ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ރާއްޖޭގެ ސްކޫލްތަކުގައި ގައުމިއްޔަތުގެ ނަމުގައި ޚާއްސަ މާއްދާއެއް ކިޔަވާދޭނެ ފެށިތާ 2 މަހެއްހާ ދުވަސްވެސް ނުވަނީސް, އއ. ރަސްދޫގައި ރޭ ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ރޭ ސޯޝަލް މީޑިއާގައި މި ވީޑިއޯ ފެންމަތި ވުމާއެކު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ޓީމެއް މިހާރުވަނީ ރަސްދޫއަށް ދަތުރު ކޮށްފައެވެ. އަދި މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.
އެހެންނަަމަވެސް, ކުޑަކުދިންތަކެއް ކުޑަކުއްޖަކަށް ބުލީ ކުރާ ވީޑިއޯއެއް ފެންމަތިވެގެން މިދިޔައީ, ގައުމިއްޔަތު ކިޔަވައިދިނުމަށް މުއިއްޒުގެ ސަރުކާރުން ވަކި މާއްދާއެއް އެކުލަވާލާ, ސްކޫލްތަކުގައި އެ މައްދާ ތައާރަފްކޮށް, އަދި ގައުމިއްޔަތު ދިރުވުމުގެ ނަމުގައި ޓީވީތަކުންނާއި އަދި ސޯޝަލް މީޑިއާތަކުގެ ވަސީލަތްތަކުންވެސް, ހައްދުފަހަނައެޅި ގައުމިއްޔަތުގެ ފަލްސަފާ ޕްރޮމޯޓް ކުރަން ފަށާފައި ވަނިކޮށެވެ.
މުއިއްޒުގެ ސަރުކާރުގެ ތައުލީމީ ވުޒާރާއިން މިހާރުވަނީ ”ގައުމިއްޔަތު“ގެ ނަމުގައި މުޅިން އާ މާއްދާއެއް އެކުލަވާލާ, ސްކޫލްތަކަށް އެ މާއްދާ ތައާރަފް ކޮށްފައެވެ.
އެހެންނަމަވެސް, ރާއްޖޭގެ ތައުލީމީ ނިޒާމަށް މުއިއްޒު ގެންނަވަން މަސައްކަތް ކުރަމުންދާ މި ބޮޑު ބަދަލާއި ގުޅޭގޮތުން އެތައް ބަޔަކު ދަނީ ޝައްކުގެ ނަޒަރަކުން ދެކެމުންނެވެ. ވަތަނީ ލޯބި ކިޔަވާ ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަގުސަދުގައި މުއިއްޒުގެ މި ފެއްޓެވި މަސައްކަތާމެދު ގިނަ ބަޔަކު ދަނީ ބޮޑެތި ތުހުމަތުތަކެއް ކޮށް ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ.
އަދުގެ ދުނިޔޭގެ ގައުމުތަކަށް ބަލާއިރު, ގައުމިއްޔަތުގެ ހައްދުފަހަނައެޅި ފިކުރިއްޔާތު އެންމެ ބޮޑަށް ދިރުވާ އާލާ ކުރަމުންދަނީ ޚުދުމުޚްތާރު ވެރިކަންތައް އޮތް ގައުމުތަކުގައެވެ. އޭގެ ތެރެއިންވެސް އެންމެ އަރާ އޮތް ގައުމަކީ ޗައިނާއެވެ. އެގައުމަކީ ޚުދުމުޚްތާރު ކޮމިއުނިސްޓް ވެރިކަމެއް އޮތް ގައުމެކެވެ.
އެއީ ޗައިނާގެ ”ގައުމިއްޔަތު“ގެ ސިޔާސަތެވެ. ގައުމިއްޔަތަކީ ހަގީގަތުގައި ރައްޔިތުން އަޅުވެތިކޮށް, ޚުދުމުޚްތާރުކޮށް ވެރިކަން ކުރުމުގެ ވިސްނުން ގެންގުޅޭ ވެރީން އަދުގެ ދުނިޔޭގައި ހިންގަމުންދާ ސިޔާސަތެކެވެ. ފިކުރެކެވެ. އެ ފިކުރުގައި ކޮންމެ މީހަކުވެސް އެންމެ އިސްކަން ދެނީ ތިމާގެ އަމިއްލަ ނަފްސަށެވެ. އަނެކުންގެ ހައްގެއް ނޯވެއެވެ. ތިމާގެ ގައުމަށް ނިސްބަތް ނުވާ ކޮންމެ މީހަކީ ދެވަނަ ދަރަޖައިގެ މީހެކެވެ.
އެ ފަލްސަފާގައި އިންސާނިއްޔަތު ކަމުގެ ބަދަލުގައި އިސްކަން ދޭންޖެހެނީ ގައުމިއްޔަތަށެވެ. ތިމާގެ އަމިއްލަ ނަފްސަށެވެ. ގައުމުތަކަށް ނިސްބަތްކުރާނަމަ ތިމާގެ އަމިއްލަ ގައުމަށެވެ. އެހެން މީހުންނަކީ ތިމާމެންނަށް ލިބިގެންވާ ހައްގުތަކުން މަހުރޫވެފައި ތިބޭ ބައެއްކަމުގައި ދެކުމަކީ ހައްދު ފަހަނައެޅި ގައުމިޔަތުގެ އަސާސްއެވެ. ހިތާމައާއެކު ދަންނަވަން ޖެހެނީ މިއީ މުއިއްޒުގެ ވެރިކަމުގައި ގައުމުގެ ސަމުގާގެ މިސާރާބު ހުރި އަމާޒު ކަމުގައި ދަންނަވަން ޖެހެއެވެ.
ކުޑަކުއްޖަކަށް އަނިޔާކުރި ކުޑަކުދިންގެ ކިބައިން ހަގީގަތުގައިވެސް ފެނިގެން ދިޔައީ މި ސިފައެވެ. އެ މަންޒަރުން ސިފަވެގެން ދިޔައީ, ޗައިނާގައި އެގައުމުގެ މުސްލިމުންނަށް އަނިޔާކުރާ މަންޒަރުތަކެވެ. އެގައުމުގައި އޮތް ހައްދފަހަނއެޅި ގައުމިއްޔަތުގެ ސިފަތަކެވެ.
ޗައިނާގެ ގައުމިއްޔަތުގެ އޮށް މުއިއްޒު މިވަނީ މިގައުމުގަ އިންދާފައެވެ. އެހެންނަމަވެސް އެ އޮށުން ގަސްފަޅާ ހެދި ފޯދުމުގެ ކުރިން މި ސިޔާސަތު ހުއްޓުވުމަކަށް ގެނެސް, މިގައު ސަލާމަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ވާޖިބަކަށް މިއަދު މިވަނީ ވެފައެވެ.