ދައުލަތުގެ މީޑިއާގެ ގާނޫނާ ޚިލާފަށް ޕީއެސްއެމްއިން މިރޭ ލައިވް ކުރަމުންދާ, ހިޔާ ސަރަހައްދުގައި, ރައީސް މުއިއްޒު ބައިވެރިމުންދާ ޖަލްސާއަށް 100 މީހުންވެސް ހާޒިރުވެފައިނުވާކަން ހާމަ ވެއްޖެއެވެ.
މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން އެގޭ ގޮތުގައި 40,000 އާންމު ރައްޔިތުން ދިރިއުޅެމުންދާ ހިޔާ ސަރަހައްދުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަން ފެއްޓެވިއިރުވެސް އެ ސަރަހައްދަށް 100 މީހުންވެސް ޖަމާވެފައެއް ނުވެއެވެ.
ހަމަ އެއާއެކު ދައުލަތުގެ މީޑިއާއިން, ޕީއެސްއެމްގެ ގާނޫނާ ޚިލާފަށް, ”ދިވެހީންގެ ރާއްޖެ“ ނަމުގައި ސަރުކާރުން ކުރިޔަށް ގެންދާ, މަޖިލިސް އިންތިޚާބުގެ ކެމްޕޭން އިވެންޓުތައް ޕީއެސްއެމްއިން މިރޭ ވަނީ ލައިވް ކުރަން ފަށާފައެވެ.
އެގޮތުން ޕީއެސްއެމްއިން ދަނީ މިރޭވެސް ހިޔާ ސަރަހައްދުގަ, ޕީއެންސީގެ ކެނޑިޑޭޓުން ޕްރޮމޯޓް ކުރުމަށް އެޕާޓީން ބާއްވަމުންދާ, ރައީސް މުއިއްޒު ބައިވެރިވާ ސިޔާސީ އިވެންޓް ލައިވް ކުރަމުންނެވެ.
އެހެންނަމަވެސް, ޕީއެސްއެމްގެ ގާނޫނުގައި ބުނެފައިވާ ގޮތުން, ސިޔާސީ އިވެންޓްތައް ލައިވްކޮށް, ވަކިފަރާތަކަށް ފައިދާ ލިބޭގޮތަށް އެ ކުންފުނި ހިންގަމުން ދިއުމަކީ ގާނޫނީ ކުށެކެވެ.
އެހެންނަމަވެސް ޕީއެސްއެމްއިން ދަނީ, ރައީސް މުއިއްޒު ބައިވެރިވާ ހުރިހާ ސިޔާސީ އިވެންޓްތައްވެސް ލައިވް ކުރަމުންނެވެ. މިއީ ކުރީގެ އެއްވެސް ވެރިކަމެއްގައި އެ ކުންފުނިން ކޮންފައިވާ ކަމެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ.
މިއީ, ގާނޫނުން ކަނޑައެޅިގެން މަނާކޮށްފައިވާ, އަދި އެކުންފުނީގެ ވެރިންގެ މައްޗަށް ކޮރަޕްޝަޕްގެ ދައުވާ ކުރެވޭނެ ކުށެއްކަންވެސް ފާހަގަ ކޮށްލެވެއެވެ. އެއީ ދައުލަތުގެ މުދާ ނުހަމަ ގޮތުގައި ބޭނުން ކުރުމަކީ, ކޮރަޕްޝަން ހުއްޓުވުން މަނާކުރާ ގާނޫނުން މަނާކޮށްފައިވާ, އަދި ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވެ, މުދަލުގެ ބޭނުން ނުހަމަ ގޮތުގައި, ވަކި ފަރާތަކަށް ފައިދާވާގޮތަށް ބޭނުން ކުރަމުންދާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް އެގާނޫނުން ފުރުސަތު ލިބިދޭތީއެވެ.