރައްދު ދެއްވަމުން, ރޭ ބޭއްވުނު ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ހުއްޓުވާފައިވަނީ ސަރުކާރުގެ އެންމެ މަތީފަންތިން އަތް ބާނާއިގެން ކަމަށާއި, އެމަނިކުފާނު މިނިވަން ކުރުމަށް ރައީސް މުއިއްޒު ކުރެއްވި ކަމެއް ނޯންނާނެ ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާއަކީ، ރައީސުލްޖުމްހޫރިއްޔާއާއި މުޅިން ވަކިކޮށްފައިވާ ދާއިރާއެއްކަމަށާއި އެކަމަކު އެކަމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެކަމަށް ސަރުކާރުން ބުނަމުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާތީކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއަދު ވެސް ކެމްޕެއިން ބައްދަލުވުންތަކުގައި ރައީސް މުއިއްޒާ ރައްޔިތުން ސުވާލު ކުރަނީ އެމަނިކުފާނު މިނިވަން ނުވެ ހުރި ސަބަބާ ގުޅޭގޮތުން ކަމަށެވެ. ޖަވާބުގައި މިނިވަން ކުރުމަށް ވަރަށް މަސައްކަތް ކުރާކަމަށް ރައީސް ޔާމީން ވިދާޅުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް.. އަޅުގަނޑަށް އެނގިފައި އޮތް ގޮތުންކަމަށް ވާނަމަ، ސަރުކާރުގެ މަތީ ފަންތިން.. އަތް ބާނައިގެން.. އަޅުގަނޑުގެ ޝަރީަތް މިހާތަނަށް ވެސް ލަސްކުރީ…

ރައީސް ޔާމީން ވިދާޅުވީ ތަކުރާރުކޮށް، ޝަރުއީ ނިޒާމާއި ގުޅޭގޮތުން ސަރުކާރުން ވާހަކަ ދައްކާނެ ސަބަބެއް ވެސް އޮންނާނެކަމަށާއި އެކަމުން ރައްޔިތުން ދެނެގަންނަން ޖެހޭ މެސެޖެއް ވެސް ވާނެކަމަށެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލި އެންމެ ބޮޑު ސަބަބަކީ، މަސްއޫލިއްޔަތިތުތަކާއި ހަވާލުވާނީ ކަމަށް ގާބިލު އެކަށޭނެ މީހުންނަށް ހެދުންކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުން ވެސް ވާން ޖެހެނީ އަދުލުވެރި ބަޔަކަށް ކަމަށެވެ. އާންމު ފަރުދުންގެ ފުށުން ފެންނަ ނޭދެވޭ ކަމެއްގެ މައްޗަށް ފުލުހުންނަށް ތަހުގީގެއް ހިންގޭނަމަ، ފަނޑިޔާރުންގެ ތެރޭގައި ހިނގާ އަމަލުތަކުގެ ތަހުގީގެއް ނުހިންގެންވީ ސަބަބެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީއެންއެފްގެ އޮފީހުގައި ރައީސް ޔާމީން ބައްދަލުވުންތައް ބާއްވާއިރު، އަދިވެސް ހުންނެވީ ޝަރުއީ ހުކުމެއްގެ ގޭ ބަންދުގަ އެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ ކަރެކްޝަނަލް ސާވިސްއިން ތަކުރާރުކޮށް އެމަނިކުފާނަށް އިންޒާރު ދިނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ދޮގު ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައިކައިގެންނެވެ.

އެގޮތުން, ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.

އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދާއި ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ.

މުއިއްޒު ރައީސް ޔާމިނަށް އަނިޔާވެރިވަމުން ދިއުމާއި ގުޅިގެން, މުއިއްޒު ވަޑައިގަންނަވަމުން ގެންދަވާ ކޮންމެ ރަށަކުންވެސް, ރައީސް ޔާމިންގެ ސަޕޯޓަރުން ގެންދަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑިއެއް ދައްކާ, ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ވިދާޅުވެ މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެމަތިން މުއިއްޒުއަށް ހަދާން ކޮށްދެމުންނެވެ.