ޚަބަރު

ކުރުސީ އެކައުންޓް އަލު އެކްޓިވޭޓް ކޮށްފި, ފާޑިއުންތައް ހަޖަމްނުވެ މިނިވަން މީޑީއާތަކުގައި ކަސްތޮޅު އެޅުވުމަށް މުއިއްޒު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބެއް ނެތް! ޑިކްޓޭޓަރުންގެ އެންމެ ބޮޑު ބިރަކީ އަބަދުވެސް މިނިވަން މީޑިއާ!

ދިޔަވަރު
ކުރުސީ އެކައުންޓް އަލު އެކްޓިވޭޓް ކޮށްފި, ފާޑިއުންތައް ހަޖަމްނުވެ މިނިވަން މީޑީއާތަކުގައި ކަސްތޮޅު އެޅުވުމަށް މުއިއްޒު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބެއް ނެތް! ޑިކްޓޭޓަރުންގެ އެންމެ ބޮޑު ބިރަކީ އަބަދުވެސް މިނިވަން މީޑިއާ!

ސަރުކާރުގެ ތެރޭގައި ހިގަމުންދާ ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް, ރައީސް މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުތަކުގެ ތެދު ހަގީގަތް އާންމުންނާއި ހަމައަށް ތިލަކޮށްދެމުންދާ ސޯޝަލް މީޑިއާއެކައުންޓް "ކުރުސީ" އެކްސް ކުންފުނިން ސަސްޕެންޑް ކުރިތާ އެއްދުވަސްވެސް ނުވަނީ, އެކުންފުނިން އެ އެކްސް ހޭންޑްލް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.

އެގޮތުން "ކުރުސީ" އެކްސް ހޭންޑްލް މިހާރު އަނެއްކާވެސް ވަނީ އޮޕަރޭޓް ކުރަން ފަށާފައެވެ.

ފާއިތުވެދިޔަ ތަނުގައި "ކުރުސީ" އެކްސް ހޭންޑްލްއިން ވަނީ ރައީސް މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުތަކާއި, މުއިއްޒުގެ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނާއި, އަދި ސިޔާސީ މަގާމްތަކަށް މުއިއްޒު އައްޔަން ކޮށްފައިވާ ފަރާތްތަކުން ހިންގާފައިވާ ޖިންސީ ފުރައްސާރައިގެ އަމަލްތަކުގެ އިތުރުން, ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ފަސާދައިގެ އެތައްކަމެއްގެ ސާފު ހަގީގަތް އާންމު ރައްޔިތުންނާއި ހަމައަށް ގެނެސްދީފައެވެ.

އެހެންނަމަވެސް, މިހަގީގަތްތަކާއި ކުރިމަތިލައްވަން ކެރިވަޑައި ނުގެން, "ކުރުސީ" އެކްސް ހޭންޑްލް ސަސްޕެންޑް ކުރީ ރައީސް މުއިއްޒުގެ ސަރުކާރުން ފޯރުކޮށްދިން ދޮގު މައުލޫމާތުތަކަށް ބަރޯސާ ކޮށްފައެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުގެ އެންގެވުމަށް މި ސަރުކާރުން އެކްސްއަށް ފޯރުކޮށްދިން މައުލޫމާތަކީ އެއްވެސް ހަގީގަތެއްނެތް މައުލޫމާތުތަކެއްކަން އެކްސް ކުންފުންޏަށް ވެރިފައި ކުރެވުމާއެކު, "ކުރުސީ" އެކްސް ހޭންޑްލް ވަނީ އަލުން އެކްޓިވޭޓް ކޮށްފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ ސަރުކާރަށް ފާޑު ކިޔަމުންދާ ފަރާތްތަކުގެ ދޫ ބަންދުކުރުމަށް ނޫސް މީޑިއާތަކަށް ބިރުދައްކާ, އަދި ނޫސް މީޑިއާތަށް ބްލޮކްވެސް ކުރަމުންނެވެ. އެގޮތުން މީގެ 3 މަހެއްހާ ދުވަސް ކުރިން މުއިއްޒުގެ އެންގުމަށް ސަރުކާރުން ވަނީ "ދިޔަވަރު އޮންލައިން" ވެސް ބްލޮކް ކޮށްފައެވެ.

އެހެންނަމަވެސް މީޑިއާތަކުގެ ޕްރެޝަރަށް ކެތް ނުވެގެން ސަރުކާރުން ފަހުން ވަނީ "ދިޔަވަރު އޮންލައިން" އަންބުލޮކް ކޮށްފައެވެ.

ދުނިޔޭގެ ތާރީޚަށް ބަލާއިރުވެސް, ޑިކްޓޭޓަރުން އަބަދުވެސް އެންމެ ބޮޑަށް ޖެހިލުންވަނީ މިނިވަން މީޑީއާތަކަށެވެ. އެގޮތުން ދުނިޔޭގައި ޚުދުމުޚްތާރު ވެރިކަން ކުރަމުންދާ ގައުމުތައް ކަމުގައިވާ ޗައިނާ އަދި ދެނުކު ކޮރެއާފަދަ ގައުމުތަކުގައި ހިންގުމުގެ ފުރުސަތު ދީފައި އޮންނަނީ އެ ގައުމުތަކުގެ ސަރުކާރުތަކަށް ސަނާ ކިޔާ މީޑިއާތަކަށް އެކަންޏެވެ.