ޚަބަރު

ރޯދަމަހުގެ ފަހުދިހަ ބަންދުކުރީ އުމްރާ ގުރޫޕްތަކުގެ ވިޔަފާރި ކުރިއަރުވަން! އިސްލާމިކް މިނިސްޓްރީގެ ވެރިންގެ ގޮތުގައި ތިބި ގިނަ މީހުންނަކީ އުމްރާ ގުރޫޕްތަކުގެ ވެރިން!

ދިޔަވަރު
ރޯދަމަހުގެ ފަހުދިހަ ބަންދުކުރީ އުމްރާ ގުރޫޕްތަކުގެ ވިޔަފާރި ކުރިއަރުވަން! އިސްލާމިކް މިނިސްޓްރީގެ ވެރިންގެ ގޮތުގައި ތިބި ގިނަ މީހުންނަކީ އުމްރާ ގުރޫޕްތަކުގެ ވެރިން!

ފާއިތުވި ރިޔާސީ އިންތިޚާބުގައި, ރޯދަމަހުގެ ފަހު ދިހަ ދުވަސް ބަންދު ކުރުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ, އިސްލާމިކް މިނިސްޓްރީގެ މިހާރުގެ ވެރިންގެ ގޮތުގައި ތިބި ފަރާތްކަކުން, އަޑީގައި ތިބެގެން, ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ގުރޫޕްތަކުގެ ވިޔަފާރި ކުރިއެރުވުމުގެ މަގުސަދުގައިކަަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, މައުލޫމާތު އެނގޭ ފަރާތަކުން ކިޔައިދިން ގޮތުގައި, ރޯދަމަހުގެ ފަހުދިހަ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖެއްސުމަށް ރައީސް މުއިއްޒު ރިޔާސީ އިންތިޚާބިގައި އިއުލާން ކުރީ, އެއީ މިހާރުގެ އިސްލާމިކް މިނިސްޓްރީގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތަކުން ރާވައިގެން ކަމުގައެވެ. އޭގެ ބޭނުން މިހާރު ވަރަށްވެސް ރަގަޅަށް ހާސިލް ކުރަމުންދާކަމުގައިވެސް އޭނާ ކިޔައިދިނެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިނަ ފަރާތުން ކިޔައިދިން ގޮތުގައި, އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް ހިމެނޭ ގޮތުން, އެމިނިސްޓްރީގެ މިހާރުގެ ވެރީންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ, ރާއްޖޭއިން އުމްރާއަށް އެންމެ ގިނައިން މީހުން ގެންދަމުންދާ ޖަމާއަތްތަކުގެ ހިއްސާ އޮތް ފަރާތްތައް ކަމުގައެވެ.

އެހެންކަމުން ރޯދަމަހުގެ ފަހުދިޔަ ބަންދު ކުރުމުން, އެ ޖަމާއަތްތަކުގެ ވިޔަފާރި ވަރަށްވެސް ބޮޑުތަނުން ކުރިއަރައިގެން ދިއުމުން އޭގެ މަންފާ ކުރަނީ އިސްލާމިކް މިނިސްޓްރީގެ ވެރީންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށްކަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފަރާތުން ބުނެފައި ވެއެވެ.

ރޯދަމަހުގެ ފަހުދިހަ ބަންދު ކުރުމުން ރާއްޖެއިން އުމްރާއަށް ގޮސްފައިވާ ފަރާތްތަކުގެ އަދަދު ވަރަށްވެސް ބޮޑުތަނުން ވަނީ އިތުރު ވެގެން ގޮސްފައެވެ. އެގޮތުން އުމާރާ ގުރޫޕްތަކުގެ ގިނަވެރީން މިހާރުވެސް ތިބީ މައްކާގައެވެ.

އެހެންނަަމަވެސް, އަޅުކަަމަށް ފުރުސަތު ދިނުމަށްކަމަސް ވިދާޅުވެ ރައީސް މުއިއްޒު ރޯދަމަހުގެ ފަހު ދިހަ ބަންދު ކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އަޅުކަންތަކަށް ސަމާލުކަން ދިނުމެެއް ނެތި, މުއިއްޒު ގެންދަވަނީ ރޯދަމަހުގެ ފަހު ދިހައިގެ ދުވަސްތަކުގައިވެސް ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އިސްލާމިކް މިނިސްޓްރީގެ ވެރިންގެ ތެރޭގައި, އުމްރާއަށް މީހުން ގެންދާ ގުރޫޕްތަކުގެ ވެރިން ތިބިއިރު, މީގެ ތެރެއިން ބައެއް ގުރޫޕްތަކުން މިހާރުވެސް ދަނީ ނާޖާއިޒް ގޮތުގައި ސަރުކާރުގެ ތެރެއިން ޕްރޮޖެކްޓްތައް ހޯދަމުންނެވެ. އޭގެ ތެރެއިން ފާގަހަ ކުރެވޭ އެއް ޖަމައަތަކީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕެވެ.

އެގުރޫޕަށް ޢުމްރާއާއިބެހޭ މައުލޫމާތު ފެތުރުމުގެ ނަމުގައި, އިއުލާން ކުރުމަކާ ނުލާ ބޮޑު ޕްރޮޖެކްޓެއް ޕީއެސްއެމްއިން ވަނީ ހަވާލު ކޮށްފައެވެ.

ޑރ. ޝަހީމްއާއި އޭނާގެ ނާއިބުގެ މަގާމްގައި ހުންނެވި އަލީ އަހުސަންގެ ހައްޖު ގުރޫޕް “ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕް”އަކީ ޔާމިން އިދުރީސްއާއި, އަލީ އަހުސަން އަދި އޭގެ އިތުރުން އިބުރާހިމް އަޝްވާގު ކިޔާ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހައްޖު އަދި އުމްރާ ގުރޫޕެކެވެ.

އެގޮތުން މި ގުރޫޕްގެ އެއް ހިއްސާދާރު ކަމުގައިވާ ޔާމިން އިދުރީސްއަކީ ޑރ. ޝަހީމްގެ މިނިސްޓަރުކަމުގައި އެންމެ ފުރަތަމަ ހައްޖު ކޯޕަރޭޝަން އުފެއްދުމަށްފަހު އެ ކުންފުނި ހިންގުމަށް, އެތަނުގެ އެމްޑީގެ ގޮތުގައި ޑރ. ޝަހިމް އައްޔަން ކުރި ފަރާތެވެ. އޭރު ޑރ. ޝަހީމްގެ މިހާރުގެ ނައިބު އަލީ އަހުސަންވެސް މަސައްކަތް ކޮށްފައިވަނީ ޔާމިން އިދުރީސްއާއެކު ހައްޖު ކޯޕަރޭޝަންގައެވެ.

އެހެންނަމަވެސް އަލީ އަހުސަންއާއި ޔާމިން އިދުރީސް ހައްޖު ކޯޕަރޭޝަން ދޫކޮށް ދިޔައިރު އެކުންފުނީ އޮތީ އެތައް މިލިއަން ރުފިޔާއަކުން ދަރަނިވެރި ވެފައެވެ. ހައްޖު ކޯޕަރޭޝްންއިން ވަކިވުމަށްފަހު ޔާމިން އިދުރީސްއާއި އަލީ އަހުސަން ޓްރަވަލް އޭޖެންސީއެއް އުފެއްދުމަށްފަހު, ޑރ. ޝަހީމް އިސްވެ ހުންނަވާ ދެން އުފެއްދެވީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕްއެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕްއަށް, ހައްޖާއި އުމްރާއާއިބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ނަމުގައި, އިއުލާން ކުރުމަކާވެސް ނުލާ ބޮޑު ޕްރޮޖެކްޓެއް ޕީއެސްއެމްއިން ހަވާލުކުރިއިރު, ޕީއެސްއެމްގެ އުސޫލުތައް ހަމަޖެހިފައި އޮންނަގޮތުން, ވަކި ކުންފުންޏެއް އިސްތިހާރުވާގޮތަށް ފުރުސަތު ދިނުމަކީ ކުރެވޭނެ ކަމެއްވެސް ނޫންނެވެ.

އަދި އާންމުކޮށް އިއުލާން ކުރުމަކާނުލާ މި އުސޫލުން ޕްރޮޖެކްޓްތައް ހަވާލުކުރުމަކީ މާލިޔަތު ގަވަދުންވެސް މަނާ ކަމެކެވެ.

އަދި އަމުދުން ޢުމްރާއާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެވޭނެ އެތައް ކުންފުންޏެއް ރާއްޖޭގައި ވަނިކޮށް, އާންމުކޮށް އިއުލާން ކުރުމަކާނުލާ, ވަކި ކުންފުންޏަކާއި މިމަސައްކަތް ހަވާލުކުރުމަކީ ކޮރަޕްޝަންގެ އުސޫލުން, ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދާ ދިނުމަށް, ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.