ހއ. ދައްޕަރުގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ފިއްލަދޫ ކައުންސިލުން ކުރިޔަށް ގެންދަނިކޮށް, ކައުންސިލުން ދައްޕަރު ވަކިކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްތަކުގެ އިހްތިޞާޞް ކަނޑައެޅުއްވިއިރު، ދައްޕަރު އޮތީ ފިއްލަދޫގެ އިހްތިޞާޞްގެ ތެރޭގައި ހިމަނުއްވާފައެވެ. އެއަށްފަހު, ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ދައްޕަރު ވަކި ކުރީ ރައީސް ސޯލިހު ނެރުއްވި ގަރާރަކުން 2021 ވަނަ އަހަރުގެ އޯގަސްޓު 29، ގަ އެވެ.
އެހެންނަމަވެސް އެއަށްފަހު ހއ. ފިއްލަދޫއާ އެއް ބިމެއްގައި އޮތް ދައްޕަރު އެ ރަށުގެ އިހުތިސާސުން ވަކިކުރުމުން ކުރިމަތިވި ޕްރެޝަރުތަކަށް ދޫ ދެއްވައި، ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ދައްޕަރު އަލުން ރައީސް ސާލިހު ހިމެނުއްވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އެއީ ދައްޕަރުގެ މައްސަލައިގަ ފިއްލަދޫ ރައްޔިތުންތަކެއް އިސްނަގައިގެން ރައީސްއަށް ޕެޓިޝަން ހުށަހެޅުމާއެކުއެވެ. އެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދައްޕަރު އަނބުރާ ދިނުމަށް ނިންމާފައި ވަނީ މި 2021 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 4 ގަ އެވެ.
ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކި ކުރިއިރު އޭރުގެ ސަރުކާރުގެ ވިސްނުމަކީ އެ ރަށުގައި ޓުއަރިޒަމް ތަރައްގީ ކުރުމެވެ. ނަމަވެސް ފިއްލަދޫ ރަށު ކައުންސިލުގެ އެދުމަކީ އެ އޮފީހުގެ އިހްތިސާސްގެ ތެރޭގައި އެރަށް ބާއްވައިގެން ޕްރޮޖެކްޓެއް ހިންގާނަމަ އެކަން ކުރުމެވެ.
ފާއިތުވި ޑިސެމްބަރުމަހު ފިއްލަދޫ ކައުންސިލުން ވަނީ ދައްޕަރުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބިޑަށް ހުޅުވާލާފައެވެ. ކައުންސިލުން ބިޑަށް ހުޅުވާލީ އެރަށް ހިމެނޭގޮތުން 226 ހެކްޓަރުގެ ބިން އެރަށާއި އަދި ފިއްލަދޫން ފަޅުންވެސް ބައެއް ހިމެނޭ ގޮތުން, ފަތުރުވެރިކަމަށް ނުވަތަ ބަންކަރިންގެ ޚިދުމަތް ތަރައްގީ ކުރުމަށެވެ.
އެ އިއުލާނާގުޅުގެން ހުށަހެޅި ބީލަންތައް ފިއްލަދޫ ކައުންސިލުން މިހާރު ދަނީ އިވޭލުއޭޓް ކުރަމުންނެވެ.
އެހެންނަމަވެސް މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު ކަމުގައިވާ އަބުދުއްރަހީމްގެ ދަރިފުޅު, ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލް ވަނީ, ދައްޕަރު ރިސޯޓުގައި ރިއަލް އެސްޓޭޓް ޓުއަރިޒަމް ކޮންސެޕްޓެއް ޑިވެލޮޕްކުރުމަށް އެރަށް ބަލާލުމަށް ކަމަށް ވިދާޅުވެ މިއަދު އެރަށަށް ޒިޔާރަތް ކުރައްވާފައެވެ.
އެހެންނަމަވެސް ގާނޫނު ބުނާގޮތުން, ޓޫރިޒަމް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެއް ކުއްޔަށް ދެވޭނީ ހަމައެކަނި ސަރުކާރުގެ 100 ހިއްސާ އެކުލެވޭ ކުންފުންޏަކަށެވެ. އޭގެ ސަބަބުން, "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ސަރުކާރުން މިހާރު ނިންމާފައިވަނީ މި ރަށުގައި ބޭރު މީހުން އާބާދުކޮށް ސެކަންޑް ހޯމް ރެސިޑަންސީ ޕްރޮގްރާމެއް ހިންމުމަަށް, އެރަށް ފިއްލަދޫ ކައުންސިލްގެ އިހު ތިސާސްއިން ވަކިކޮށް އެއީ ސަރުކާރުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޚާއްސަކޮށްފައިވާ ރަށެއްގެ ގޮތުގައި ހަމަޖައްސާށެވެ.
މިއީ ޓުއަރިޒަމާއިބެހޭ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެކެވެ.
ޓުއަރިޒމާބެހޭ ގާނޫނުގައި ބުނެގައިވަނީ ތިރީގައި މިވާ ގޮތަށެވެ.
(ހ) ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމްތަރައްގީކުރުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުހައި ދައްޕަރުގައި ރިއަލް އެސްޓޭޓް ޓުއަރިޒަމް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާއިރު, އަބުދުއްރަހީމްގެ ދަރިފުޅު, ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލް އާއި ގުޅުން އޮތް ޗައިނާގެ ބޮޑެތި ބައެއް ކުންފުނިތަކުން އަމިއްލަ ކުރެވޭގޮތަށް ދައްޕަރުގައި ވިލާތައް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
ފިއްލަދޫގެ އިގްތިސާދާ ގުޅުން އޮތް ދައްޕަރު ފިއްލަދޫ ކައުންސިލްއިން ވަކި ކުރުމަކީ ފިއްލަދޫ ރައްޔިތުން އަބަދުވެސް ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.