ޚަބަރު

ދައުލަތުގެ މީޑިއާއިން ޕީއެންސީއަށް ކެމްޕޭން ކޮށްދޭނަމަ, ޕީއެސްއެމްގެ ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރެވޭނެ! މުއިއްޒުގެ އަމިއްލަ މަސްލަހަތަށް ގުރުބާން ކުރައްވަމުން ގެންދަވަނީ ކުންފުނިތަކުގެ ވެރިންނާއި އާދައިގެން މުވައްޒަފުން!

ދިޔަވަރު
ދައުލަތުގެ މީޑިއާއިން ޕީއެންސީއަށް ކެމްޕޭން ކޮށްދޭނަމަ, ޕީއެސްއެމްގެ ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރެވޭނެ! މުއިއްޒުގެ އަމިއްލަ މަސްލަހަތަށް ގުރުބާން ކުރައްވަމުން ގެންދަވަނީ ކުންފުނިތަކުގެ ވެރިންނާއި އާދައިގެން މުވައްޒަފުން!

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްްއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ ޕީއެންސީގެ މަޖިލިސް ކެމްޕެއިނަށް އާދަޔާ ހިލާފު ބޮޑު ކަވަރޭޖެއް ދީ އަދި އެ ކުންފުނީގެ ހޭންޑްތަކުން ރައީސް މުއިއްޒުގެ ވީޑީއޯ ކުލިޕްތައް އާންމުކޮށް, އެޕާޓީއަށް ކެމްޕޭން ކޮށްދެމުން ދިއުމަކީ ދައުލަތުގެ މީޑިއާ ހިނގުމަށް އެކުލަވާލާފައި އޮތް ގާނޫނުން ކަނޑައެޅިގެން މަނާކޮށްފައި އޮތް ކަމެއް ކަމުގައި ގާނޫނީ ވަކީކުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އަކީ ވަކި ފަރާތަކަށް ބުރަނުވެ، ރައްޔިތުންނަށް ހިދުމަތް ކުރަން، ގާނޫނަކުން އުފައްދާފައި އޮތް ދައުލަތުގެ ކުންފުންޏެކެވެ. އެ ގާނޫނުގައި "ނުފޫޒުން އެއް ކިބާވުން" މި ސުރުހީގެ ދަށުން އޮތް ހަ ވަނަ މާއްދާގެ ރ. ގައި އޮތީ "ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސާވިސް މީޑިއާއިން ހިންގައިގެން ނުވާނެ" ކަމަށެވެ.

ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ ގާނޫނާ ޚިލާފަށް, ”ދިވެހީންގެ ރާއްޖެ“ ނަމުގައި ސަރުކާރުން ކުރިޔަށް ގެންދާ, މަޖިލިސް އިންތިޚާބުގެ ކެމްޕޭން އިވެންޓުތައްވެސް ޕީއެސްއެމްއިން މިހާރުވަނީ ލައިވް ކުރަން ފަށާފައެވެ.

އެގޮތުން ޕީއެސްއެމްއިން ދަނީ ޕީއެންސީގެ ކެނޑިޑޭޓުން ޕްރޮމޯޓް ކުރުމަށް އެޕާޓީން ބާއްވަމުންދާ, ރައީސް މުއިއްޒު ބައިވެރިވާ ސިޔާސީ އިވެންޓް ލައިވްކޮށް, އަދި ރައީސް މުއިއްޒު ސިޔާސީ އިވެންޓްތަކުގައި ދައްކަވާ ހުރިހާ ވާހަކަތަކެއްވެސް ލައިވް ކުރަމުންނެވެ. އެހެންނަމަވެސް, ޕީއެސްއެމްގެ ގާނޫނުގައި ބުނެފައިވާ ގޮތުން, ސިޔާސީ އިވެންޓްތައް ލައިވްކޮށް, ވަކިފަރާތަކަށް ފައިދާ ލިބޭގޮތަށް އެ ކުންފުނި ހިންގަމުން ދިއުމަކީ ގާނޫނީ ކުށެކެވެ.

މިއީ, ގާނޫނުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމަކަށް ވާއިރު, "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ބައެއް ގާނުނީ ވަކީލުން ވިދާޅުވި ގޮތުގައި, ގާނޫނާ ޚިލާފަށް ޕީއެސްއެމްއިން ސިޔާސީ އިވެންޓް ތަކާއި, އެ ކުންފުނީގެ ސޯޝަލް މީޑީއާ ހޭންޑްލްތަކުން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދާ ދިނުމަށް ކުރަމުންދާ މަސައްކަތްތަކަކީ އެކުންފުނީގެ ވެރިންގެ މައްޗަށް ކޮރަޕްޝަޕްގެ ދައުވާއާއި ވަކި ފަރާތަކަށް ނާޖާއިޒް ފާއިދާ ހޯދާދިނުމުގެ ކުށުގެ ދައުވާވެސް އުފުލުމަށް ފުރުސަތު އޮތް ކަންތައްތަކެއް ކަމުގައެވެ. އަދި އޮޅުމެން ނެތް މިންވަރަށް ސާބިތުވާން ހުރި ކަންތައްތަކެއްކަމަށްވެސް ގާނޫނީ ވަކީލު ވިދާޅުވެފައި ވެއެވެ.

އެއީ ދައުލަތުގެ މުދާ ނުހަމަ ގޮތުގައި ބޭނުން ކުރުމަކީ, ކޮރަޕްޝަން ހުއްޓުވުން މަނާކުރާ ގާނޫނުން މަނާކޮށްފައިވާ ކަމަކަށް ވުމުގެ އިތުރުން, ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވެ, މުދަލުގެ ބޭނުން ނުހަމަ ގޮތުގައި ކޮށް, ވަކި ފަރާތަކަށް ފައިދާވާގޮތަށް ބޭނުން ކުރަމުންދާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ގާނޫނުން ފުރުސަތު ލިބިދޭތީކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދައުލަތުގެ ކުންފުނިތަކަށް އައްޔަން ކޮށްފައިވަނީ ސިޔާސީ އެކްޓިވިސްޓުންނެވެ. އަދި ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ސިޔާސީ މަސްލަހަތު އިސްކޮށް, އަމިލަފުޅުން މަންފާއަށް ކުންފުނިތަކުގެ އިސްވެރިންނާއި އާދައިގެން މުވައްޒަފުންވެސް ގުރުބާން ކުރައްވަމުންނެވެ.