ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމްކުރުމާ ގުޅޭގޮތުން ޗައިނާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ޗައިނާ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި މައުލޫމާތު "ދިޔަވަރު އޮންލައިން" އަށް ލިބިއްޖެއެވެ.
ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ ފާއިތުވި ޖެނުއަރީމަހުގެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެން, ޖެނުއަރީ 13 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެ ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޚާއްޞަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްވެސް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރެއްވި ކަމަށެވެ. މި މަޝްރޫޢުގައި ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއް، މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗަރ އެސްޓޭބްލިޝްމެންޓެއް ޤާއިމްކުރެވޭނެކަން މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް މި އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. "ދިޔަވަރު އޮންނައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުތުރު ތިލަފަޅުގައި ފުޑް ސެކިއުރިޓީއާއިބެހޭ ޕްރޮޖެކްތެއް ގާއިމްކުރުމުގެ ނަމުގައި ކުރިޔަށް ގެންދަނީ ޗައިނާގެ ނޭވީގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތްތަކެވެ. އެގޮތުން މި ތަނުގައި ގާއިމް ކުރެވޭ ނޭވަލް އަސްކަރީ ބޭހުގައި އިންޑިއާ ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރެވޭވަރުގެ ރާޑަރު ސިއްޓަމަކާއި ރިސާޗް ފެސިލިޓީއެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ ފުޑް ސެިއުރިޓީ ގާއިމް ކުރުމުގެ ނަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ހިންގާ މަސައްކަތްތައް މިހާތަނަށް ނޫސްވެރިންނަށްވެސް ވަނީ ސިއްރުކޮށްފައެވެ. އެގޮތުން އުތުރު ތިލަފަޅަށް ހުއްދަ ނުހޯދާ އެއްވެސް ބަޔަކު އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ.