ޚަބަރު

އެންޓި ޑިފެކްޝަން ބިލު މަޖިލިހުން ފާސްކޮށްފި, ރިޝްވަތުގެ ހަރާމް ފައިސާއަށް މެމްބަރުން ގަނެގެން, މަޖިލިހުގެ މެޖޯރިޓީ ހޯދުމަށް މުއިއްޒު ދެކެމުންއައި ހުވަފެންތައް ފެނަށް!

ދިޔަވަރު
އެންޓި ޑިފެކްޝަން ބިލު މަޖިލިހުން ފާސްކޮށްފި, ރިޝްވަތުގެ ހަރާމް ފައިސާއަށް މެމްބަރުން ގަނެގެން, މަޖިލިހުގެ މެޖޯރިޓީ ހޯދުމަށް މުއިއްޒު ދެކެމުންއައި ހުވަފެންތައް ފެނަށް!

ޕާޓީ ބަދަލުކުރުމުން އަމިއްލައަށް އިސްތިއުފާދޭންޖެހޭގޮތައް އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފިއެވެ.

މި ބިލު މިއަދު މަޖިލިހުން ފާސްކުރުމާއެކު, މިމަހު ބާއްވާ މަޖިލިސް އިންތިޚާބަށްފަހު, ރިޝްވަތުގެ ހަރާމް ފައިސާއަށް މެމްބަރުން ގަނެގެން މަޖިލިހުގެ މެޖޯރިޓީ ހޯދުމަށް މުއިއްޒު ދެކެމުން ހުރިހާ ހުވަފެންތަކެއް ފެނަށް ވެގެން ދިޔައީއެވެ.

މުއިއިއްޒުވަނީ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, މަހެއްހާ ދުވަސް ވެގެންދިޔަތަނާ ކަހަލަ ގޮތަކަށް ރިޝްވަތުގެ ހަރާމް ފައިސާއަށް އެމްޑީޕީގެ 13 މެމްބަރަކު ގަނެފައެވެ.

ފާއިތު ޑިސެމްބަރުމަހު ކުއްލި ގޮތަކަށް ޕީއެންސީއަށް ބަދަލުވި އެމްޑީޕީގެ މެމްބަރުން އެޕާޓީއަށް ބަދަލުވީ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާއާއި ގިނަ އަދަދަކަށް ވަޒީފާވެސް ދޭނެކަމަށް ރައީސް މުއިއްޒު ވައުދު ވެގެންނެވެ. އެގޮތުން ކޮންމެ މެމްބަރަކަށްވެސް ސަރުކާރުގެ ސިޔާސީ 10 މަގާމް ދިނުމަށް މުއިއްޒު ވައުދުވެފައިވެއެވެ. އެެހެންނަމަވެސް ދޭން ވައުދުވި 4 މިލިއަން ރުފިޔާގެ ތެރެއިންވެސް މޮޑު އަދަދެއް އަދިވެސް މުއިއްޒު އެމެމްބަރުންނަށް ދީ ޚަލާސްކޮށްފައި ނުވާކަމަށް އެނގިފައި ވެއެވެ.

މުއިއްޒު މެމްބަރުން ގަތުމަށް ޚަރަދު ކޮށްފައިވަނީ, ފުށި ދިއްގަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ސްރީލަންކާގެ ސީއެމްސީސީ ކުންފުޏަށް ދީގެން އެކުންފުނިން 100 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރު އިންތިހާބުވާއިރު ހުންނަ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭގޮތަށް ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލް، ފާސްކުރަން ވޯޓު ދެއްވާފައިވަނީ 33 މެންބަރުންނެވެ. އަދި އެ ބިލް ފާސްކުރަން ނުފެންނަކަމަށް ވޯޓުދެއްވާފައިވަނީ 6 މެންބަރުންނެވެ.

މިބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުالله އެވެ.

މެންބަރު އަބްދުالله މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ، ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އަބްދުﷲ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މަޖިލީހަށް ހޮވޭ ފަރާތަކުން ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މަޖިލިސް މެންބަރުން ގޮނޑި ދޫވާން ނޭދޭނަމަ، ހޮވުނުއިރު ހުންނެވި ޕާޓީއާއެކު ދައުރު ނިމެންދެން ހުރުން ލާޒިމުވާނެއެވެ.

މި ބިލު ފާސްވެއްޖެނަމަ ވެގެންދާނީ ރައްޔިތުން އެއަށް އަމަލު ކުރަންޖެހޭ ގާނޫނަކަށް ވާތީ މި ބިލް ފާސްކުރުމަށް މިއަދުގެ މަޖިލީހުގައި ވޯޓަށް އެހޭނީ މަޖިލިސް ތަޅުމުގައި 44 މެންބަރުން ހަމަވެގެންކަން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނެންގެވި ނިޒާމީ ނުކުތާގައި ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އެ ނިޒާމީ ނުކުތާ ބަލައިގަނެފައެއް ނުވެއެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ މީގެ ކުރިން އަމަލު ކުރަމުން އައި ގާނޫނެކެވެ. އެހެން ނަމަވެސް އެގާނޫނު އޭރު ފާސްކޮށްފައިވަނީ ވަކި މެމްބަރުންތަކަކަށް އެކަށްޏެވެ. އެގާނޫނު އުވާލީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވެ.