ޕީއެންސީގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރާ, ވައްކަމާއި ޑްރަގް ވިއްކުމުގެ ރެކޯޑް އޮންނަ, މުއިއްޒުގެ ތާއީދުއޮތް މުހައްމަދު ޝަމްއޫނު އަކީ "ޖައުސާ ފްލެޓް ސްކޭމް"ގައި ހިމެނޭ ފަރާތެއްކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ޖާހް އިންވެސްޓްމަންޓްސް އިން ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 'ދަ ގާޑަންސް' ގެ އެޅުމަށް ޖާހް ކުންފުންޏާ އެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއި ކުރީ މީގެ 7 އަހަރު ކުރިން، 2017 ގައެވެ. ނަމަވެސް އިން ކަނޑައެޅުމުގައި އޭރު ދިމާވި މައްސަލައެއްގެ ސަބަބުން އެ ކުންފުންޏާ ބިން ހަވާލު ކުރީ ޖެހިގެން އައި 2018 ވަނަ އަހަރު އެވެ.
އެހެންނަވެސް އެ ކުންފުންޏާއި ޕްރޮޖެކްޓް ހަވާލުކުރި ނަމަވެސް, މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެ ކުންފުނިން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އަލުން މަސައްކަތް ފެށިއެވެ.
އަދި ޖާހް އިންވެސްޓްމަންޓްސް އިން ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ މި ކޮންޑޯގެ މަސައްކަތް ނިންމައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުލައިންޓުންނާ ހަވާލު ކުރާނެ ކަމުގެ ޔަގީންކަންވެސް 2023 ވަނަ އަހަރުގެ މެދުތެރޭގައި ދީފައި ވެއެވެ. އެހެންނަމަވެސް އަދިވެސް މި ފްލެޓްތައް ފައިސާ ދެއްކި ފަރާތްތަކާއި ހަވާލު ކޮށްފައެއް ނުވެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ރައީސް މުއިއްޒު ތާއީދާއެކު ޕީއެންސީގެ ވައިކަރަދޫ ދާއިރާގެ ކެނޑިޑޭޓްގެ ގޮތުގައި ވާދަކުރަމުންދާ މުހައްމަދު ޝަމްއޫނުއަކީ ޖައުސާ ޖައުފަރުގެ ދަރިފުޅުގެ ވިޔަފާރީގެ ޕާޓްނަރެކެވެ. އަދި އޭނާ މަޖިލިހަށް އިންތިޚާބު ކުރުމަށް ޖާހް އިންވެސްޓްމަންޓްސް މިހާތަނަށް 4 މިލިއަން ރުފިޔާ އިންވެސްޓް ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ޝަމްއޫންއަކީ ވައްކަމާއި ޑްރަގް ވިއްކުމުގެ ރެކޯޑް އޮންނަ މީހެކެވެ.
އެގޮތުން ވައްކަމުގެ ކުށް ސާބިތުވެ އޭނާ ޖަލުހުކުމެއް ތަންފީޒު ކޮށްފައި ވެއެވެ. އޭނާ ވައްކަން ކޮށްގެން ޖަލަށް ލާފައިވަނީ 2007 ވަނަ އަހަރު ސަލްޓަންްސް އޮފްދަ ސީސްގެ މެރިން ޓެކްސީސްގެ ތަތްގަޑެއް ޖަހައިގެން ކުލިކް ކޮމްޕިއުޓާސްއިން ދެ ލެޕްޓޮޕް މަކަރާއި ހީލަތުން ނެގުމުގެ ކުށުގައެވެ. އެ މަސައްލާގައި އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ 9 މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށެވެ.
އޭގެ އިތުރުންވެސް ޝަމްއޫންއަކީ މަސްތުވާތަކެތި ވިއްކުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ މީހެކެވެ. އޭނާ މިނިވަން ކޮށްފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ.
އޭނާއަކީ ގިނަ ކުށްތަކުގެ ރެކޯޑް އޮންނަ ފަރާތެކެވެ. އެގޮތުން ތިރީގައި މިވަނީ އޭނާގެ މައްޗަށް މިހާތަނަށް ތަންފީޒު ކޮށްފައި އިތުރު ބައެއް ހުކުމްތަކުގެ ބައެއް ތަފްސީލެވެ.
- އަމުރަށް ނުކިޔަމަންތެރިވުން: 150 ރުފިޔާއިން ޖުރިނަމާ ކުރުން
- އެކްސިޑެންވުމުން ކަމާބެހެ ފާރާތްތަކަށް ނާންގާ ހުރުން (ފިލައިގެން ދިއުން): 3 މަސްދުވަހަށް ގޭބަންދު ކުރުން
- ދޮގު ހެކި ދިނުން: 4 މަސްދުވަހަށް އަރުވާލުން
ޕީއެންސީގެ ޓިކެޓްގައި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ގޭންގް ސްޓާރުންނާއި, ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ވާދަކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.
ޕީއެންސީގެ ކެނޑިޑޭޓް އެމްޑީޕީގެ ޒުވާނަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި ފުލުހުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ކުރިޔަށް އޮތް މަޖިލިސް ކެމްޕޭންގައި, ވިޔަފާރިވެރިންގެ އުނގަށް ވެއްޓި, ރައީސް މުއިއްޒު ގެންދަވަނީ, ޑްރަގް ޑީލަރުންނާއި, ވަގުންނާއި އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ މީހުންނަށް ތާއީދުކޮށް, އެމީހުން މަޖިލިހަށް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ.